ރާއްޖޭގެ ކައުންސިލެއްގެ ފުރަތަމަ މޯބައިލް އެޕް "އަފުންސިޓީ" ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ އިފްތިތާހުކޮށްފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ މިއީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން ދެފުށް ފެންނަ މިންވަރު އިތުރުކުރެވޭނޭހެން ހަދާފައިވާ އެޕެއް ކަމަށެވެ. އަދި އެއީ އެ ކައުންސިލްގެ ހިދުމަތްތަކާއި ސިޓީއާ ގުޅޭ މައުލޫމާތު ވަގުތުން ބަލައިލެވޭ ގޮތަށް ފަރުމާކޮށް އާންމުންނަށް ފަސޭހަކޮށްދޭ މަރުކަޒީ ޑިޖިޓަލް ނިޒާމެއް ކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.
އެ އެޕް މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ އެޕަކީ ސިޓީ މެނޭޖުކުރުމާއި ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ހިދުމަތުގެ ހަލުވިމިނާއި ލުއިފަސޭހަކަން އިތުރުކޮށްދޭ މަސައްކަތެއް ކަމަށެވެ.
- އެ އެޕްގެ އެންމެ މުހިންމު އެއް ބަޔަކީ 3,700 އަށް ވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓު. އޭގެ ތެރޭގައި ގޯތިގެދޮރާއި ވިޔަފާރިތަކާއި މިސްކިތްތަކުގެ އިތުރުން އާންމު ހިދުމަތްދޭ ތަންތަން ހިމެނޭ. އެ ސިސްޓަމް ފަރުމާކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ވަގުތުން ތަންތަން ހޯދުމާއި މަގު ދެއްކުމާއި އަދި މެޕް ބޭނުންކުރާ މީހުންނަށް ފަސޭހަވާނޭހެން ބަދަލުކުރެވޭ ގޮތަށް.
- ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ވަނީ ގުޅާލައިފައި. މީގެ ސަބަބުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެ، ހިދުމަތްތަކަށް ފަސޭހައިން ވަދެވޭއިރު، ގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެ ވެސް ބައެއް ހިދުމަތްތައް ބޭނުންކުރެވޭނެ.
- ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓުފަހަރުގެ މައުލޫމާތު ވަގުތުން ބަލާލެވޭ ނިޒާމެއް އޭގައި ހިމެނޭ. މީގެ ސަބަބުން އުޅަނދު އޮތް ސަރަހައްދާއި ދަތުރުގެ މިސްރާބު ވަގުތުން ބަލާލެވޭނެ.
- އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން ނަމާދު ވަގުތުތަކާއި ހުކުރު ތާވަލާއި މިސްކިތްތަކުގެ މައުލޫމާތާއި އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ ގޮތް ވެސް ހަދާފައިވޭ.
- "އައިކިއު އެއާ" މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވޭ.
- އެޕް މެދުވެރިކޮށް، އާންމު ހިދުމަތްތަކާ ގުޅޭ މައްސަލަތައް ސީދާ ކައުންސިލަށް ހުށަހެޅޭނެ. އެ ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށްދާ ގޮތް ބަލާލެވޭނެ.
- "އަފުންއަޑޮ" މޮޑިއުލް މެދުވެރިކޮށް ރައްޔިތުންނަށް ހިޔާލު ހުށަހެޅުމާއި މަޝްވަރާކުރުމާއި، އަދި އެކި ކަންކަމުގައި ނަގާ ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ
- "ވަންގަވް" ހިދުމަތާ ގުޅާލާފައިވުމުން ސަރުކާރުގެ އެކި ހިދުމަތްތަކަށް އެދުމާއި އެކަންކަން ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުސަތު ލިބޭނެ.
- އިއުލާންތަކާއި ކައުންސިލްގެ ނިންމުންތަކާއި މާލީ ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓުތައް އެ އެޕުން ފެންނަން ހުންނާނެ
- ފުވައްމުލަކުގެ ޚަބަރާއި ހަރަކާތްތަކުގެ މައުލޫމާތާއި ވަޒީފާގެ ފުރުސަތުތަކާއި އަދި ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ވެސް ފެންނާނެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، "އަފުންސިޓީ" އިފްތިތާހުކުރުމަކީ ޑިޖިޓަލް އީޖާދުތަކުގެ އެހީގައި ސިޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެ ކައުންސިލުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. މުހިންމު ހިދުމަތްތަކާއި މައުލޫމާތު ބޭނުންކުރަން ފަސޭހަ އެއް ޕްލެޓްފޯމަކަށް ޖަމާކޮށްދިނުމަކީ، ރާއްޖޭގެ މާހައުލާ ގުޅޭ ގޮތުން "ސްމާޓް ސިޓީ" ތަރައްގީކުރުމުގައި ނަމޫނާއެއް ދައްކުވައިދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
"އަދި މިއީ ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ފުޅާ މަގުސަދުތަކާ އެއްގޮތްވާ ކަމެއް ވެސް މެ އެވެ،" ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.