ދުބާއީ (ޖުލައި 5) - އެމިރޭޓްސް އާއި ޓާކިޝް އެއާލައިންސް އިން ވެސް އެމެރިކާ އަށް ކެބިންގައި ލެޕްޓޮޕް ގެންދަން ހުއްދަ ކޮށްފި އެވެ.
މީގެ ކުރިން ވަނީ އަބޫ ދާބީގެ އިއްތިހާދު އެއާލައިނުން އެމެރިކާ އަށް ދަތުރު ކުރާ މީހުންނަށް ކެބިންގައި ލެޕްޓޮޕް ގެންދެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އެމިރޭޓްސް އިން ބުނެފައި ވަނީ ދުބާއީން އެމެރިކާ އަށް ކުރާ ދަތުރުތަކުގައި ލެޕްޓޮޕް ގެންދެވޭ ގޮތް ހެދުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ އެކު ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ޓާކިޝް އެއާލައިންސް އިން ވެސް ބުނެފައި ވަނީ އެމިރޭޓްސް އަދި އިއްތިހާދެކޭ އެއްގޮތަށް އެ އެއާލަނުން ވެސް ކެބިންގައި ލެޕްޓޮޕް ގެންދެވޭނެ ކަމަށެވެ.
ދުބާއީ، އިސްތަންބޫލް އަދި އަބޫ ދާބީގެ އެއާޕޯޓްތަކުން ވަނީ ސެކިއުރިޓީ ޗެކް ކުރުން ވަރަށް ބޮޑަށް ހަރުދަނާކޮށްފަ އެވެ. އެ އެއާޕޯޓްތަކުން ފުރާ މި ތިން އެއާލައިނުގެ ބޯޓުތަކުގައި ލެޕްޓޮޕް ގެންދެވޭ ގޮތް ހެދީ އެހެންވެ އެވެ.
ތުރުކީ އާއި މެދުއިރުމަތީގެ ބަައެއް ގައުމުތަކުން އެމެރިކާ އާއި އިނގިރޭސިވިލާތަށް ދާ ބައެއް ފްލައިޓްތަކަށް ލެޕްޓޮޕާއި ޓެބްލެޓް އެރުވުން ވަނީ މާޗު މަހު މަނާކޮށްފަ އެވެ.
އިއްތިހާދު އެއާލައިނުން އަބޫ ދާބީން އެމެރިކާގެ ފަސް އެއާޕޯޓަކަށް ހަފުތާއަކު 45 ފްލައިޓް ބާއްވަ އެވެ. އެމިރޭޓްސް އިން ދުބާއީ އިން އެމެރިކާގެ 12 ސިޓީއަކަށް ދަތުރު ކުރެ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު އަށް ގައުމެއްގެ 10 އެއާޕޯޓަކުން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކުން ލެޕްޓޮޕް ނުގެންދެވޭ ގޮތް ހެދީ ލެޕްޓޮޕްގައި ފޮރުވައިގެން ބޮމެއް ބޯޓަށް އަރުވަފާނެކަމުގެ ބިރަށެވެ. އެހެނެވް ކެބިން އަށް އަރުވާ އެއްޗެއްގައި "ސުމާޓްފޯނަކަށް ވުރެ ބޮޑު" އެއްވެސް ޑިވައިސްއެއް ނުގެންދެވޭނެ އެވެ. ލެޕްޓޮޕާއި އެހެން ޓެބްލެޓް ގެންދަން ޖެހޭނީ ޗެކްޑް-ބެގޭޖުގަ އެވެ. ކެބިންގައި ނުގެންދެވޭނީ 16 ސެންޓި މީޓަރު (6.3 އިންޗި) އަށް ވުރެ ދިގު، 9.3 ސެންޓި މީޓަރު (3.7 އިންޗި) އަށް ވުރެ ފުޅާ އަދި 1.5 ސެންޓި މީޓަރު (0.6 އިންޗި) އަށް ވުރެ ބޯ ޑިވައިސްތަކެވެ. ސްމާޓްފޯނާއި މެޑިކަލް ޑިވައިސްތައް މީގެ ތެރޭގައި ނުހިމެނެ އެވެ.
އެމެރިކާ އިން އެޅި މި ފިޔަވަޅުގެ ސަބަބުން ތުރުކީ އާއި ސައުދީ އަރަބިޔާ އާއި ޖޯޑަން އާއި ޔޫއޭއީ އާއި ގަތަރާއި ކުވޭތުގެ އިތުރުން އެފްރިކާގެ މިސްރާއި މޮރޮކޯ އިން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކުގެ ކެބިން އަށް ލެޕްޓޮޕެއް ނޭރުވޭނެ އެވެ. އެކަމަކު އިނގިރޭސި ވިލާތުން މަނާކުރީ އޭގެ ތެރެއިން ހަ ގައުމަކުން ދަތުރުކުރާ ފްލައިޓްތައް އެކަންޏެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ހޯމްލޭންޑް ސެކިއުރިޓީ އިން ބުނީ މި ފިޔަވަޅު އެޅީ މަތިންބޯޓާއި އެއާޕޯޓްތަކުގައި މިދިއަ ދެ އަހަރު ހިނގި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.