އޮސްޓްރޭލިއާ އިން ހިލޭ އެހީގެ ގޮތުގައި ރާއް ޖެއަށް ހަދިޔާކުރި މަނަވަރު މިއަދު ގެނެސްފި އެވެ. 

އެ އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް ކައިރި ކުރުމުން، އުޅަނދުގައި ތިބި އެ ގައުމުގެ ނޭވީ މުވައްޒަފުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު، ޑޭވިޑް ޖެސަޕް އެވެ.

އެމްއެންޑީއެފުން ބުނީ އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ގެންގުޅޭ ސިޔާސަތުގެ ދަށުން އެ ގައުމުގެ ސަރުކާރާ އެކު ކުރި މަސައްކަތުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ.

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ހުޅުމާލެއަށް ބަނދަރުކުރުމުން، ވޯޓަ ސެލިއުޓު ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ހުޅުމާލެއަށް ބަނދަރުކުރުމުން، ވޯޓަ ސެލިއުޓު ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެ ގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެދުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

އެމްއެންޑީއެފުން ބުނީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ހަދިޔާކުރީ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ އާ އުޅަނދެއް ކަމަށެވެ. 

އެ އުޅަނދު ރާއްޖެ އަށް ގެނައުމުގެ ކުރިން ރާއްޖޭގެ ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އެ މަނަވަރު އޮޕަރޭޓް ކުރާނެ ހާއްސަ ތަމްރީނުތައް ފުރިހަމަ ކޮށްފަ އެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރު ހަދިޔާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުގެ ސިފައިންގެ އިސް އޮފިސަރުން އަދި އޮސްޓްރޭލިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެމްއެންޑީއެފް
އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރު ހަދިޔާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުގެ ސިފައިންގެ އިސް އޮފިސަރުން އަދި އޮސްޓްރޭލިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެމްއެންޑީއެފް

އެ އުޅަނދު ބޭނުންކުރަން ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.

"މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގައި ހިންގާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ އެވެ. އަދި މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ،" އެމްއެންޑީއެފުން ބުންޏެވެ.

ހުޅުމާލޭ ބަަނދަރު ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވި އެވެ.