ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެެމެރިކާގެ ރައްޔިތުން ހިމާޔަތްކުރުމަކީ ސްޓޭޓް ޑިޕާޓްމަންޓްގެ އެންމެ އިސް މަސައްކަތް ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ.
ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން، އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސިޔާސަތު ހާމަކޮށް ނެރުނު ކުރު ބަޔާނުގެ މަގުސަދަކީ ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން ދިޔަ އެމެރިކާގެ ޖޯން ސޭފޯޓް، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ އަށް އިޝާރަތްކުރުމެވެ.
އެކަމަކު ޖޯންގެ މައްސަލައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"ޕްރައިވެސީ އަށް ވިސްނުމަށް ފަހު، މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަކުރެވޭކަށް ނެތެވެ،" އެމްބަސީގެ ބަޔާނުގައިވެ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ހުޅުމާލޭގައި ގެސްޓްހައުސް ވިޔަފާރި ކުރަން އުޅުނު ޖޯން މިދިޔަ ހޯމަ ދުވަހުގެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިސާ ނެތި އުޅޭތީ ކަމަށް ބުނެ އެވެ. އެކަމަކު އޭނާއާ އެކު ވިޔަފާރީގައި ބައިިވެރިވި ދިވެހިން އޭނާގެ ޕާސްޕޯޓް އަތުލައި ފޯޖުކޮށްފައިވާ ވިސާއެއް ދީފައިވާ ކަމަށްވެ އެވެ.
އިމިގްރޭޝަނުން ވަނީ ޖޯން ޑީޕޯޓްކުރަން ނިންމައިފަ އެވެ.