ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި، ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ޑޫރޯވް ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ނޯޓިހެއް ނެރެފައިވާ ކަމަށް ރަޝިޔާއިން ބުދަ ދުވަހު ބުނެފި އެވެ. 

"ޓެލެގްރާމްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން، ޕީ. ޑޫރޯވް ހޯދުމަށް ބައިނަލްއަގުވާމީ ނޯޓިހެއް ވަނީ ނެރެފައި،" ރަޝިޔާގެ ނިއުސް އޭޖެންސީތަކުން އެ ގައުމުގެ ސެކިއުރިޓީ ސަވިސަސް (އެފްއެސްބީ) އާ ހަވާލާދީ ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރަޝިޔާއަށް އުފަން، އަދި ފްރާންސް އަދި ޔޫއޭއީގެ ޕާސްޕޯޓް އޮންނަ ޑޫރޯވް މިވަގުތު ހުރީ ފްރާންސްގަ އެވެ. 

 ޓެރަރިޒަމަށް އެހީވާ ކަމަށް ތުހުމަތުކޮށް ޑޫރޯވްއާ ދެކޮޅަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގެއް ފަށާފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ވަނީ ބުނެފަ އެވެ. 

 ޓެލެގްރާމް ބްލޮކްކުރުމަށް ރަޝިޔާއިން މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައި ވާއިރު ސަރުކާރުން ޑޫރޯވަށް ޕްރެޝަރުކުރަމުން ގެންދަނީ އެފްއެސްބީ ސެކިއުރިޓީ ސާވިސްއަށް އެ އެޕްލިކޭޝަންގެ ބެކް-ޑޯ އެކްސެސް ދީ، އެޕް ބޭނުންކުރާ މީހުންގެ ޑޭޓާ ބެލޭނެ ގޮތް ހަދައިދިނުމަށެވެ.  

 އެފްއެސްބީއާ ހަވާލާދީ ރަޝިޔާގެ މީޑިއާއިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީހުން މެރުމަށް ޓެލެގްރާމް ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަ ބެލުމުގައި ޑޫރޯވް އެއްބާރުލުން ދީފައެއް ނުވެ އެވެ.

ރަޝިއާގެ އެންމެ މަގުބޫލު މެސެޖިން ދެ އެޕް ކަމަށްވާ ޓެލެގްރާމާއި ވަޓްސްއެޕް އެ ގައުމުގައި މިހާރު ވަނީ ލިމިޓްކޮށްފަ އެވެ. އަދި އެ ވަސީލަތްތަކުގެ ބަދަލުގައި ސަރުކާރުން ހަދާފައިވާ "މެކްސް" ކިޔާ އެޕެއް ބޭނުންކުރުމަށް ގެންދަނީ ބާރުއަޅަމުންނެވެ.   

 ރަޝިޔާގައި ޓެލެގްރާމާއި ވަޓްސްއެޕް މަނާކުރުމަށް ފަހު ބޭނުންކުރަން އަންގާފައިވާ "މެކްސް" އަކީ ވަޓްސްއެޕާއި ޓެލެގްރާމް ގޮތަށް، މުއާލާތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ޑިވައިސްގައި އޭގެ ޑޭޓާ އެންކްރިޕްޓްވެފައި ހުންނަ އެޕްލިކޭޝަނެއް ނޫނެވެ. ވަޓްސްއެޕާއި ޓެލެގްރާމުން ގައުމުތަކުގެ ސަރުކާރުތަކަށް، އެ ބޭނުންކުރާ މީހުންގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ޔަގީންކަން ދޭއިރު މެކްސް އިން ފާޅުގައި ބުނަނީ ސަރުކާރުން އެދެފި ނަމަ ޑޭޓާ ހިއްސާކުރާނެ ކަމަށެވެ.