ރާއްޖޭގައި ޑިމޮކްރަޓިކް ވެއްޓެއް ގާއިމުވެފައި އޮންނަން އަބަދު ވެސް ބޭނުންވާ ކަމަށް، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އަތުލް ކެޝަޕް މިރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ބޭފުޅުންނާއެކު ހޮޓެލް ޖެންގައި މިއަދު ބޭއްވި ރޯދަ ވީއްލުމުގައި ވާހަކަ ދައްކަވަމުން ކެޝަޕް ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރަސީގެ މާހައުލަކާ އެކު އަމާން ސުލްހަ މަސަލަސްކަން އޮތް ގައުމެއްގެ ގޮތުގައި މުސްތަގުބަލުގައި ވެސް އޮންނަން ބޭނުންވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުވެފައި އޮންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެޝަޕް ވިދާޅުވި ގޮތުގައި އެމެރިކާ އިން ރާއްޖެ އަށް މެދުކެނޑުމެއް ނެތި އެހީތެރިވެވޭތީ ފަހުރުވެރިވެ އެވެ. އެ ގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އެހެނިހެން މިނިވަންކަން ހޯދައި ދިނުމަށް އެކިއެކި މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އެމެރިކާ އިން އަބަދުވެސް އިސްކަން ދެނީ ސުލްހަމަސްލަސްކަމާއި ހަމަޖެހުމަށާއި މިނިވަން ކަމަށް،" އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ބައިވެރިވެވަޑައިގެންނެވި ހަފްލާގައި ކެޝަޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި އެމެރިކާ އިން ރާއްޖެއާ މެދު ދެކޭ ގޮތް ހާމަ ކުރެއްވި އެވެ. ޑިމޮކްރަސީ އާއި ހަަމަޖެހުން އޮތް ގައުމަކަށް ރާއްޖެ ހެދުމަށް އެމެރިކާ އިން އަބަދުވެސް ބޭނުންވާ ކަން ހާމަކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އިން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމު ކުރަން އެހީތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަފްލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒާއި މަޖިލިހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އެކިއެކި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.