ދަރިމައިވުމުގެ ސިއްހަތާއި ގެވެށި އަނިޔާއާ ގުޅޭ ގޮތުން މައުލޫމާތާއި އެކަމާ ގުޅޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން އޮސްޓްރޭލިއާ އިން ރާއްޖެ އަށް 300،000 ޑޮލަރުގެ (4.6 މިލިއަން ރުފިޔާ) އެހީއެއް މިއަދު ދީފި އެވެ.
މި އެހީ ދިނީ ރާއްޖެ އަށް ދިނީ ޔޫއެންއެފްޕީއޭ މެދުވެރިކޮށެވެ. ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެހީ ރާއްޖެ އަށް ދިނުމަށްޓަކައި އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޮލީ އާއި ޔޫއެންއެފްޕީއޭ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ ޑައިރެކްޓަރު ރިޓްސޫ ނަކެން، އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
މި ފައިސާ ބޭނުން ކުރާނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ދުވަސްވަރުގައި އަންހެންކުދިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސަން ކަމަށް ޔޫއެންއެފްޕީއޭ އިން ބުންޏެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭން މާލެ އާއި ހދ. އަތޮޅުގައި މިހާރު ވެސް ދެ ސެންޓަރު ގާއިމްކޮށްފައި ވެ އެވެ. މި ފައިސާއާ އެކު އެ ދެ ސެންޓަރުން ދޭ ހިދުމަތްތައް ހަރުދަނާ ކުރާނެ ކަމަށް ޔޫއެންއެފްޕީއޭ އިން ބުންޏެވެ.
މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މި ދަތި ހާލުގައި އަންހެންކުދިންނަށް މިފަދަ މައުލޫމާތު ފޯރުކޮށްދެވޭތީ ވަރަށް އުފާ ކުރައްވާ ކަމަށެވެ.
"ކާރިސާތައް ކުރިމަތިވާ އިރު އަންހެން ކުދިންނަށް ކުރާ ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވޭ. އެހެންވެ، މި ދުވަސްވަރު މިފަދަ ކަންކަމަށް އެއްބާރުލުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ޔޫއެންއެފްޕީއޭގެ ރާއްޖޭގެ ކަންޓްރީ ޑައިރެކްޓަރު ރިޓްސޫ ވިދާޅުވީ މިފަދަ ދަތި ހާލަތްތައް ދިމާވުމުން އަންހެނުންނާ ގުޅޭ ކަންކަމަށް އިސްކަންނުދޭ ތަން އެކި ގައުމުތަކުން އާންމުކޮށް ފެންނަ ކަމަށެވެ.