ރާއްޖޭގެ އިދިކޮޅު ލީޑަރުންނަށް ބިރެއް ނެތި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ބުނެފި އެވެ.
އީޔޫގެ މެމްބަރު ގައުމުތަކުގެ ތެރެއިން ކެނެޑާ، ނޯވޭ، ސްވިޓްޒަލޭންޑް، އަދި އެމެރިކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަސީ ފައްކާވުމުގައި އިދިކޮޅު ލީޑަރުންގެ ދައުރު މުހިންމު ކަމަށެވެ.
"އެއްވެސް ކަހަލަ ބިރަކާއި ފިއްތުމެއް ނެތި އިދިކޮޅު ލީޑަރުންނަށް ހަރަކާތްތައް ހިންގުމުގެ ޖާގަ އޮންނަން ޖެހޭ،" ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އީޔޫ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން އިހުތިރާމް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ކޮންމެހެން ބޭނުން ކަމެކެވެ. އަދި ރާއްޖޭގައި މިނިވަންކަމަށް އިހުތިރާމް ކުރާ މިންވަރު ކައިރިން ބަލަމުން އަންނާނެ ކަމަށް ވެސް އީޔޫ އިން ބުންޏެވެ.
"މިނިވަން ކަމަށް އިހްތިރާމް ކުރޭތޯ ބަލަމުން ގެންދާނަން. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ވެސް ބަލާނަން،" ބަޔާނުގައި ބުންޏެވެ.
އީޔޫގެ ބައެއް މެމްބަރުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގަމުން އަންނަ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުންފާޅު ކުރިއިރު، ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ގޯސްވެ މިހާރު އޮތީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ އަށް ފަހި ހާލަތެއް ނޫން ކަމަށް ޖަރުމަނުން ވަނީ އިއްޔެ ބުނެފަ އެވެ.
އަދި ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ޑިމޮކްރަސީގެ އަސާސްތަކާއި އިންސާނީ ހައްގުތައް ދެމެހެއްޓުމަށާއި ރާއްޖޭގައި އުފެދިގެން އުޅޭ މައްސަލަތައް ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާކޮށްގެން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް އދ. އިން ވެސް ވަނީ ގޮވާލައިފަ އެވެ.
ސިޔާސީ މަޝްރަހު ހަލަބޮލިވީ އިދިކޮޅު ބައެއް ލީޑަރުން ގުޅިވަޑައިގެން އިސްލާހީ މަސައްކަތްތަކެއް ފެއްޓެވުމާ ގުޅިގެންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަދަލުކުރަން އެ އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށް ބަންދަށް ހަ ދުވަސް ޖަހާފައި ވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގަ އެވެ.
ގާސިމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދެރައެއް ކަމަށް ވިދާޅުވެ، ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.