ސެމްސަންގް ގެލަކްސީ ނޯޓް: އަނެއްކާ ވެސް އެ ހަނދާންތައް

ސެމްސަންގުން ނެރޭ އެންމެ ބާރުގަދަ އަދި އެންމެ ބިޔަ ފޯނަކީ ގެލަކްސީ ނޯޓެވެ. ނޯޓް އާއިލާ އަށް 10 މެންބަރުން ހަމަވެއްޖެ އެވެ. މިއީ ނޯޓް 6 ވެސް ހިމަނައިގެންނެވެ. ނޯޓް ހަޔަކީ އުފެއްދި ފޯނެއް ނޫން ނަމަވެސް، މަސްރަހުގައި އަދަދު ގުނަނީ ނޯޓް 6 ހިމަނައިގެންނެވެ.


ސެމްސަންގަށް އެންމެ ގިނަ ތަކުލީފުޖެހިފައި ވަނީ ވެސް ނޯޓް ސީރީޒްގެ ފޯނުތަކާ ހެދި އެވެ. އެންމެ ފުރަތަމަ، އޮކްޓޯބަރު 29، 2011 ގައި ނޯޓް 1 ނެރުމާ އެކު އެންމެން ކުރީ މަލާމާތެވެ. ފޯނުގެ ސްކްރީން ބޮޑުކަމުންނެވެ. ސްޓައިލަސް، ދަނޑިކޮޅު ވެސް ހިމަނާފައި ވާތީ އެވެ. މަލާމާތްކޮށް، ދަށްކޮލުމުގެ ގޮތުން ބުނަމުން ދިޔައީ، ދަނޑިކޮޅެއް ބޭނުންވާނީ ކޮރު ފޯނަކަށް ކަމަށެވެ. ސްޓައިލަސް އަކީ އުވާލަންވެފައިވާ އެއްޗަށް ވާއިރު، އަނެއްކާ ވެސް އާކޮށްފައި ނެރުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ކިޔައި އުޅުނެވެ.

ގެލަކްސީ "އެސް ޕެން" އަކީ ދަނޑިކޮޅެއް ނޫނެވެ. އެއީ ސްޓައިލަސްއެއް ވެސް ނޫނެވެ. ސްޓައިލަސްއެއް ގޮތުގައި، "އެސް ޕެން"އާ މުޚާތަބުކުރުމަކީ ސެމްސަންގް އެދޭ ގޮތެއް ވެސް ނޫނެވެ. ސްޓައިލަސް އަކީ، ހަގީގަތުގައި، އެއިރު ސްމާޓް ޑިވައިސްތައް ބޭނުންކުރަން އުފެއްދި ދަނޑިކޮޅެކެވެ. ޕީޑީއޭ ފަދަ އިނގިލިން އޮބަން އުނދަގޫ ސްކްރީންތަކަށް ފިތުމަށްޓަކައި، އިނގިލި ކުރި އަށް ވުރެ ހަރު އެއްޗެއް ބޭނުންވާތީ، އެއިރު ސްޓައިލަސް އުފެއްދީ އެވެ. "އެސް ޕެން" އަދި ސްޓައިލަސް އަކީ އުޑާއި ބިމާހާ ތަފާތު ދެ އެއްޗެކެވެ.

ގެލަކްސީ ނޯޓް އަށް ދިމާވި އަނެއް ފާޑުކިޔުމަކީ، ސްކްރީން ބޮޑުކަމުން، ޖީބަށް ނުލެވޭ ވަރުވުމެވެ. ނަމަވެސް، ބޮޑެތި ސްކްރީންތަކަކީ މިއަދު ސްމާޓްފޯން މާކެޓަށް އާ އެއްޗެއް ނޫނެވެ. ގެލަކްސީ ނޯޓްގެ ސަބަބުން ވާދަވެރިންނަށް ލިބުނު ހިތްވަރުގައި، ނޯޓަށް ދޫނުކުރާ ވަރުގެ ސްކްރީންތައް އުފައްދަން ފެށީ އެވެ. ސެމްސަންގުން ގެލަކްސީ ނޯޓް 10 މާކެޓަށް ނެރެފި އެވެ. މިއަދު "އެސް ޕެން" އަށް މަދު ބަޔަކު ނޫނީ "ސްޓައިލަސް"އޭ ނުކިޔަ އެވެ. ސަބަބަކީ، "އެސް ޕެން" އަކީ ކުޅެދުންތެރި ޑިވައިސްއަކަށް ވުމެވެ. ގެލަކްސީ "އެސް ޕެން" ގައި ހުރި ބާރުވެރިކަން އަދި ބިރުވެރިން ތަޖުރިބާކުރެވޭނީ ނޯޓެއް ގެންގުޅޭ މީހަކަށެވެ.

"އެސް ޕެން" އަކީ ސްޓައިލަސްއެއް ނަމަ ނުވަތަ އެއީ ހަމައެކަނި ދަނޑިކޮޅެއް ނަމަ، ސްކްރީނަށް އޮބާލާ ކޮންމެ ފަހަރަކު ހިއްސުކުރުމުގައި ބެލެވޭނީ އެއީ "އެންމެ" އިހުސާސެއް ކަމަށެވެ. އެކަމަކު، "އެސް ޕެން" ބޭނުން ހިފައި ސްކްރީންގައި ޖައްސާލާ ކޮންމެ ފަހަރަކު ކުރެވޭ އިހުސާސް 128 ދަރަޖަ އަށް ބައިކޮށްލަ އެވެ. އާދައިގެ ބޯލް ޕޮއިޓް ގަލަމަކު ލިޔާހެން "އެސް ޕެން" އިން ލިޔެވި އަދި ދަވާދުލާ ބުރުހަކަށް ބަދަލުކުރެވި ކުލަޖެއްސެމުން ދަނީ މި ބުނި ކުޅަދާނަކަން "އެސް ޕެން" ގައި ގާއިމުކޮށްފައި ވާތީ އެވެ.

"އެސް ޕެން" އަކީ މިހާރު "މޯޝަން ކޮންޓްރޯލާ" އެކެވެ. "ވާޗުއަލް ރިއާލިޓީ" ގޭމްތައް "އެސް ޕެން" އިން ކުޅެވޭ ގޮތް ހެދުމަށް ސެމްސަންގުން ވަނީ ޑިވެލޮޕަރުންނަށް ދޮރުހުޅުވާލާފަ އެވެ. އެހެންކަމުން "އެސް ޕެން" މިހާރު ބަދަލުވަމުން އެ ދަނީ ދުނިޔެ އަނބުރާލެވޭ ކަހަލަ "ދަނޑިކޮޅަ"ކަށެވެ.