ސެމްސަންގުން ފޯނެއް ފަތްޖަހަން އެވަރަކުން އެ އުޅެނީ ކީއްވެ ބާއޭ ހިތަށް އަރަ އެވެ. އިންސާނުންގެ ފިކުރާ ޚިޔާލުގައި ކަމެއް ތަނަވަސްވެފައި އޮތެއް ކަމަކު، އެ ކަމެއްގައި އަމަލީ ސިފަޖެއްސޭ ފެންވަރު ޒަމާނުގައި ނެތުން އެއީ ނާކާމިޔާބެއް ނޫނެވެ. ސެމްސަންގަށް މި ވަގުތު އެންމެ ރަނގަޅުވާނީ، ފަތްޖެހިފޯނެއް އުފައްދަން ކުރާ މަސައްކަތްތައް މަޑުޖައްސާލާފައި، ވޮށުފިލާ އެޅުމެވެ.

ސްމާޓްފޯން ބޭނުންކުރާ މީހުންގެ މެދުގައި، ފަތްޖެހިފޯނަކަށް ބޭނުންޖެހިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟ ފަތްޖެހި ފޯނެއް ލިބޭނެ ނަމައޭ ހަމަ އެކަކު ވެސް ބުނާތީ އަޑެއް ނާހަމެވެ. ނަމަވެސް، ގެލަކްސީ އެސް10 އަދި ނޯޓް 10 ގައި ހުންނަން އެދޭ ފީޗާތަކާ ބެހޭ ގޮތުން ވަފާތެރިން ވާހަކަދައްކާތީ އިވެ އެވެ.

ފަތްޖެހި ފޯނަކީ މާ ގިނަ ބަޔަކު ގެންގުޅޭ ހިތުން ގެންގުޅޭނެ އާލާތެއް ނޫނެވެ. ސެމްސަންގަށް ވެސް މިކަން އެނގެ އެވެ. މޮޅު އުފެއްދުމަކަށް ވާނެ ކަމަށް ބަލައި، ކުރެވޭތޯ މަސައްކަތްކުރަނީ އެވެ. ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން އޮތް މިންވަރަކީ، އެކަކު އަޑެއް ލައްވައިފި ނަމަ، ހަމަ އެ ގޮތަށް އަޑެއް ލެއްވޭތޯ، ދެން ތިބި މީހުން ވެސް ބަލަ އެވެ. ފޯނެއް ފަތްނުޖެހިގެން ދެން އުޅޭ ބަޔަކީ ޗައިނާގެ ވާވޭ އެވެ.

ފޯނުތައް މާ ބޮޑެތިވުމުން ގެންގުޅެން އުނދަގުލެވެ. އެކަމަކު ސްކްރީން ސައިޒު ބޮޑުވުމަކީ ވެސް އެދެވޭ ކަމެކެވެ. ފަތްޖެހިފޯނުތަކަށް އޮތް ހަމައެކަނި އުންމީދަކީ މި އެވެ. ފޯނު ހުޅުވާލުމުން ސްކްރީން ބޮޑުވުމެވެ. ނަމަވެސް، ސްކްރީންތައް ފަތްޖަހައި އަދި ހުޅުވާ ހަދާހާ ފެންވަރަށް ޒަމާނީ އިންޖިނިއަރިން އަދި ތަރައްގީއެއް ނުވެ އެވެ. ގެލަކްސީ ފޯލްޑް މާކެޓަށް ނެރުމުގައި ސެމްސަންގަށް ދިމާވެގެން އުޅޭ މައްސަލަ އަކީ މި އެވެ.

ގެލަކްސީ ފޯލްޑް އަކީ ސެމްސަންގް ފަތްޖެހި ފޯނަށް ކިޔާ ނަމެވެ. މި ފޯނު އެއް ފަހަރު މާކެޓަށް ނެރެފި އެވެ. ފޯނުތައް ހަލާކުވާލެއް އަވަސްކަމުން އަބުރާ ގެންގޮސްފި އެވެ. އަދި ވެސް އުޅެނީ ކޮޅެއްގައި ޖެއްސޭނެ ދެމެހެއްޓެނިވި ގޮތެއް ނުފެނިގެންނެވެ. އަނެއްކާ ވެސް ހަމަ ނެރޭ ތަނުން ސްކްރީނުން ކުލަކެހޭ ގޮތް ވެއްޖެ ނަމަ، ލެބޯޓަރީގައި ކުރި ޓެސްޓްތައް ކަމުނުދަނީ އެވެ. ފަތްޖެހިފޯނަކަށް ޒަމާން އަދި ތަން ނުދެޔޭ ބުނެވެނީ މިހެންވެ އެވެ.