ވޮޝިންޓަން (މެއި 3) - ގަދަކަމުން ޕަސިންޖަރަކު ބޯޓުން ބޭލުމުން އަނިޔާތަކެއް ލިބުނު މައްސަލައިގައި ސުވާލު ކުރުމަށް ޔުނައިޓެޑް އެއާލައިންސްގެ ސީއީއޯ އޮސްކާ މުނޯޒް ކޮންގްރެސްގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާ ކޮމިޓީ އަށް ހާޒިރުކޮށްފި އެވެ.

މުނޯޒް އާއި އެއާލައިނުގެ އިތުރު ހަތަރު އެގްޒެކެޓިވުން ހާޒިރުކޮށް މައުލޫމާތު ސާފުކުރީ އެއާލައިނުގެ ކަސްޓަމާ ސާވިސްގެ މައްސަލައަކާ ގުޅޭ ގޮތުންނެވެ. މުނޯޒް މިދިޔަ ހަފުތާގައި ވަނީ އޭޝިއާ ދަރިކޮޅުގެ ޑޮކްޓަރެއް ކަމަށްވާ ޑޭވިޑް ޑާއޯ ގަދަބާރުން ބޯޓުން ބާލާފައި ވަނީ "ސިސްޓަމް ފެއިލިއާ" އަކުން ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އެއާލައިނުގެ ސިޔާސަތުތައް ބަދަލުކޮށްފައިވާ ކަމަށް ވެސް މުނޯޒް ވިދާޅުވި އެވެ.

އެއާލައިނުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އޯވަބުކްވެފައިވާ ފްލައިޓަކުން ރުހުމުގައި ފައިބާ ޕަސިންޖަރުންނަށް 10،000 ޑޮލަރު ދިނުމާއި އެއާލައިނުގެ ސްޓާފުން ވެސް އެއްގަޑިއިރު ކުރިން ބުކިން ކަށަވަރު ކުރުން ހިމެނެ އެވެ. އަދި ޑޮކްޓަރު ބޭލި ފްލައިޓުން ދަތުރު ކުރި އެންމެންނަށް ޓިކެޓް ރިފަންޑް ދޭން ވަނީ ނިންމައިފަ އެވެ.

އެޕްރީލް 9 ވަނަ ދުވަހު ހިނގި ހާދިސާގައި އެއާލައިނުން ވަނީ ޑާއޯ އަށް ބަދަލުދީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށްފަ އެވެ.