އެޕަލް އަދި ސެމްސަންގުން ސީއައިއޭއަށް ދޫނުދޭން ވައުދުވެއްޖެ

އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން މީހަކަށް ފާރަލާން ބޭނުންވެއްޖެ ނަމަ، އޭނާ ގެންގުޅޭ ޓީވީ އަށް ވަދެގަތުމަކީ އެއްވެސް ކަމެއް ނޫނެވެ. ސްމާޓްފޯނާއި ޓެބްލެޓް އަދި ސްމާޓް ޓީވީ ފަދަ މޮބައިލް އިލެކްޓްރޯނިކްސް އިން ހެކްކުރުމަށްޓަކައި ސީއައިއޭ ބޭނުންކުރާ އުކުޅުތައް ކަމަށް ބުނެ "ވިކިލީކްސް" އިން ހާމަކުރި ލިޔުންތަކުން އެނގޭ ގޮތުގައި، ފަރުދުންނަށް ފާރަލައި ޖާސޫސްކުރުމަށް، 1000 އަށް ވުރެ ގިނަ ވައިރަހާއި ޑިޖިޓަލް "ފަނިފަކްސަ" ސީއައިއޭ އުފައްދާފައިވެ އެވެ.


ވިކިލީކްސް އަށް ޖަވާބުދާރީވާން ސީއައިއޭ އަދި ބޭނުންނުވި ނަމަވެސް، މޮބައިލް އިލެކްޓްރޯނިކްސް ބޭނުންކުރާ މީހުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށާއި، ޑިވައިސްތައް ރައްކާތެރިކުރުމަށް ބާރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އެޕަލް އަދި ސެމްސަންގުން ވަނީ ބުނެފަ އެވެ.

އައިފޯން އަދި ސެމްސަންގް ފޯނުތައް ބޭނުންކުރާ މީހުންގެ ޒާތީ އަދި ފަރުދީ މައުލޫމާތުތައް ފޭރިގަތުމަށްޓަކައި ސީއައިއޭ މިސްރާބުޖަހާ މައިގަނޑު އަމާޒަކީ ޑިވައިސްތަކުން ބަލިކަށިކަމެއް ހޯދުމެވެ. އެ ގޮތުގައި، ޑިވައިސްތަކުގެ ހާޑްވެއާ މަސައްކަތްކުރުން މަޑުޖައްސުވައި، ސޮފްޓްވެއާ ފޫދުއްވާލުމަށްޓަކައި ބާރުގަދަ ޑޯޒްތަކުން އިންޖެކްޝަން ޖަހަ އެވެ.

އެޕަލްގެ ކަސްޓަމަރުންނަށް ދޭ ނަސޭހަތަކީ އެ އާލާތަކާ އެކަށީގެންވާ ފެންވަރަކަށް އަބަދުވެސް ސޮފްޓްވެއާ އަޕްޑޭޓްކުރުމެވެ. އެ ގޮތަށް އަޕްޑޭޓްކުރާ ނަމަ ސީއައިއޭއިން ކުރިން ބޭނުންކުރި އުކުޅުތައް ބޭނުންކޮށްގެން ވައްކަންނުކުރެވޭނެ ކަމަށް އެޕަލް އިން ބުނެ އެވެ. ސީއައިއޭ އަށް ދެން ވެސް ޖެހޭނީ އާ ގޮތްތައް އީޖާދުކުރާށެވެ.

ވިކިލީކްސް އިން ބޭޒާރުކުރި ލިޔުންތަކަށް ރައްދުދެމުން ސެމްސަންގުން ބުނީ ހަމަ އެޕަލުން ވެސް ބުނި ގޮތަށެވެ. ގޫގުލްއާ ގުޅިގެން އެންޑްރޮއިޑް ހަރުދަނާކޮށް، ގެލަކްސީ ފޯނަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރާނެ ކަމަށް ވެސް ބުންޏެވެ. ސެމްސަންގުން ބުނީ ސޮފްޓްވެއާ ޕެޗްތައް މެދުވެރިކޮށް އަބަދުވެސް ކަސްޓަމަރުން ހިމާޔަތްކުރާ ކަމަށެވެ.