ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން، އެޕަލް ގަޑި ބޭނުންކޮށް އޭގައި ހުންނަ ސިއްހަތާ ގުޅޭ އެޕްތައް ބޭނުންކުރާ މީހުންނަށް ސިންގަޕޫރްގައި ހާއްސަ އެލަވަންސެއް ދޭން ނިންމައިފި އެވެ.

މިކަމަކީ ސިންގަޕޫރުގައި ހުޅުވަން ތައްޔާރުވަމުން އެޕަލް ކުންފުނީގެ ފުރަތަމަ ފްލޯޓިން ފިހާރަ އާއި ސިންގަޕޫރުގެ ހެލްތު ޕްރޮމޯޝަން ބޯޑު ގުޅިގެން އެ ގައުމުގެ "ސްމާޓް ނޭޝަން" އިނިޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.

މިކަން އަންގާރަ ދުވަހުން އިއުލާންކުރަމުން ބުނެފައި ވަނީ އެޕަލް ގަޑީގެ ލުމިހެލްތު އެޕް ބޭނުންކުރާ މީހުންނަށް 380 ސިންގަޕޫރު ޑޮލަރު (280 ޑޮލަރު) އާ ހަމަ އަށް އެލަވަންސް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ބޭނުމަކީ ކޮންމެ ހަފުތާއަކު ވެސް ކަސްރަތަށް ވަގުތު ހުސްކުރަން ހިތްވަރު ދިނުމެވެ. އޭގެ ތެރޭގައި ދުވުމާއި ހިނގުމާއި ފެތުމާއި ޔޯގާ ހެދުން ވެސް ހިމެނެ އެވެ. އެޕަލް ގަޑީގެ ހެލްތު އެޕަކީ ޗެކަޕްތައް ހެދުމާއި އިމިއުނިޒޭޝަން އެޕޮއިންޓްމަންޓް ފަދަ ކަންކަމަށް ވެސް ހިތްވަރު ދޭ އެއްޗެކެވެ. އެހެންވެ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހަކަށް ވަރަށް މުހިއްމު އާލާތަކަށް ވާނެ އެވެ.

މިކަމާ ގުޅޭ ގޮތުން އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ ހެލްތު އެޕް ބޭނުންކުރާ މީހުންނަށް އެލަވަންސެއް ދޭން ނިންމުމަކީ މިފަދަ ކަމެއް މިހާތަނަށް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"އަހަރެމެން ވަރަށް އުފާކުރަން މިކަހަލަ ކަމެއް މުޅިން އަލަށް ސިންގަޕޫރްގައި ތައާރަފުކުރެވޭތީ. އަނެއްކޮޅުން އެ ގައުމަކީ ދުނިޔޭގެ އެންމެ ރަނގަޅު ސިއްހީ ނިޒާމު ވެސް އޮތް ގައުމު،" އެޕަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޖެފް ވިލިއަމްސް ވިދާޅުވި އެވެ.

ލުމިހެލްތު އެޕް މިހާރު ވަނީ އެޕް ސްޓޯރުގައި ޕްރި-އޯޑަރަށް ހުޅުވާލައިފަ އެވެ. އަދި އަންނަ މަހުގެ ފަހުކޮޅުން ފެށިގެން ދެ އަހަރުގެ ޕްރޮގްރާމެއްގެ ގޮތުގައި ލިބޭނެ އެވެ.