މައިކްރޮސޮފްޓް ސާފަސް ފޯނެއްގެ ވާހަކަ އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ. ވިންޑޯޒް ފޯނުތައް ހުއްޓާލުމަށް ފަހު، ސްމާޓްފޯން މާކެޓަށް ވަނުމަށް މައިކްރޮސޮފްޓުން ސާފަސް ފޯނު އުފައްދާނެ ކަމަށް ކުރިން ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ. ނަމަވެސް، ސާފަސް ފޯނާ ބެހޭ ގޮތުން އަޑެއް ބަޑެއް ނުއިވި، ގިނަ ދުވަސްތަކެއް ވުމަށް ފަހު، އަނެއްކާ ވެސް މި އޮތީ ސާފަސް ފޯނާ ބެހޭ ގޮތުން ދައްކާނެ ވާހަކަ ގިނަވެފަ އެވެ.
މައިކްރޮސޮފްޓް ތެރޭގައި ގެންގުޅުނު ޑޮކިޔުމެންޓްތަކެއް ކޮންމެ ވެސް ބަޔަކަށް ފެނި، އޭގައި އޮތް އެއްޗެއް ހާމަވިއިރު، ސާފަސް ފޯނު އުފައްދަން ހިންގާ ޕްރޮޖެކްޓެއްގެ ވާހަކަ އޮތަތީ ވަނީ ފެނިފަ އެވެ. "އެންޑްރޮމީޑާ" ކޯޑްނަމެއް ގޮތުގައި ކަނޑައަޅައި ކޮށްފައި ހުރި ސިއްރު މަސައްކަތްތައް މަގުދައްކާފައި ވަނީ ސާފަސް ފޯނަށެވެ.
ސާފަސް ފޯނަށް ބޭނުންވާ ހާޑްވެއާ ސަޕްލައިކޮށްދޭ ކުންފުނިތަކުގެ ތެރެއިން، މައިކްރޮސޮފްޓުން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ އެލްޖީ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ސާފަސް ފޯނަށް ބޭނުންވާ ޑިސްޕްލޭތައް އުފެއްދުމަށް އެލްޖީ އިން ކުރަންޖެހޭ ބުރަ މަސައްކަތްތައް ތައުރީފުކުރުމަށް އެ ކުންފުނީގެ ނަން މައިކްރޮސޮފްޓުން ފާހަގަކޮށްފައި ވަނީ ކަމަށެވެ. ބުނެވޭ ގޮތުގައި ސާފަސް ފޯނުގެ ޑިސްޕްލޭތައް އުފައްދަނީ ލަންބާލައި، ލައްޕާލެވޭ ގޮތަށެވެ.
މައިކްރޮސޮފްޓް ސާފަސް ފޯނު އޮންނާނެ ގޮތާ ބެހޭ ގިނަ ތަފުސީލުތަކެއް އަދި އާންމެއް ނުވެ އެވެ. އެހެން ނަމަވެސް ސާފަސް ޕްރޮޖެކްޓްގައި އިސްވެ މަސައްކަތްކުރާ އޮފިޝަލުން، ދޭތެރެ ދޭތެރެއިން ދޫކޮށްލާ ޓްވީޓްތަކުން ދޭހަވާ ގޮތުގައި، ސާފަސް ފޯނަކީ ޓެބްލެޓެއް ގޮތަށް ނިއުޅާލެވޭ ޑިވައިސްއެކެވެ. ސާފަސް ފޯނާ ބެހޭ ގޮތުން މިހެން ހީކުރެވުނު ނަމަވެސް، ސާފާސް ފޯނު އަދި ސާފަސް ޓެބްލެޓަކީ ދެ ޑިވައިސްއަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.