އެސްއެމްއެސް އަށް 25 އަހަރު

ސްމާޓްފޯނުތަކުން ޗެޓްކުރުމަށް މަގުފަހިކޮށްދިން ސްކައިޕް، މެސެންޖާ، ސްނެޕްޗެޓް، އައިމެސެޖް، ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މަޝްހޫރު މެސެޖިން އެޕްލިކޭޝަންތަކުގެ ސަބަބުން "އެސްއެމްއެސް – ޝޯޓް މެސެޖް ސާވިސް" ނެތިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެއިން އެއްވެސް ޚިދުމަތަކާ ނުބައްދަލު ދުވެލީގައި އެސްއެމްއެސް ބޭނުންކުރުން އަދި ވެސް އަންނަނީ އިތުރުވަމުންނެވެ. އެ ޚިދުމަތުގެ މަޝްހޫރުކަމަށް އަދި ބޭނުންތެރިކަމަށް އެއްވެސް ޒާތެއްގެ ލޮޅުމެއް ނާރަ އެވެ.


މޮބައިލް ފޯނުތަކަށް ޝޯޓް މެސެޖް ސާވިސް އާންމުވުމުގެ ކުރިން ވެސް އޮޕަރޭޓަރުންގެ މެދުގައި، ޓެކްނިކަލް ބޭނުންތަކަށް އެއީ ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ. އެހެންކަމުން "ޝޯޓް މެސެޖިން ޓެކްނޮލޮޖީ" ދުނިޔެ އަށް ތައާރުފުކުރި ފަހުން 25 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެސްއެމްއެސް ޚިދުމަތަށް 25 އަހަރު ފުރުން ފާހަގަކުރަނީ އެ ޚިދުމަތް އާންކުރި ދުވަސް، ޑިސެމްބަރު 3، 1992 ތާރީޚުން ފެށިގެންނެވެ.

މޮބައިލް ފޯނުތައް އާންމުވުމާ އެކު ޗެޓް އެޕްލިކޭޝަންތައް ގިނަވެ، ޓެކްސްޓް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ވަނީ އަދަދުކުރަން އުނދަގޫ މިންވަރަށް އިތުރުވެފަ އެވެ. އެވަރުން ވެސް، ކުރިން ހީކުރެވުނު ގޮތަށް، އެސްއެމްއެސް އަށް ހީނަރުކަމެއް ނާދެ އެވެ.

ޓެކްނޮލޮޖީ މިއަދު ކުރިއަރާފައިވާ މިންވަރަށް ބެލި ނަމަވެސް، އެސްއެމްއެސް ގުނެނީ މުހިންމު ގުނަވަނެއް ގޮތުގަ އެވެ. މަޝްހޫރު މެސެޖިން އެޕްލިކޭޝަންތަކާ ޚިލާފަށް، އެސްއެމްއެސް މަސައްކަތްކުރަނީ ޖީއެސްއެމް ނެޓްވޯކަށް ބަރޯސާކޮށެވެ. އެއްވެސް މާނައެއްގައި އިންޓަނެޓް ނުވަތަ ޑޭޓާ މުހިންމެއް ނުވެ އެވެ.