ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ އަޑު ވަރަށް މަގުބޫލުވެ. އެގޮތުން އޭނާގެ އަޑުން ފިލްމުތައް ނެރޭޓްކޮށް ދިނުމާއި ރޭޑިއޯ އިޝްތިހާރުތަކަށް އަޑުއަޅައި ދިނުމާއި އަދި އަމީތާބް ހޯސްޓްކޮށްދޭ ޝޯތަކުގައި ވެސް އޭނާގެ އަޑުގެ ޖާދޫއާ އެކު ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ވެސް ރަނގަޅަކަށް ދައްކުވައި ދީފައިވެ އެވެ.

އަމީތާބް ހޯސްޓްކުރާ "ކޯން ބަނޭގާ ކަރޯޑްޕަތީ" އަކީ އަމީތާބްގެ އަޑުގެ ގަދަފަދަކަމާއި މުއްސަނދި ހިންދީ ބަހުން އޭނާގެ ވާހަކަ ދެއްކުންތެރިކަން ފެންނަ ޝޯއެކެވެ.

ޚަބަރުތައް މިހާރު ބުނާގޮތުން ގޫގުލް މެޕްސްގެ ނެވިގޭޝަން ފީޗާ އަށް އަމީތާބްގެ އަޑު ބޭނުންވެގެން މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ގޫގުލް އިންޑިއާ އިން މިކަމާ ބެހޭ މަޝްވަރާތައް 77 އަހަރުގެ އެކްޓަރާ އެކު ކުރަމުން އަންނަ އިރު، ވަރަށް ބޮޑު އަގެއް ވެސް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޅަ މިހާރު އޮތީ އޭނާގެ ކޮޅުގަ އެވެ. އަމީތާބް ގޮތެއް ނިންމުމާ އެކު، ގޫގުލް އޮތީ މަސައްކަތާއިގެން ކުރިއަށްދާން ތައްޔާރަށެވެ. އެގޮތުން އަމީތާބްގެ އަޑާ އެކު ގޫގުލް މެޕުން ކޮވިޑް-19އާ ގުޅޭ ގޮތުން މެސެޖް ފޯރުކޮށްދޭނެ އެވެ. އެކަމަކު އަޑު ބޭނުން ވަނީ އިނގިރޭސި ބަހުންތޯ ނުވަތަ ހިންދީ ބަހުންތޯ ކަށަވަރުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މިހާރު ގޫގުލް މެޕްސް އިން ބޭނުން ކުރަނީ ނިއު ޔޯކްގައި ދިރިއުޅޭ ކެރެން ޖެކޮބްސަންގެ އަޑެވެ.