ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރުން މީހަކު ފަރުވާ ހޯދަން އެ ހޮސްޕިޓަލަށްދާ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

ސްޓްރޯކަށް މީހުން ހޭލުންތެރިކުރުވަން މާދަމާ ބާއްވާ ހަރަކާތަކާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި އެ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވިދާޅުވީ ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އެ ހޮސްޕިޓަލަށް ދާ ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އެ ހޮސްޕިޓަލުން މީގެ ކުރިން ދިން ޖަވާބުގައި ބުނީ ސްޓްރޯކް ޖެހިގެން 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ޑިސެމްބަރު 15ގެ ނިޔަލަށް 493 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 2024 ވަނަ އެކަނި ވެސް ސްޓްރޯކްގައި 151 މީހުން މަރުވި ކަމަށް އައިޖީއެމްއެޗުން އޭރު ބުންޏެވެ.

ސްޓްރޯކްގެ އަލާމާތްތައް ދެނެގަންނާނެ ގޮތް

  • ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން.
  • ކުއްލިއަކަށް އެއްލޮލުން ނުވަތަ ދެލޮލުގެ ފެނުން ފުސްވުން ނުވަތަ ޑަބަލްކޮށް ފެނުން.
  • ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްކޮޅަށް ތިރިވެފައި ހުރުން.
  • އަތް ނުވަތަ ފައިގެ ވާގިދިއުން. ދެއަތް މައްޗަށް ހިއްލާލާއިރު އެއް އަތް ތިރިއަށް ވެއްޓުން.
  • ވާހަކަދައްކާއިރު ދޫ އޮޅުން، ނުވަތަ ބުނާ އެއްޗެހި ސާފުނުވުން އަދި މީހުން ދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވުން.

ސިކުނޑި އާއި ނާރުގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު "މިހާރު"އަށް މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ ސްޓްރޯކް ޖެހޭ މީހުން ގިނަވަމުންދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ކަންބޮޑުވެއޭ ބުނާހާ ގިނަ ސްޓްރޯކް ޖެހޭ މީހުންގެ އަދަދު. ކޮންމެ ދުވަހަކު ވެސް ސްޓްރޯކް ޖެހިގެން އެބަ އާދޭ،" މީގެ ހަތަރު އަހަރު ކުރިން ދެއްވި އިންޓަވިއުގައި ޑޮކްޓަރު ވިދާޅުވި އެވެ.

ސްޓްރޯކް ޖެހިއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ އަވަސް ފަރުވާ ދިނުމެވެ. ޑރ. ރަޝީދު ވިދާޅުވީ ސްޓްރޯކް ޖެހޭތާ ލަސްވެގެން ހަތަރު ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ފެށިއްޖެނަމަ އެ މީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށެވެ.

"ގިނަ މީހުން އެއްކޮށް ރަނގަޅުވޭ. ގިނަ ސްޓްރޯކްތަކަކީ ކުދިކުދި ސްޓްރޯކް. އެހެންވެ، ގިނަ މީހުންގެ ރިކަވަރީ ރަނގަޅު. އެކީގައި ރަނގަޅުވާ މީހުން ގިނަވާނެ. ބޮޑު ސްޓްރޯކެއް ވެއްޖިއްޔާ، އަވަހަށް އާދެވިއްޖެއްޔާ ރިކަވަރީގެ 80-90 ޕަސެންޓް ހެދޭނެ، އެކަމަކު އެއްކޮށް ރިކަވާ ނުވެދާނެ،" އޭނާ ވިދާޅުވި އެވެ.