އާދިއްތަ ދުވަހާ ގުޅޭ
ކޮންމެވެސް ސަބަބަކާ ހެދި އެ ތަން އޮތީ ކުޑަކޮށް ވީރާނާވެފައެވެ. އަހަންނަށް ޖެހުނީ އެތަން ސާފުކުރާށެވެ. މަސައްކަތް ހަވާލުކުރުމާއެކު ބުދަކަށް ޗާބީދިންހެން އަހަރެން މަސައްކަތް ފެށީމެވެ. ފިނިފެންމާ ގަހުގެ ކަށިތަކުގައި އަޅައިގެންފައި އަތުގެ ދެތިން ތަނެއް ކަނޑައިގެންދިޔައެވެ. ހިތާހިތުން ކަށިތަކަށް އެއްޗެހިކިޔަމުން، މަސައްކަތްކުރަމުން އެނބުރިލެވުނު ގޮތަކުން އަމީނާގެ ފޮޓޯ ގަސްތަކުތެރޭގައި ހުއްޓާ އަހަންނަށް ފެނުނެވެ. ހަމަ ރަނގަޅަށް ވެސް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ރަނގަޅަށް ބަލައިލިއިރު އެއީ ފޮޓޯއެއް ނޫނެވެ. ދިރޭ އިންސާނެކެވެ. ލިބުނު ހައިރާންކަން ދެގުނައަށް އިތުރުވެފައި، އަހަންނަށް ބަލައިލެވުނީ ދުވަހަކު ވެސް ނުދެކޭ ކަހަލަ އެއްޗަކަށް ބަލާ ގޮތަށެވެ.
"ތީތަ އާދަނަކީ؟" އަމީނާ ސުވާލުކުރިއެވެ. "އާދަނަށް އެނގޭތަ މަޑީގަ ބައިންޖަހަން؟"
"ޔަގީން ކަށަވަރެއްނު!" އަހަރެން ބުނީމެވެ.
މަޑީގައި ބައިންޖެހިތަނާ އަމީނާ ފިރޯށްޓެއް ހިފައިގެން އައެވެ. އެ ހިސާބުން ފިރޯށްޓަށް ބަރަނިއޮޅައިދޭން ޖެހުނެވެ. އެ ކަން ނިމުމުން މަޑިއެއްލައިދޭން ޖެހިއްޖެއެވެ. އަމީނާއަށް ހަމައެކަނި އެނގެނީ މަޑިއެއްލައިގެން ހުންނާށެވެ. މަޑި ދަމައި ތިރިކޮށްދިންތަނާ ގުޑިއެއް ހިފައިގެން އައެވެ. އެ ވެސް އެއްލައިދޭން ޖެހުނެވެ. އެ ގޭގައި ތަންއޮވެއެވެ.
އަމީނާ ފެނުމުން އަހަރެންގެ ހިތުގައި އޮތް އެދުން ފުރިހަމަވިއެވެ. ގަބޫލުކުރަން ޖެހުނު ހަގީގަތަކީ ފޮޓޯއަށް ވުރެ އަމީނާގެ އަސްލު ސޫރަ މާ ރީތިކަމެވެ. އަހަންނަކީ އެހާ ރީތި އަންހެންކުއްޖެއް ހުވަފެނުން ވެސް ދުށް މީހެއް ނޫނެވެ. އެކަމަކު ހަމަލޮލަށް އަމީނާ ފެނި އަމީނާޔާ ވާހަކަ ވެސް ދެއްކިއްޖެއެވެ. އެހިސާބުން، އަހަރެންގެ ހެޔޮ ނަސީބަށް ޝުކުރުކުރަމުން ހަޔާތުގެ ދެން ހުރި ކަންތައްތަކައިގެން މަޝްއޫލުވީމެވެ. ދަސްކުރަން ހުރި ފިލާވަޅު ހުއްޓެވެ. ދިޔަހިއްކަންޖެހޭ ވަޅެއް ހުއްޓެވެ. ބޮޑު ޑަބިޔަލެއްގެ އަވެލި ފޮޅަން ހުއްޓެވެ. ހިލަކަރުދާސް ލާންޖެހޭ ހަތަރު އަދަރާދަ ގޮނޑިއާއި، ތަންމަކުނު ފިލުވަންޖެހޭ ދެ އެނދާއި، ރޯނުުފުރަންޖެހޭ ޖޯއްޔެއް ވެސް ހުއްޓެވެ.
މަދަރުސާއިން ގެއަށް އައިސް، ގަރުދިޔައާއި ބަތަށް ދޯބުރާލި ހަކުރުއަޅައިގެން، ދެބަނޑަށް ކައިގެން ފުރަތަމަ އިށީނީ ޖޯއްޔަށް ރޯނުފުރާށެވެ. ހަމަ އިށީންތަނާ ތުއްތުމަނިކެ ގޮވައިލިއެވެ. ތުއްތުމަނިކެއަކީ ގޭގެ ވެރިމީހާއެވެ. އޭނަ ގާތަށް ދިޔުމާއެކު މުޑިކާށި ކޮތަޅެއް ދިނެވެ.
"ދޭބަލަ މި ގެންގޮސް އަމީނާޔާ ހަވާލުކުރަން،" ތުއްތުމަނިކެގެ އަމުރުއައެވެ. "ލަސްނުކުރާތި!"
ކޮން ލަހެއް ކުރާކަށް ހެއްޔެވެ؟ ދެ ފަޔަށް ޗާބީޖަހައިފައި އަހަރެން ނައްޓާލީމެވެ. އަމީނާއަށް ކޮތަޅު ދީފައި ގެއާ ދިމާއަށް ހޭރިޔާކުރަން ހިފައިލިތަނާ އަމީނާ ގޮވައިލިއެވެ. ފިރޯށި ދައްކައިލިއެވެ. އެއީ ފިރޯށްޓެއް ނޫނެވެ. ފިރޯށީގެ ކަށިކޮޅެވެ. ރޫޅިފައިވާ ފިރޯށި ރާވަން އަހަރެން އިށީނީމެވެ. އަމީނާ އިށީނީ ކައިރީގައި ހުރި ޖޯލީގައެވެ. އެކިއެކި ވާހަކަދެއްކިއެވެ. ސުވާލުތައް ކުރިއެވެ. ކުރި ސުވާލަކަށް، ދެވޭ އެންމެ ކުރު ޖަވާބު އަހަރެން ދިނީމެވެ. އެ ގެއިން ނުކުމެވުނުއިރު އިރުއޮއްސެނީއެވެ.
ލޯބީގެ ހުޅުކޮޅު ފުރަތަމަ ރޯވީ އަމީނާގެ ހިތުގައެވެ. އަހަރެން އެ ކަމެއް ނުވެސް ދެނަހުރީމެވެ. ދެން ވާން ފެށި ގޮތަކީ، ގޭގައި އަހަންނަށް މަޑުނުވެވުމެވެ. އަބަދުވެސް އަމީނާގެ ގޭގައި އޮންނަ ކޮންމެވެސް މަސައްކަތެއް ކުރަން އަހަރެން އޮންނަނީ ދާންޖެހިފައެވެ. އެ ގެއަށް އެއްޗެއް ލާންޖެހިދާނެއެވެ. އެ ގެއިން އެއްޗެއް ގެންނަން ޖެހިދާނެއެވެ. ހަނދާންވާ ގޮތުގައި އަހަރެންގެ އުމުރުން އޭރު ބާރަ ނުވަތަ ތޭރަ އަހަރެވެ. ވެގެން މިއުޅެނީ ކިހިނެއްކަމެއް އޭރަކު އަހަންނަކަށް ނޭގެއެވެ. ގެއިން އެއްޗެހި ހިފައިގެން ކޮޅުކޮޅަށް ހިނގަންހުންނާނީ އަހަރެންކަން އަމީނާއަށް އެނގެއެވެ. ފޮނުވާނީ އަހަރެންކަން ވެސް އެނގެއެވެ. އަމީނާގެ ގެއަށް އަހަރެން ދާއިރަށް އަމީނާ އާދެއެވެ. އަހަންނާ ވާހަކަދައްކަން ފަށައެވެ. އަމީނާއަކީ ހިސާބުގަނޑަށް މަޝްހޫރު، ރީތި އަންހެންކުއްޖެކެވެ. އެ ފަދަ ކުއްޖެއްގެ ހިތުގައި އަހަރެން ކަހަލަ ސޮރަކަށް މަގާމެއް ހުސްވެދާނެކަމަކަށް އަހަރެން ކުޑަކޮށް ވެސް ހިތަކަށްނާރައެވެ. އަމީނާ ލޯބިވާން އަހަރެން މީ ކާކު ހެއްޔެވެ؟ މާލޭގައި އެކި ފެންވަރުގެ ބޭފުޅުން ތިއްބައި އަހަރެން ކަހަލަ ޔަތީމު، ރަށްފުށު ކުއްޖެއް އަމީނާއަށް ކަމުދާންވީ ސަބަބެއް އަހަންނަކަށް ނުވިސްނެެއެެވެ.
އަމީނާގެ ގެއަށް ގިނަގިނައިން އަންނަންޖެހުމާއި، ގިނަ ވަގުތު އަމީނާ ވާހަކަދައްކާތީ އަހަރެންގެ ހިތުގަ އަމީނާއަށް ހާއްސަ ގާތްކަމެއް އުފެދެން ފެށިއެވެ. އެއީ ލޯބިކަމެއް، ގަދަރުކަމެއް، އިހުތިރާމުކަމެއް އޭރަކު ނޭނގެއެވެ. ކޮންމެ ނަމެއް އެ ގުޅުމަށް ދިނަސް އަހަރެން ހީކުރީ އެއީ އަހަރެންގެ ހިތުގައި އެކަނި އުފެދިގެންއުޅޭ އޮއިވަރެއްކަމަށެވެ. އަހަރެން ހުރީ އަހަންނަށް ވެސް ނޭނގި އަމީނާ ދެކެ ޒާތެއްގެ ލޯތްބެއް ވެވިފައެވެ. އަހަރެންގެ ފެންވަރާއި، އަހަރެންގެ ހައިސިއްޔަތު އަހަންނަށް އެނގެއެެވެ. އެ ކަން ނޭނގެނީ އަހަރެންގެ ދެ ފަޔަށެވެ. ދެފައި ހުންނަނީ އަމީނާގެ ގެއަށް ދާން ކެތްމަދުވެފައެވެ. ވަކި ހިސާބަކުން އަހަރެންގެ ހިތް ވެސް އަހަރެންގެ ފަޔާ އެއްބައިވީއެވެ. އަހަރެން ހުރީ ކިހާ އުހުގައިކަމާއި، ކުރިމަތީގައި އޮތް ގުންޑޮޅި އަހަރެންގެ ލޮލަކަށް ނުފެނުނެވެ.
އަހަރެން ކިޔެވި ދުވަސްވަރަކީ ތާކިހަލެއް އަޅައިގެން މަދަރުސާއަށް ދާންޖެހޭ ދުވަސްވަރެކެވެ. އެ ތާކިހާ ފަހަން އަހަންނަށް ދަސްވީ، އަމީނާގެ ގެއަށް އައިސްއުޅުމުގެ ތެރޭގައި، އެ ގެއަށް އަންނަ ކުޑަމަނިކުގެ ފަރާތުންނެވެ. އަހަރެން ކިޔަވައި ނިމުނުއިރު އަހަންނަކީ އެ ތާކިހާ ފަހަން މާ ކުޅަދާނަ މީހެކެވެ. ވީމާ، ކުޑަމަނިކުގެ ގެއަށް އަހަރެން ތާކިހާ ފަހަން ދަމެވެ. ތާކިހާ ފަހަން އިންނައިރު އެ ގެއަށް ވެސް އަމީނާ އަންނަން ފެށިއެވެ. އަބަދު ކަހަލަ ގޮތަކަށް އަމީނާ އުޅެނީ ކުޑަމަނިކު ގޭގައެވެ. އަމީނާ އިންނަނީ ފަހާފޮށި ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެންނެވެ. އަހަރުމެން ދެ މީހުންގެ ކަމަކީ ހުއްޓައިނުލައި ވާހަކަދެއްކުމެވެ. ލޯބީގެ ވާހަކަ ނޫން ހުރިހާ ވާހަކައެކެވެ.
އަހަރުމެން ދެ މީހުންގެ ގުޅުން ވަރަށް ބަދަހިވާން ފެށިއެވެ. އަމީނާ ދޭތެރެއަކުން އަހަރެން ގައިގަ ކޮއްޓައިލަފާނެއެވެ. ކޮލުގައި ހިފައެވެ. އަހަރުމެން ކުދިކުދި ސަމާސާ ވެސް ކުރަމެވެ. އެންމެ ފަހުން އެ މަންޒަރު ކުޑަމަނިކަށް ފެނިއްޖެއެވެ. އަހަރެން އެ ކަމެއް ނުވެސް ދެނަހުރީމެވެ. އޭރު އަހަރެން ހުރީ އަމީނާއަށް ދެވިހިފައިފައެވެ. ހަގީގަތުގައި އެއީ ވަރަށް ދެރަކަމެކެވެ. އަމީނާއަކީ ހިސާބުގަނޑުގެ މަލިކާއެވެ. ފިރިހެނުންގެ ހިތްތަކުގެ ރާނީއެވެ. އަހަންނަކީ އެއްކަލަ ރާއްޖެތެރޭ ރަށެއްގެ ޔަތީމު ކުއްޖެކެވެ. އަމީނާގެ މައިންބަފައިންނަށް ހަގީގަތް އެނގިއްޖެއްޔާ އަހަންނަށް ވާނެ ގޮތް އަހަންނަށް ވެސް ނޭނގެއެވެ.
އެއް ދުވަހަކު އަމީނާ އައިސް އުޅެއުޅެފައި ދިޔަތަނާ އަހަންނަށް ކުޑަމަނިކު ގޮވައިލިއެވެ. އަހަރެން ދިޔުމުން އެ ވާހަކަ ދެއްކިއެެވެ.
"ބުނަން އާދަނާ ވާހަކައެއް،" ތަންކޮޅެއް މަޑުމަޑުން ކުޑަމަނިކު ބުންޏެވެ. "ވަރަށް ބޮޑު ވާހަކައެެއް މި ދައްކަން ޖެހެނީ. އާދަނު މިހާރު ތިއުޅެނީ ހިތާވެގެންތަ؟"
އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ.
"ކާކާ؟" ނުވެސް ދެނަހުރިކަމަށް ހެދިފައި އަހަރެން އެހީމެވެ.
"މި ތަަނަށް އެ ވަޑައިގަންނަވަނީނު އަމީނާ. އޭނަޔާ!" ކުޑަމަނިކު ބުންޏެވެ.
"އުހު! ހިތައެއްނުވަން!" ބިރުން އަހަންނަށް ބުނެވުނީ އެހެންނެވެ.
"ނުވާނެ އެހެނެއް،" ޔަގީންކަމާ އެކުގައި ކުޑަމަނިކު ބުންޏެވެ. "ބުނަން އެކޮއި ވާހަކައެއް. ދެކުދިން ވެސް ތިތިބީ ހިތާވެފަ. އަހަންނަށް އެބަ ފެނޭ ތި ދެކުދިން ސަމާސާކުރާތަން. އެއީ ހިތާވާ ގޮތަކީ. އެހެން ނޫން ނަމަ އަމީނާ ކީއްކުރަން މި ގެއަށް ވަޑައިގަންނަވަންވީ؟ އެކަމަކު އާދަނާ ބުނަން، ތީ ވަރަށް ދެރަކަމެއް. އާދަނަކީ އާދައިގެ، ވަރަށް ދެރަދެރަ ކުއްޖެއް. މަންމައެއް ބައްޕައެއް ނެތް. އެ ގޮތުން ބަލާއިރު އާދަނަކީ ވަރަށް ނިކަމެތި ކުއްޖެއް. އަމީނާއަކީ ރާނީއެއްގެ ދަރިކަނބަލެއް ކަހަލަ ކުއްޖެއް. މުއްސަނދި، ނުފޫޒުގަދަ، ގަދަރުވެރި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިފުޅު. ތި ދެ ކުދިން އަރާއަރަފޯދިގެނެއް ނުވޭ. ތީތި ވަރަށް ނުބައިކޮށް ވެސް ގޮއްސާނެ. ތިކަން ފަޅާއަރައިފިއްޔާ އާދަނުގެ މުޅި ޒިންދަގީ ދިޔައީ. އަހަންނަށް ހަމަ ކަށަަވަރު."
އަހަރެން އޭރު ހުރީ ބިރުން ގޮސް ވިރިގެން ފައިބަން ކައިރިވެފައެވެ. އެންމެ އަށާރަ އަހަރުގެ ޒުވާނަކީމެވެ. މާލޭގެ އާދަކާދަޔާ، ނުފޫޒުގަދަ މީހުންގެ މިޒާޖު އަހަންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ގާނޫނު އޮތް ތަނުގައި ބާއްވާފައި އެ މީހަކު ބޭނުންކަމެއް ކޮށްލާކަމެވެ. އެއްދުވަހު މަގުމަތިން ހިނގައިފައިދާ މީހާ އަނެއް ދުވަހު ގެއްލޭކަމެވެ. ވީތަނެއް، ދިޔަ ތަނެއް އެނގޭ މީހަކު ނުހުރެއެވެ. އެ ހުރިހާ ކަމެއް އަހަރެން ހަނދާންނެތުނީ ކީއްވެގެން ހެއްޔެވެ؟
"ދެން ކިހިނެެއް ހަދާނީ؟" އަހަރެން ބުނީމެވެ. "ކުޑަމަނިކާ އަހަންނަށް އެހީވެދީ."
އެހެން ބުނި ނަމަވެސް އަހަރެންގެ ހިތުގައި އޮތީ މުޅީން އެހެން އެއްޗެކެވެ. ހިތަށްއެރިއެވެ. އަހަރެން ދެކެ އަމީނާ ލޯބިވެއެވެ. އަހަރެން ނުފެނިއްޖެއްޔާ އަމީނާ ވަރަށް ރޯނެއެވެ. އަހަރެން ވާހަކަނުދައްކައިފިއްޔާ އަމީނާ ހާދަހާ ދެރަވާނެއެވެ. އެކަމަކު ކުޑަމަނިކު އެ ބުނަނީ ތެދެކެވެ. އަމީނާއާ އަޅާކިޔާއިރު އަހަންނަކީ ކާކު ހެއްޔެވެ؟ އަހަންނަށް އަމީނާ ލިބޭނޭ އަހަރެންގެ ހިތަށްއަރައިގެން ވެސް ނުވާނެއެވެ. ވިސްނައިނުލައި އަހަންނަށް މި ވަދެވުނީ ކޮން ކަހަލަ ވަލަކަށް ހެއްޔެވެ؟ ދެން ނުކުންނާނީ ކިހިނެއް ހެއްޔެވެ؟
"ކުޑަމަނިކު ބުނެބަލަ!" އާދޭހާއެކު އަހަރެން އެދުނީމެވެ. "އަމީނާ މިގެއަށް ވަޑައިގަންނަވަންޏާ ވާހަކަނުދައްކައެއް އަހަންނަކަށް ނުހުރެވޭނެ. އަނެއްކޮޅުން އަހަރެން އިރުއިރުކޮޅާ ޖެހޭ އެ ގެއަށް ދާން. ދާއިރަށް ވެސް އަމީނާ ވަޑައިގަންނަވާނެ. އަހަރެން ކިހިނެއް އަމީނާއަށް ފިލައިގެންއުޅޭނީ؟ އަހަންނަކަށް ނެތް ފިލަން ދާނެ ތަނެއް، ވަންނާނެ ތަނެއް. އަހަންނަކީ ގެއެއްގަ ގެންގުޅޭ ކުއްޖެއް. ގޭގެ ބޭފުޅުން ވިދާޅުވާ ކަމެއް އަހަރެން ޖެހޭނެ ކުރަން."
"އަހަރެން ތި ކަމަށް ހައްލެއް ހޯދަދޭނަން،" ހިތަށް ހަމްދަރުދީ ވަދެފައިވާ ކުޑަމަނިކު ބުންޏެވެ. "އަހަރެންނަށް އެބަ ވިސްނޭ އަމީނާއަށް އާދަނު ފޮރުވާނެ ގޮތް. އެކަމަކު ބުނަން ވާހަކައެއް. އެއްވެސް މީހެއް ގާތުގަ މި ވާހަކަ ބުނެގެން ނުވާނެ. އަހަރެން ކޮށްދޭން މިއުޅޭ ކަންތަކުގެ ވާހަކަ އެނގެންވާނީ އާދަނާ އަހަންނާ ދެ މީހުންނަށް އެކަނި. އެހެންނޫނީ ބުނަން. އާދަނަށް އެހީވެދިނީތީ އަހަރެންގެ ދުވަސް ވެސް ދާނެ. މިސާލަކަށް ތި ދެކުދިން ރައްޓެހިވެގެންއުޅޭކަން އަހަރެން ސިއްރުކުރިޔަސް އެ ވާނީ މައްސަލައަކަށް."
ނުނިމޭ