ބައެއް ފޯނުތަކަށް ވަޓްސްއެޕް އަޕްޑޭޓް ހުއްޓާލަނީ

ވަޓްސްއެޕަށް ގެންނަ ޒަމާނީ ބަދަލުތަކާ އެއްވަރަށް ހިދުމަތް ނުދެވޭ މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކަށް ސަޕޯޓް ނުދޭން ނިންމައިފި އެވެ. އެހެން ނަމަވެސް، ހެޔޮވަރު އާބާދީއެއް ބޭނުންކުރާ ނަމަ އެ އޮޕަރޭޓިން ސިސްޓަމަކަށް ނުވަތަ ޑިވައިސްއަކަށް، ވަކި މުއްދަތަކަށް ޚިދުމަތް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.


ސަޕޯޓްދިނުން ހުއްޓާލަން ކަނޑައަޅާފައި އޮތް ލިސްޓްގައި ބްލެކްބެރީ ވެސް ހިމެނެ އެވެ. މި އަހަރު ނިމުމުން ސަޕޯޓް ހުއްޓާލަން ތައްޔާރުކޮށްފައި އޮތް ލިސްޓްގައި ހިމެނެނީ، ނޮކިއާ އެސް40، ނޮކިއާ ސިމްބިއަން އެސް40، ބްލެކްބެރީ އޯއެސް، ބްލެކްބެރީ 10، އެންޑްރޮއިޑް 2.1، އެންޑްރޮއިޑް 2.2، އައިފޯން 3ޖީއެސް/އައިއޯއެސް6، އަދި ވިންޑޯޒް ފޯން 7 އެވެ.

އެ ލިސްޓް ވަޓްސްއެޕުން ދިރާސާކުރުމަށް ފަހު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލުގަައި ހިމެނެނީ، ނޮކިއާ އެސް40، ނޮކިއާ ސިމްބިއަން އެސް40، ބްލެކްބެރީ އޯއެސް އަދި ބްލެކްބެރީ 10، އަށް ޚިދުމަތް ދޭ ގޮތަށެވެ. މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ މި އަދަދުތަކަށް، ޖޫން 30، 2017ގެ ނިޔަލަށް ސަޕޯޓް ދިނުމަށް ވަނީ ނިންމާފަ އެވެ.

ވަޓްސްއެޕުން ގެނައި ބަދަލުން ވިސްނެނީ ސަޕޯޓްދޭ މުއްދަތު އިތުރުކުރި މޮބައިލް އޮޕަރޭޓިން ސިސްޓަމްތައް ބޭނުންކުރާ މީހުންގެ އަދަދު އަދި ވެސް އެކަށީގެންވާ ކަމެވެ.

ބްލެކްބެރީ އޯއެސްގެ ޒަމާން ނިމުމަކަށް އަންނައިރު، ބްލެކްބެރީ މަރުކާ އަށް ބުރަވެ އަމިއްލަ އަށް ދެން ފޯނު ނުއުފައްދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ވިޔަފާރި ބައިވެރިންނަށް ހިތްވަރުދީގެން ފޯނު އުފައްދައި، ސޮފްޓްވެއާ ލައިސަންސް ވިއްކުމުގައި ދެމި އޮންނާނެ ކަމަށް ބްލެކްބެރީން ވަނީ ބުނެފަ އެވެ.