އައިފޯނު 8 އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް، މަޖުބޫރު ފީޗާއެއް

އައިފޯނު 8 ގައި ލައިޓްނިން ޕޯޓެއް ނުހުންނާނެ އެވެ. ލައިޓްނިން ފޯޓް ދޫކޮށް އެޕަލުން ޔޫއެސްބީ "ޓައިޕް-ސީ" ޕޯޓަށް އައިފޯނު ބަދަލުކުރަނީ އެވެ. މިއީ އައިފޯނު އަށަކާ ބެހޭ ގޮތުން މިހާރު އެންމެ ގަދަ އަށް ދެކެވޭ ވާހަކަ އެވެ. އައިފޯނަށް 10 އަހަރު ފުރުން މި އަހަރު ފާހަގަކުރާއިރު، އައިފޯނަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ މިއީ ކަމަށް ވެސް ބުނެވެ އެވެ. ސުވާލަކީ މިކަން މި ގޮތަށް ހިނގައިފާނެބާ އެވެ؟


އައިފޯނަށް އިންގިލާބީ ބަދަލެއް ގެނައީ ދާދި މިދާކަށް ދުވަހު އެވެ. އައިފޯނުން 3.5އެމްއެމް ހެޑްފޯން ޖެކު ނައްތާލައި، ގިނަ ބޭނުންތައް ލައިޓްނިން ޕޯޓަށް ބަދަލުކުރީ އައިފޯނު ހަތަކާ އެކު އެވެ. އެއީ ފާއިތުވި އަހަރު ސެޕްޓެމްބަރުގަ އެވެ.

އައިފޯނަށް ގެނައި ބޮޑު ބަދަލާ ގުޅިގެން، އައިފޯނަށް "އެކްސެސޮރީޒް" އުފައްދާ ކުންފުނިތައް އަދި ވެސް ހަމައަކަށް ނޭޅެ އެވެ. ބޭނުންކުރާ މީހުން ވެސް އަތްފަރިތައެއް ނުވެ އެވެ. މި ވަރުގެ ބޮޑު ބަދަލެއް ގެނައިތާ އަހަރު ނުވެގެން އުޅެނިކޮށް، އަނެއްކާ ވެސް އިންގިލާބީ ބަދަލަކަށް އެޕަލް ހިނގައިދާނެ ކަމާ މެދު ޝައްކެވެ. އެކަމަކު ވެސް އެޕަލުން ޔޫއެސްބީ "ޓައިޕް-ސީ" އަށް އައިފޯނު ބަދަލުކުރަން އުޅޭ ވާހަކަ ދައްކަނީ ވަރަށް އިތުބާރުކުރެވޭ ފަރާތްތަކަކުންނެވެ. އެ މީހުން އެ ގޮތަށް ދައްކާ ވާހަގަ ގިނަ ފަހަރު ދިމާވެ ވެސް ވެ އެވެ. ބިރުގަންނަނީ އެހެންވެ އެވެ.

ޔޫއެސްބީ "ޓައިޕް-ސީ" މިންގަނޑާ އެޕަލް ބީރައްޓެއްސެއް ނޫނެވެ. އެ މިންގަޑު އެކުލަވާލައި އިޖާދުކުރުމުގައި އެޕަލްގެ ދައުރު ވަކި ކުޑައެއް ނޫނެވެ. އެކަމަކު އެއީ އެޕަލްގެ އަމިއްލަ އެއްޗެއް ވެސް ނޫނެވެ.

ލައިޓްނިން ޕޯޓަށް ވުރެ ޓައިޕް-ސީ ގައި ހުރި ހަރުދަނާކަމާއި ބޭނުންތެރިކަން ގިނަ އެވެ. ވަކި ފުށެއްގައި ތަފާތެއް ނެތި ކަނެކްޓަރު ކޮންމެ ފުށަކަށް ވެސް ޕޯޓަށް ޖެހެ އެވެ. ވާދަވެރިން ޓައިޕް-ސީ އަށް ބަދަލުވަނީ މި ފަދަ ގިނަ ފަސޭހަތަކާ ހެދި އެވެ. އެންމެން އެއް ކޭބަލެކެވެ. އެޕަލުން އެކަހެރިވާން ބޭނުންވާނެ ހެއްޔެވެ؟

އެޕަލްގެ އުފެއްދުންތަކުގައި މިހާރު ވެސް ޓައިޕް-ސީ ޕޯޓް ހުރެ އެވެ. އެޕަލް މެކްބުކް އަދި މެކްބުކް ޕްރޯ ވެސް "ޓައިޕް-ސީ" ޕޯޓަށް ބަދަލުވެއްޖެ އެވެ. މާނަ އަކީ އެޕަލްގެ ޝައުގުވެރިކަން ޓައިޕް-ސީ އަށް ހުރި ކަމެވެ.

އައިފޯނު 8 ޓައިޕް-ސީ އަށް ބަދަލުކުރާ ޚިޔާލު އެޕަލުން ކުރާ ނަމަ، 3.5އެމްއެމް ހެޑްފޯން ޖެކް އައިފޯން ހަތަކުން ނައްތާލިސް ހެއްޔެވެ؟ އައިފޯން 7 ބަދަލުކުރުމުގެ ބަދަލުގައި، އައިފޯނު އަށަކާ ހިސާބުން ޓައިޕް-ސީ އަށް ބަދަލުކޮށް ބިންގުޑާ ވަރުގެ ބޮޑު ބަދަލެއް ނުގެނައީ ކީއްވެ ހެއްޔެވެ؟ މިހާރު ހާލަތު ހުރި ގޮތަށް ބަލާއިރު، ލައިޓްނިން ކަނެކްޓަރު ހެޑްފޯނަކީ އެޕަލްގެ ހުރިހާ ޑިވައިސްތަކުގައި ބޭނުންކުރެވޭ އެއްޗެއް ނޫނެވެ.

ޔޫއެސްބީ ޓައިޕް-ސީ މިންގަނޑު އިންތިހާ އަށް ބާރު ގަދަ އެވެ. އެއީ އެޗްޑީއެމްއައި ފަދަ ވީޑިއޯ ކޭބަލްތަކުގެ ބޭނުންކަނޑުވާލެވޭ ފެންވަރުގެ ޓެކްނޮލޮޖީއެކެވެ. އެއީ ހަމައެކަނި ބެޓެރީ ޗާޖުކުރަން ބޭނުންކުވެ ކޭބަލެއް ނޫނެވެ. އޯޑިއޯ އަދި ވީޑިއޯ ޓްރާންސްމިޓް ކުރެވޭހާ ވެސް ބާރުގަދަ އެވެ.

ވާހަކަތައް މިހެން ހުރި ނަމަވެސް އެޕަލުން ކަންކުރާނެ ގޮތް އަދި ނޭނގެ އެވެ. އެއް ޕޯޓަށް ދެ ކޭބަލް ޖެހޭ ގޮތް ހެދުން ވެސް އެކަށީގެން ވެ އެވެ. އެވަރުން ވެސް ލައިޓްނިން ސްޓޭންޑަޑް ނައްތާލާނެހެން ހިއެއް ނުވެ އެވެ. ސަބަބަކީ އެޕަލް ޑިވައިސްތަކަށް ހާޑްވެއާ އަދި އެކްސެސޮރީޒް އުފައްދަން ދޫކުރާ "އެމްއެފްއައި" (މޭޑް ފޮ އައިފޯން/އައިޕެޑް/އައިޕޮޑް) ލައިސަންސް ވިއްކައިގެން އެޕަލް އަށް ބޮޑު އާމްދަނީއެއް ލިބުމެވެ.

އައިފޯނު ޓައިޕް-ސީ އަށް މިހާރު ބަދަލުނުކޮށްފި ނަމަ، ބަދަލުކުރަން ޖެހޭ ދުވަހެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސަބަބަކީ ޓައިޕް-ސީ އަށް މުޅި ސިނާއަތް ރުހިފައިވުމެވެ. ޓައިޕް-ސީ އަށް އިތުބާރުކުރަން ޖެހޭ އާލާތްތައް ގިނަވަމުން ދިއުމެވެ.