އެމެރިކާ އާއި އިނގިރޭސިވިލާށް ދާ ބައެއް ފްލައިޓްތަކަށް ލެޕްޓޮޕް އެރުވުން މަނާކޮށްފި

ތުރުކީ އާއި މެދުއިރުމަތީގެ ބަައެއް ގައުމުތަކުން އެމެރިކާ އާއި އިނގިރޭސިވިލާތަށް ދާ ބައައެއް ފްލައިޓްތަކަށް ލެޕްޓޮޕާއި ޓެބްލެޓްސް އެރުވުން މަނާކުރި އަމުރަށް އިއްޔެ އަމަަލްކުރަން ފަށައިފި އެވެ.


އޮފިޝަލުން ބުނާ ގޮތުގައި ކެބިންނަށް އަރުވާ އެއްޗެއްގައި "ސުމާޓްފޯނަކަށް ވުރެ ބޮޑު" އެއްވެސް ޑިވައިސްއެއް ނޭރުވޭނެ އެވެ. އެހެންކަމުން ލެޕްޓޮޕާއި އެހެން ޓެބްލެޓްސް ގެންދަން ޖެހޭނީ ދޫކޮށްލާ ފޮށިތަކުގަ އެވެ.

މި ފިޔަވަޅު އެޅީ އެފަދަ ޑިވައިސްތަކުގައި ރައްކާކޮށްގެން ފްލައިޓްތަކަށް ގޮވާތަކެތި އަރުވަފާނެކަމުގެ ނުރަައްކާ ބޮޑުވަމުން އަންނާތީ ކަމަށް އޮފިޝަލުން ބުނެ އެވެ.

މި ފިޔަވަޅުގެ ސަބަބުން ތުރުކީ އާއި ސައުދީ އަރަބިޔާ އާއި ޖޯޑަން އާއި ޔޫއޭއީ އާއި ގަތަރާއި ކުވޭތުގެ އިތުރުން އެފްރިކާގެ މިސްރާއި މޮރޮކޯ އިން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކަށް ލެޕްޓޮޕެއް ނޭރުވޭނެ އެވެ. އެކަމަކު އިނގިރޭސި ވިލާތުން މަނާކުރީ އޭގެ ތެރެއިން ހަ ގައުމަކުން ދަތުރުކުރާ ފްލައިޓްތައް އެކަންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ގައުމުތަކުން ނުވަ އެއާލައިނަކުން ދުވާލަކު 50 ފްލައިޓް، އެމެރިކާ އަށް ދަތުރުކުރެ އެވެ.

އެމިރޭޓްސް އިން ވަނީ ދަތުރުވެރިންނަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އެގޮތުން ޗެކިން ވުމަށް ފަހު ވެސް އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކުރެވެ އެވެ. އެ އެއްޗެހި ދޫކޮށްލަން ޖެހެނީ މަތިންދާބޯޓަށް އަރާ ވަގުތު އެވެ. އެކަމަށްޓަކައި މުޅިން ހިލޭ ބަންދުކޮށްދިނުމާއި ފޮނުވާދިނުމުގެ ޚިދުމަތް އެމިރޭޓްސް އިން، އެ އެއާލައިންގެ ދަތުރުވެރިނަށް ދެ އެވެ.

އެމިރޭޓްސް އިން އެގޮތަށް ހަމަޖެއްސުމުން، ދުބާއީ މަގުން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކުގެ ދަތުރުވެރިންނަށް ދުބާއީ އަށް ދެވެންދެން ލެޕްޓޮޕް އެއްޗެހި ބޭނުންކުރެވޭނެ އެވެ. އެކަމަކު ދުބާއީގައި މަޑުކޮށް، އެމެރިކާ އަށް ފުރާ ވަގުތު އެ އެއްޗެހި ހަވާލުކުރަން ޖެހޭނެ އެވެ.

މިއީ ވަގުތީ ފިޔަވަޅެއް ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން އެމެރިކާ އާއި އިނގިރޭސި ވިލާތަށް ގޮވާލެއްވީ ވީހާވެސް އަވަހަކަށް އެ މަނާކުރުން އުވާލުމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ހޯމްލޭންޑް ސެކިއުރިޓީ އިން ބުނީ މި ފިޔަވަޅު އެޅީ މަތިންބޯޓާއި އެއާޕޯޓްތަކުގައި މިދިއަ ދެ އަހަރު ހިނގި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އިލެކްޓްރޯނިކްސް އަމިއްލަ އެއްޗެހި ބޭނުންނުކޮށް، މުނިފޫހިފިލުވާނެ ގޮތްތައް ބައެއް އެއާލައިންތަކުން ކިޔައިދެ އެވެ. އެގޮތުން ރޯޔަލް ޖޯޑަން އެއާލައިންސުން ބުނީ، އެ ގައުމުގެ މީހުންގެ އާންމު އާދައެއް ކަމަށްވާ އެކަކު އަނެކަކާ ދިމާއަށް ބެލުމުގައި ވަގުތު ހޭދަކުރުމަށެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ތަޖުރިބާކަރުން ބުނާ ގޮތުގައި އާ ފިޔަވަޅުގެ ސަބަބުން ބައެއް އެއާލައިންތަކަށް ގެއްލުންތަކާ ކުރިމަތިވާނެ އެވެ.