ބެޓެރީތަކެއް ގޮވައި ސެމްސަންގް ފެކްޓަރީއެއްގައި ހުޅުހިފައިފި

ބެޓެރީ ގޮވައި ސްމާޓްފޯނުތައް އަނދާ ހުލިވުން އާދަޔާ ޚިޔާފަށް ގިނަވެފައި ވާއިރު، މި ލަދުގެ ހިއްސާ އެންމެ ބޮޑީ ސެމްސަންގަށެވެ. ބެޓެރީތައް ގޮވުމާ ގުޅުވައިގެން މަލާމާތްކޮށް ޖޯކު ޖެހުމުގައި ވެސް ސެމްސަންގް އޮންނަނީ ފުރަތަމަ ފޮޅުވަތުގަ އެވެ. މި އޮތީ އަނެއްކާ ވެސް ސެމްސަންގަށް ކަންތައްގަނޑެއް ދިމާވެފަ އެވެ.


ނައްތާލަން ބަހައްޓާފައި ހުރި ބެޓެރީތަކެއް ގޮވައި، ސެމްސަންގް ފެކްޓަރީއެއްގައި ހުޅުހިފައިފި އެވެ. ޗައިނާގައި ހުންނަ ސެމްސަންގް ބެޓެރެީ ފެކްޓަރީގައި އަލިފާން ހިފަން މެދުވެރިވީ އުކާލަން ފުނިޖަހާފައި ހުރި ބެޓެރީ ބަންޑެލިތަކުގައި ހޫނުގަދަވެގެން ކަމަށް ބެލެވެ އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް ވަރަށް ބޯކޮށް، އޮލަ ދުން އަރައި މުޅި ސަރަހައްދު އަނދިރިވި އެވެ.

ސެމްސަންގުން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި، އެ ހާދިސާގެ ސަބަބުން ފެކްޓަރީގެ މަސައްކަތްތަކަށް ހުއްޓުމެއް ނާދެ އެވެ. އެނާ ބުނި ގޮތުގައި ހުޅުހިފީ ކުނިއަޅަން ޚާއްސަކޮށްފައިވާ ތަނެއްގަ އެވެ. އެހެންކަމުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އެއްވެސް ބަދަލެއް ނާދެ އެވެ.

ޗައިނާގެ އެ ސަރަހައްދުގައި އަލިފާން ނިއްވަން މަސައްކަތްކުރި މީހުންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ދައްކާފައި ހުރި ވާހަތަކަށް ބަލާއިރު، އަލިފާން ރޮއިވެފައި ވަނީ ބެޓެރީ އުފައްދާ ފެކްޓަރީގަ އެވެ. އަލިފާން ނިއްވާ މަރުކަޒުން ވެސް އެހެން ވަނީ ބުނެފަ އެވެ.

އަލިފާން ހިފާފައި ވަނީ ބެޓެރީ އުފައްދާ ފެކްޓަރީގައި، އަދި އަނދައިގެން ދިއަ ބެޓެރީތަކުގެ ތެރޭގައި މުޅިން ނުނިމޭ ބެޓެރީ ވެސް ހުރި ކަމަށް އެ އިދާރާއިން އާންމުކުރި ސޯޝަލް މެސެޖެއްގައި ވެ އެވެ. އެ މެސެޖުން އެނގޭ ގޮތުގައި އަލިފާން ނިއްވުމަށްޓަކައި 110 އަލިފާން ނިއްވާ މީހުންނާއި 19 ފެން ލޮރީ ސެމްސަންގް ފެކްޓަރީ އަށް ފޮނުވި އެވެ.

ސެމްސަންގް ބެޓެރީ ފެކްޓަރީގައި އަލިފާން ހިފާފައި އެ ވަނީ ގެލަކްސީ ނޯޓް7ގެ ބެޓެރީތައް ގޮވައި ގިނަ ބަޔަކު ފިހިފައި ވަނިކޮށެވެ. އެ ހާދިސާއިން އަރައިގަތުމަށް ކުންފުނި ހަރުދަނާކުރަމުން ދިއަ ދަނޑިވަޅެއްގަ އެވެ. އަނެއްކޮޅުން، ބޭނުންކުރާ މީހުންގެ އިތުބާރު ގެލަކްސީ އެސް8 ހޯދުމަށްޓަކައި ސެމްސަންގުން ވަރަށް ބޮޑަށް ފިކުރުކުރަނިކޮށެވެ.