ޗާގޯސް ޖަޒީރާތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) ގައި އޮންނަ އަސްކަރީ މަރުކަޒު އިނގިރޭސިވިލާތުން ދޫކޮށްނުލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ މިއަދު އޮތް ޕާލިމަންޓުގެ ސުވާލާއި ޖަވާބު ސެޝަން (ޕީއެމްކިއުސް) ގައި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކޭމީ ބޭޑާނޮކް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ބޭޑާނޮކް ވަނީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ޔޫކޭގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

މި ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ބޮޑުވަޒީރު ބާންހަމް ވިދާޅުވީ، ޗާގޯސްގެ އެހެން ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް މަޝްވަރާކުރި ނަމަވެސް، ސްޓްރެޓީޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު އެއްވެސް ހާލެއްގައި ދޫނުކުރައްވާނެ ކަމަށެވެ. އަދި އެމެރިކާއާ އެކު އޮތް ގުޅުމުގެ ދަށުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ބާންހަމް މިހެން ވިދާޅުވެފައި މި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އިނގިރޭސި ވިލާތުން ދޫކޮށްލައި މޮރިޝަސްއާ ހަވާލުކުރަން ނިންމާފައި ވާތީ އެކަމާ ވާހަކަ ދައްކަން ދިވެހިރާއްޖޭން ހުށަހަޅާފައި ވަނިކޮށެވެ. ޗާގޯސް އަކީ ރާއްޖެއަށް ލިބެންޖެހޭ ތަނެއް ކަމަށް ދެކޭތީ ރާއްޖޭން ވަނީ މިކަމުގައި މަޝްވަރާކުރުމަށް ބޮޑުވަޒީރު ބާންހަމްއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

 ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާގެ ސަރުކާރުގައި މޮރިޝަސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ސިއާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލައި އިނގިރޭސި-އެމެރިކާގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާގެ ކޮންޓްރޯލް އިނގިރޭސި ވިލާތަށް އޮންނަ ގޮތަށް އެ ރަށް 99 އަހަރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދީފައި ބާއްވަން ޖެހެ އެވެ. އިނގިރޭސި ސަރުކާރުން އެތަން ކުއްޔަށް ހިފާ އަގު ހާމަކޮށްފައި ނުވި ނަމަވެސް، އަހަރަކު 90 މިލިއަން ފައުންޑް (111 މިލިއަން ޑޮލަރު) ދައްކަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގެއް ނުކުރެ އެވެ.

ދެކުނުން ރާއްޖެއާ އެންމެ ކައިރި ޖަޒީރާ ކަމަށްވާ ޑިއޭގޯ ގާސިއާގެ އޮޕަރޭޝަނަލް ކޮންޓްރޯލް ދިގު މުއްދަތަކަށް ދެމެހެއްޓުމަކީ "އެންމެ އިސްކަންދޭ ކަންތައް" ކަމަށާއި، އަދި އެއީ މުޅި އެއްބަސްވުމުގެ "އަސާސް" ކަމަށް އާ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.