ގެލެކްސީ އެސް8: އެންމެ ހާއްސަ ކަމަކީ ކޮބާ؟

ސެމްސަންގަށް ކުރިމަތިވަމުން ދަނީ ބޮޑެތި އިމްތިހާންތަކެކެވެ؛ ގެލަކްސީ ނޯޓް 7 ގޮވައި، ލިބުނު ގެއްލުންތަކުގެ ސަބަބުން، މުޅި ކުންފުނި އަނދައި އާރޯކަން ގެއްލުނެވެ. އަނެއްކޮޅުން، ކުންފުނީގެ ވާރުތަވެރިޔާ އެ ހުރީ ޖަލު ބަންދުގަ އެވެ؛ ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކަކާ އެކުގަ އެވެ. މުޅި ދުނިޔެ ވަނީ ސިއްސައިގެން ގޮސްފަ އެވެ. ސެމްސަންގަށް ނިސްބަތްކުރެވޭ ގޮތަށް ހިންގާފައި ހުރި ކަސިޔާރު މާލީ މުއާމަލާތްތަކުގެ އަނެއް ކޮޅުގައި ހުންނެވުމުގެ ސަބަބުން، ސައުތު ކޮރެއާގެ ރައީސާ އަށް ވަނީ މަގާމު ގެއްލިވަޑައިގެންފަ އެވެ.


ދުވަހަކު ވެސް ފޫބެއްދެން ނެތް ވަރުގެ ބޮޑެތި ގެއްލުތަކެއްގެ މެދުތެރެ އަށް، ގެލަކްސީ އެސް8 އެ އޮތީ ވިހާފަ އެވެ. ކަރުތާފެނުން އަރައިގަނެ ހަމަ ނޭވާލުމަށް ސެމްސަންގަށް އޮތް ހަމައެކަނި ފުރުސަތަކީ އެއީ އެވެ. ގެލަކްސީ އެސް8 މި ވަތުގަށް އެއީ ސެމްސަންގެ "ފުރާނަ" އެވެ. އެސް8 ގައި ހިމަނާފައި ހުރި ބާރުގަދަ ފިޗާތައް އެ ކަމަށް ހެކި ދެ އެވެ.

ގެލަކްސީ އެސް8 ލޯންޗްކުރުމާ ދިމާކޮށް ސެމްސަންގް ވެބްސައިޓްގައި ބުނެފައި ވަނީ "މިއީ އާ ޖީލެއްގެ ފެށުން" ކަމަށެވެ. މާނަކުރެވެނީ އެސް8 ގައި ހިމަނާފައި ވަނީ އާދައިގެ ހާޑްވެއާ ނޫން ކަމެވެ. ނޯޓް 7 އަށް އަށް ފަހު ސެމްސަންގުން މިހާރު ބާރު އަޅަނީ ކުންފުނިން ކުރަން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ކުރިއާލައި ވާހަކަ ނުދެއްކުމަށެވެ. އެހެންކަމުން، އާ ޖީލެއްގެ ފެށުން މާނަކުރުމުގައި ފުންމިންތަކަކަށް ފީނަން ޖެހެ އެވެ.

ސެމްސަންގް ގެލަކްސީ ފޯނުތަކުގެ ސްކްރީން ޓެކްނޮލޮޖީ އަކީ ސެމްސަންގެ އަމިއްލަ އުފެއްދުމަކަށް ވުމުން، އެސް8ގެ ޑިސްޕްލޭގައި ހިމަނާނެ މޮޅު ކަމަކަށް މަސްރަހު ނުސިހެ އެވެ. އެހެން ނަމަވެސް އެޕަލްގެ "ސިރީ"، މައިކްރޮސޮފްޓްގެ "ކޮޓާނާ" އަދި އެމެޒޯންގެ "އެލެކްސާ" ފަދަ ވާހަކަދެއްކުގެ ގާބިލުކަން ލިއްބައިދީފައި ހުރި "އާޓިފިޝަލް ދިރުން"ތަކާ ވާދަކުރަން ނެރޭ "ބިކްސްބީ" އަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

ބިކްސްބީ އަށް ގިނަ ބަޔަކު ސަމާލުވި އަނެއް ސަބަބަކީ، "ވީވް"އޭ ކިޔާ "އާޓިފިޝަލް އިންޓެލިޖެންސް" ކުންފުންޏެއް ސެމްސަންގުން ގަތުމެވެ. އެޕަލްގެ "ސިރީ" އުފައްދައި ތަރައްގީކުރި ޓީމުގެ ބައެއް މެމްބަރުން އެ ކުންފުނީގައި މަސައްކަތްކުރާތީ އެވެ.

ގެލަކްސީ އެސް8ގައި ހިމަނާފައިވާ އަނެއް ބޮޑު އަޖައިބަކީ "ޑެކްސް ޑޮކް" އެވެ. މިއީ މައިކްރޮސޮފްޓް އަދި މޮޓޮރޯލާއިން ވެސް ގެންގުޅޭ ޓެކްނޮލޮޖީއެއް ނަމަވެސް، ސެމްސަންގުގެ ކުޅުން މުޅިން ތަފާތެވެ. އެސް8 ތައާރުފުކުރަން ބޭއްވި ހަފުލާގައި "ޑެކްސް"އާ ބެހޭ ގޮތުން ކިޔައިދެމުން ދިޔައީ ވަރަށް ފުރިހަމަކޮށެވެ. އެންޑްރޮއިޑް ފޯނެއްގައި މިހާ ފުޅާކޮށް މި ފީޗާ ހިމަނާނެ ދުވަހަކަށް އަހަރެން ވެސް އިންތިޒާރުކުރީމެވެ.

"ޑެކްސް ޑޮކް"ގެ މައިގަނޑަކީ އެއާ ގުޅިފައި ހުރި ޓެކްނޮލޮޖީ އެވެ. ބޭނުންކުރާ މީހުންނަށް ފެންނާނީ، ސްމާޓްފޯނުތައް ޗާޖުކުރަން މޭޒުމަތީގައި ބަހައްޓާފައި ހުން ކަހަލަ "ޑޮކް"އެކެވެ. ތަފާތަކީ "އެޗްޑީއެމްއައި" ޕޯޓެއްގެ ޒަރިއްޔާއިން، މޮނީޓަރަކާ ގުޅޭ ގޮތަށް ހުރުމެވެ. ޔޫއެސްބީ ޕޯޓެއް ވެސް އޭގައި އިނދެ އެވެ.

ގެލަކްސީ އެސް8 "ޑެކްސް" އަށް ޖަހާލުމުން ހިނދުކޮޅެއް ނަގަ އެވެ. އެ އަށް ފަހުު ފޯނުގެ ސްކްރީން، ބޮޑު ސްކްރީނަކަށް ނަކަލުކޮށްލަ އެވެ. ފޯނެއްގެ ސިފަ މުޅިން ގެއްލި، ވިންޑޯޒް 10 އަށް ވާރުތަކުރުވަ އެވެ. ވަރަށް އެއްގޮތެވެ. ގެލަކްސީ އެސް8، ވިންޑޯޒް ކޮމްޕިއުޓަރަކަށް ބަދަލުވީ އެވެ.

ސެމްސަންގުން އެސް8 ތަމްރީންކޮށްފައި އެ ވަނީ މޮޅަށް ކުޅުމަށެވެ. ޑިފެންސް ކިތަންމެ ގަދަޔަސް، ފޯވާޑުންގެ ދުވެލި ކިތަންމެ ބާރަސް، ގިނައިރު ނުކުޅެ މަދު ބޯޅައިން ހާސް ލަނޑު ޖަހަން ޖެހޭ ގޮތަށެވެ.

ގެލަކްސީ އެސް8، ސެމްސަންގް ޑެކްސް ޑޮކް: ތަޖުރިބާގައި މުޅިން އާ ކުލައެއް