މައިކްރޮސޮފްޓުން ބުނަނީ އެޖް ބްރައުޒާ "އަންއިންސްޓޯލް" ނުކުރެވޭނެ ކަމަށް

މައިކްރޮސޮފްޓް ވިންޑޯޒް 10 ބޭނުންކުރާ ނަމަ އެޖް ބްރައުޒާ ބޭނުންނުކުރެވި ނުހުންނާނެ އެވެ. އެޖް ބްރައްުޒާ ވަނީ ވިންޑޯޒް 10 އާ ވަރަށް ބޮޑަށް ލާމެހިފަ އެވެ. އިންޓަނެޓުން ސަފުހާއެއް ހުޅުވަން ބޭނުންވާ ކޮންމެ ފަހަރަކުހެން ވިންޑޯޒް 10 މަގުދައްކަނީ އެޖް ބްރައުޒާ ބޭނުންކުރުމަށެވެ.


އެޖް ބްރައުޒާ އަކީ ވަކި ސޮފްޓްވެއާ އެޕްލިކޭޝަނެއް ގޮތަށް ނަން ކިޔަސް، އެންމެ ރަނގަޅު ގޮތަކީ އެއީ މިހާރު ވިންޑޯޒް 10ގެ ބައެއް ކަމަށް ބެލުމެވެ. އެއީ ވިންޑޯޒް 10 އަޕްޑޭޓްކުރާ ކޮންމެ ފަހަރަކު، އެޖް ބްރައުޒާ ވެސް އަޕްޑޭޓްކުރެވޭތީ އެވެ.

މައިކްރޮސޮފްޓް އިން އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލުމަށް ފަހު އެޖް ބްރައުޒާ ފައްކާކުރަމުން އައިއިރު އެއީ ވަކިން އިންސްޓޯލްކޮށް އަދި ވަކިން "އަންއިންސްޓޯލް"ކުރެވޭ އެޕްލިކޭޝަނެކެވެ. އެހެން ނަމަވެސް، މައިކްރޮސޮފްޓުން މިހާރު ބުނަނީ، އެޖް ބްރައުޒާ އަކީ "އަންއިންސްޓޯލް" ކުރެވޭ އެޕްލިކޭޝަނެއް ނޫން ކަމަށެވެ.

އިންޓަނެޓް ބްރައުޒްކުރެވޭ ގޮތަށް ވާދަވެރިން ވެސް ސޮފްޓްވެއާ އެޕްލިކޭޝަން އުފައްދަ އެވެ. ގޫގުލް ކްރޯމް، މޮޒިއްލާ ފަޔާފޮކްސް އަދި އޮޕެރާ އަކީ ވިންޑޯޒް 10 ގައި ބޭނުންކުރެވޭ ގޮތަށް ވާދަވެރި މާކެޓުން ލިބެން ހުރި އެންމެ ބާރުގަދަ ބްރައުޒާތަކެވެ.

މައިކްރޮސޮފްޓް އެޖް ބޭނުންކުރާ މީހުންނަށް ވުރެ ގޫގުލް ކްރޯމް ބޭނުންކުރާ އަދަދު ގިނަ އެވެ. އެޖް އަށް ވުރެ ހުރިހާ މާނައެއްގައި ވެސް ކްރޯމް ފަސޭހަ އެވެ. ފަޔާފޮކޮސް އަދި އޮޕެރާ ވެސް އެޖް އަށް ވުރެ ކަމުދެ އެވެ.

އަހަރެމެން ލައިވައި މައިކްރޮސޮފްޓް އިން އެޖް ބްރައުޒާ ބޭނުންކުރުވަނީ ގަދަބާރުންނެވެ. އެޖް ބޭނުންކުރަން ބޭނުންނުވި ނަމަވެސް ކޮންމެ ވެސް ދިމާއަކުން އެޖް ހުޅުވިގެން އަންނަ ކިތަންމެ ފަހަރެއް ވަނީ ތަޖުރިބާކުރެވިފަ އެވެ.

މައިކްރޮސޮފްޓުން މިހާރު ބުނަނީ އެޖް އަކީ ވިންޑޯޒް 10 އިން ފޮހެލެވޭ ބްރައުޒާއެއް ނޫން ކަމަށެވެ. މާނަ އަކީ އެއީ ވިންޑޯޒް 10 ކޮމްޕިއުޓަރުތަކަށް އަޅާ އެހެން އެޕްލިކޭޝަންތައް ފަދައިން، ފޮހެލައި ބޭނުންކަނޑުވައިލެވޭ ސޮފްޓްވެއާ އެޕްލިކޭޝަނެއް ނޫން ކަމެވެ.

ވިންޑޯޒް 10 އިން އެޖް ބްރައުޒާ "އަންއިންސްޓޯލް"ކުރުމަކީ އާދައިގެ ހާލަތުގައި ކުރެވެން ނެތް ކަމެއް ނަމަވެސް، މިކަން ކުރެވޭ ގޮތެއް ވެސް އޮންނަން ޖެހެ އެވެ. މި ނޫން ގޮތެއްގައި، އެޖް ނުހުޅުވޭ ގޮތެއް ވެސް އެނގެން ޖެހެ އެވެ. އަހަރެމެންނަށް މި ވަގުތު އޮތް ގޮތަކީ "ޕަވާޝެލް" ބޭނުންކުރުމެވެ. އެހެން ބައެއް "ތާޑްޕާޓީ" އެޕްލިކޭޝަން ބޭނުންކޮށްގެން ވެސް، އެޖް ނުހިނގާ ގޮތް ހެދެ އެވެ. އެހެން ނަމަވެސް ވިންޑޯޒް 10 އަށް ދެން އަންނަ އަޕްޑޭޓެއްގައި މިކަން އުވި ދެ އެވެ.