ބުދަ ދުވަހާ ގުޅޭ
ބޮޑުދައިތަގެ ނިޔަތް ރަނގަޅެއް ނޫނެވެ. ކޮލެޖުގެ ކެންޓީނުގައި އިންއިރު ވެސް އަހަރެންނަށް ވިސްނުނީ އެކަމާއެވެ. ހަގީގަތުގައި އެއީ ވިސްނަންޖެހޭ ކަމެއް ވެސް ނޫނެވެ.
"މީނަ މިއަދު ކޮންކަމަކާތަ މި ވިސްނަނީ؟" ގާތުގައި އިން ފާޒިރާ އެހިއެވެ.
މަޝްވަރާކުރަން ހިތަށްއެރިއެވެ. އެހެންނަމަވެސް ދެއިރު ދެ ދަޅައަށް ގެ ބަދަލުކުރާތީ އަހަރެންގެ ނިތްކުރީގައި ހުރީ ޒާތެއްގެ ތައްގަނޑެއްޖެހިފައެވެ. އަހަރެންނަކީ މާ ޒާތްކޮޅު ބޮޑު މީހެއްކަމެވެ. ފިނި ކޮޓަރީގައި އަހަރެން ނިދަން ބޭނުންވާކަމެވެ. މަސައްކަތެއް ނުކޮށް އަހަރެން އުޅެން ބޭނުންވާކަމެވެ. އަހަރެންގެ ދިރިއުޅުމާ ބެހޭގޮތުން މީހުންނަށް އެނގޭނީ ކޯޗެއް ހެއްޔެވެ؟ އަހަރެން ދިރިއުޅޭ ގޮތް ގާތުން ދުށީ ކާކު ހެއްޔެވެ؟ އެކަމަކު މީހެއް ފެންނައިރަށް އޭނަގެ ނިތްކުރީގައި ތައްގަނޑުޖެހުމަކީ އިންސާނީ ތަބީއަތެވެ. ކަން އެހެން އޮއްވައި ބޮޑުދައިތައަށް އަހަރެން ޝައްކުކުރާ ވާހަކަ ބުނެފިއްޔާ އަހަރެންގެ ނިތްކުރީގައި އިތުރު ތައްގަނޑެއް މީހުން ޖަހާނެއެވެ.
"މި ހަފުތާގެ ޓެސްޓުން ފާސްވާނެބާ؟ ހިއެއްނުކުރަން މިހާ އުނދަގޫވާނެ ކަމަކަށް." އަހަރެން އެހެން ބުނެފައި ނިންމައިލީއެވެ.
ހަވީރު ކޮލެޖު ނިންމައިފައި ވިލިނގިއްޔަށް ގޮސް ފެރީގިމަތައިން ނުކުތީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ދުރުގައި ބަލަހައްޓައިގެން ހުރި އަންހެނެކެވެ. ގައިމު ވެސް އަހަރެން ދަންނަ މީހެއް ނޫނެވެ. ހިނގަމުން ގޮސް އޭނަޔާ އަރާ ހަމަވިއެވެ.
"އައްސަލާމް އަލައިކުމް!" އޭނަ ބުންޏެވެ.
އަހަރެން ސަލާން ބަލައިގަތީމެވެ. ހިތަށްއެރިއެވެ. ކީކޭ ކިޔަން އުޅޭ މީހެއްބާއެވެ؟
"ތީތަ އެ ގެއަށް ގެނައި މީހަކީ؟" އޭނަ ސުވާލުކުރިއެވެ. "ގެންގުޅެން." "އޭނ؟" އަހަންނަށް އެހުނެވެ.
"ތީހޭ އެ ގޭގަ ގެންގުޅެން ގެނައި މީހަކީ؟" އޭނަ ސުވާލުކުރިއެވެ.
"ކޮން ގެއަކަށް؟" އަހަރެން ހައިރާންވެފައި އެހީމެވެ.
އަހަރެން އުޅޭ ގެ ހުންނަ ތަން އޭނަ ކިޔައިދިނެވެ. ގޭގައި އުޅޭ މީހުންގެ ނަންތައް ވެސް ކިޔައިދިނެވެ. އޭނަ ބުނި ގޮތުގައި އޭނައަކީ ގޭދޮށު މީހެކެވެ.
"އަހަންނަކީ އެ ގޭގަ ގެންގުޅެން ގެނައި މީހެއް ނޫން،" އަހަރެން ސާފުކޮށްދިނީމެވެ. "މާލޭގަ ކޯހެއް ހަދަންޖެހިގެން މަސްދުވަހަށް އައިސް މިހިރީ. ކޯސް ނިމޭއިރަށް ދާނަން."
"އެހެންތަ؟" އޭނަ ހައިރާންވެފައި ބުންޏެވެ. "އެ ގޭ ޒާހިރާގެ ބޮޑުދައިތަ ބުނި ވަރަށް މީރުކޮށް އެއްޗެހިކައްކާ، މަސައްކަތް ދަންނަ މީހަކު ގެނައި ވާހަކަ. އެހެންވެ ހަމަ އަހާލީ."
އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ފަދަ ވާހަކަދައްކަނީ ބޮޑުދައިތައަށް ކޮން ކަހަލަ އުފަލެއް ލިބޭތީ ހެއްޔެވެ؟ އަހަންނަށް މައްސަލައެއް ނެތެވެ. އެހެން ކިޔުމަކުން އަހަންނަށް ލިބޭނެ ގެއްލުމެއް ނުވަތަ އުނދަގުލެއް ނެތެވެ. އަހަރެން ގެއަށް ވަންއިރު ބޮޑުދައިތަ ހުރީ ތަރުކާރީއާ އޭތިމީތި އެއްކޮށްފައެވެ. ޒާހިރާ ވީ މާލެގޮހެވެ.
"ރިހަކައްކާ!" އަމުރުވެރި ރާގަކަށް ބޮޑުދައިތަ ބުންޏެވެ. "މަސް ވެސް ޖެހޭނެ ފިހަން."
އަހަރެންނަށް އެއީ މާ ބޮޑުކަމެއް ނޫނެވެ. ރިހަކައްކައި، މަސްފިހެ ނިންމައިލީމެވެ. ބޮޑުދައިތަ ވެސް އޭނައަށް ކުރެވޭ ވަރުގެ ކަންތައްތައް ކޮށްދެއެވެ. އޭނައަކީ ގޯސް މީހެއް ނޫނެވެ. އެ ފަހަރު އަހަރެން ކުރި ކަންތައް ބަލަންހުރީ ޖުމާނާއެވެ. ޒާހިރާގެ ހަގު ދަރިފުޅެވެ. އޭނަގެ މޫނުމަތިން އެކުވެރިކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަހަރެން އެ ގެއަށް އައިއްސުރެ ދުވަހަކު ވެސް އޭނަ ވާހަކައެއް ނުދައްކައެވެ. އަހަރެން ހިނިތުންވެލުމުން ވެސް އޭނަ އެ ފަދައިން ރައްދެއް ނުދެއެވެ. ބަލާގޮތުން ހީވަނީ އަހަރެން ދެކެ އޭނަ ފޫހިވެފައިހުންނަހެންނެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ފަރާތުން އޭނައަށް ވީ ކޮން އުނދަގުލެއް ހެއްޔެވެ؟ ވިއްޔާ ވެފައިހުންނާނީ ފަސޭހައެވެ. ގެއަށް ލިބިފައިވަނީ އިތުރު ދިރުމެކެވެ. ކުރިޔަށް ވުރެ ސާފުތާހިރުވާނެއެވެ. މީރު އެއްޗެހި ކާން ހުންނާނެއެވެ. އަހަރެންގެ ފަރާތުން ޖުމާނާގެ މަންމައަށް އެހީތެރިކަން ލިބޭނެއެވެ. އެއިން އެއްވެސް ކަމަކަށް ނުބަލައި އަހަރެންގެ ނިތްކުރީގައި ޖުމާނާ ސަރަހައްދީ ތައްގަނޑެއްޖެހީ ހެއްޔެވެ؟ ބީރައްޓެއްސަކަށް ވީތީ އަހަރެން ދެކެ ނަފުރަތުކުރަނީ ހެއްޔެވެ؟ އެއީ ކުށެއް ހެއްޔެވެ؟
އަހަރެން އެ ގެއަށް އައުމުން ޖުމާނާ ހިތްހަމަނުޖެހިފައި ހުއްޓަސް އަހަރެން ކައްކާ އެއްޗެހި އޭނަ ކައެވެ. ނުބައިވެގެނެއް ނޫޅެއެވެ. އަހަރެން އަޅައެއްނުލަމެވެ. އަހަންނަކީ އުމުރު ދުވަހަށް އެ ގެއަށް އައި މީހެއް ނޫނެވެ. މައްސަލައަކަށްވީހީ އަހަންނާ ދިމާއަށް ޖުމާނާ އެއްޗެހިކިޔާ ނަމައެވެ. ޖެއްސުންކުރާ ނަމައެވެ. އެ ކަހަލަ އެއްވެސް ކަމެއް އޭނަ ނުކުރެއެވެ. ވީމާ، އެއް ފުރާޅެއް ދަށުގައި އަހަރުމެންނަށް ނޫޅެވެންވީ ސަބަބެއް ނެތެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖެހިއެވެ. އަހަރެން އިނީ ހިކިފައިހުރި ހެދުންތައް ފަތްޖަހާށެވެ. އިސްތިރިކޮށްފައިހުރި އަހަރެންގެ އަންނައުނުތައް ހުރީ ހުސްވެފައެވެ. ހެނދުނު ކުރަން ހުންނަ މަސައްކަތްތަކުގެ ސަބަބުން ހެނދުނު އިސްތިރިނުކުރެވޭނެކަން އަހަންނަށް އެނގެއެވެ. ހިތަށްއެރިއެވެ. ނިދާނީ ހެދުމެއް އިސްތިރިކޮށްލައިފައެވެ. އޭރުން ވީހާ ވެސް ގިނަ ވަގުތު މަސައްކަތަށް ހުސްކުރެވޭނެއެވެ. ބޭރުގައި އިސްތިރިކުރާ މޭޒަކާއި އިސްތިރިއެއް ހުންނަތަން އަހަރެން ދެކެމެވެ. ވީމާ، ހެދުމެއް ހިފައިގެން ނުކުތީމެވެ. ރަށުގައި ވެސް އަހަރެން އިސްތިރިކުރަނީ ކަރަންޓު އިސްތިރިންނެވެ. މޭޒުމަތީގައި ހުރި އިސްތިރިއަށް ކަރަންޓުދީފައި ސުވިޗުޖައްސައިލީމެވެ. އެ އިސްތިރިއަކީ އަހަރެން ރަށުގެ ގެންގުޅޭ އިސްތިރިއަށް ވުރެ އާދައިގެ، ބާ އިސްތިރިއެކެވެ. ފެންއެޅޭކަށް ވެސް ނުހުރެއެވެ. އެހެންވިޔަސް އިސްތިރިއެއްގެ ބޭނުމަކީ ހޫނުވުމެވެ. އަންނައުނުން ރޫފިލުމުން އަހަރެންގެ ބޭނުން ފުދުނީއެވެ. ވަރަށް ފަރުވާތެރިކަމާ އެކުގައި، ހެދުމުގައި މަޑުމަޑުން އިސްތިރި ޖައްސައިލީމެވެ.
"އޭ!" ތޫލި އަޑަކުން އަންހެނަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ.
އަހަރެން އަތުން އިސްތިރި ދޫނުވީ ކިރިޔާއެވެ. ބަލައިލިއިރު ޖުމާނާ ނިކަން ބާރަށް ހިނގައިފައި އަހަންނާ ދިމާއަށް އާދެއެވެ. އައިގޮތަށް އައިސް ކަރަންޓު ސުވިޗު ނިއްވައިލައިފައި އިސްތިރި ޖަހައިގަތެވެ.
"ކަލޭ މީގަ އަތްލައިގެން ނުވާނެ!" ހަރުކަށި ރާގެއްގައި ޖުމާނާ ބުންޏެވެ. "މީ ތިހެން އަންނަހާ މީހުން އިސްތިރިކުރަން ބަހައްޓާފަހުންނަ ހަވަރު އިސްތިރިއެއް ނޫން. ކަލޭ އިސްތިރިކުރަންޏާ އިސްތިރިއެއް ހިފައިގެން ކޮޓަރިއަށް ވަދެ އެނދުމަތީގަ އިސްތިރިކުރޭ."
އަހަންނަކީ އެއްކަލަ ފަސޭހައިން ހިތުގައިޖެހޭ މީހާއެވެ. މީހަކާ ދިމާއަށް އެއްޗެއް ބުނަން ބޭނުން ނުވާ، އަދި އެހެން މީހަކު ވެސް އަހަންނާ ދިމާއަށް އެއްޗެހިކިޔަން ނޭދޭ މީހާއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ގަބުވެފައި ހުރީމެވެ. ލޮލަށް ޖަމާވި ކަރުނަ ހިފާއްޓަން މަސައްކަތްކުރި ނަމަވެސް އެ ކަމެއް ނުވިއެވެ.
"ހުވަފެނުން ވެސް ނޭނގެ ކަރަންޓު އިސްތިރިއެއް ފެނުނުކަމެއް،" ޖުމާނާ ކުދިކިޔަމުން އިސްތިރި ހިފައިގެން ހިނގައިގަތެވެ. "އަވަހޭ ފެންވަރު އޮޅޭލެއް. ދެން ގޮސް މަންމަ ކައިރީގަ މަށޭ ކިޔައިގެން ކުޓުވާ. އެޔެއްނު ކަލޭމެންގެ ވައްތަރަކީ. ގެއަށް އަންނައިރަށް މުޅި ގެއަށް ފެތުރިގަންނާނެ. ހީވާނީ ބޯވައެއްހެން. ކިހާ ބޮޑު..."
ހިތުގައިޖެހުނު ވަރުން އަހަންނަކަށް ހިންދިރުވައެއް ނުލެވުނެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެ ބަހުރުވައިން އަހަންނާ ދިމާއަށް އެކަކު ވެސް އެއްޗެއް ނުބުނެއެވެ. އަޑުފަޅައިގެން ހިނގައިދާނެތީ ބާރަށް ހިނގައިފައި ގޮސް ކޮޓަރިއަށް ވަނީމެވެ. ބޮޑުދައިތަ އޮތީ ހޭލައެވެ. ހީވާގޮތުގައި އޭނައަށް ޖުމާނާގެ އަޑުއިވޭނެއެވެ. އެއްގޮތަކީ، އެ ކަމުގެ ތެރެއަށް ވަންނަން އޭނަ ބޭނުންނުވީއެވެ. އަނެއް ގޮތަކީ، އެ އިސްތިރީގައި އަހަރެން އަތްލުމަކީ އަދަބު ލިބެންޖެހޭ ކަމެއްކަމުގައި ބޮޑުދައިތައަށް ވެސް ގަބޫލުކުރެވުނީއެވެ. އެނދުމައްޗަށް ހެދުން އެއްލައިފައި ގޮސް ފާޚާނާއަށް ވަނީމެވެ. އަނގަމަތީގައި އަތްއެޅީމެވެ. އެކަނި ރުއިމަށް ވުރެ ހިތްދަތިކަމަކީ ބަނޑަށްރޯންޖެހުމެވެ. އަޑުނީއްވާ ރުއިމެވެ. އަހަރެންގެ ރަށެއް ނޫނެވެ. އަހަރެންގެ ގެއެއް ނޫނެވެ. ތިމާގެ މީހަކު ނުވަތަ އެކުވެރިޔަކު ވެސް ގާތުގައި ހުރީކީ ނޫނެވެ. އެއްވެސް ކަމަކާ ނުލައި އަހަންނާ ދިމާއަށް ޖުމާނާ އެ ފަދައިން ހަޅޭއްލަވައިގަތީ ކޮން ހައްގެއް އޮވެގެން ހެއްޔެވެ؟ އާއިލާ ދޫކޮށްލައިފައި އަހަރެން މާލެއައީ ކީއްކުރަން ހެއްޔެވެ؟ ޖުމާނާ ކަހަލަ ޒުވާނުން އަހަރެން ކަހަލަ މީހަކަށް މަރުހަބާ ނުކިޔާނެކަން އަހަންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ހިތްދަތިވެފައި ހުރެގެން ހިތްދަތިވާ ކަހަލަ އެއްޗެހި ހިތަށްއަރުވަމުން އަހަރެން ރުއީމެވެ. އިތުރަށް ހިތަށް ތަދުކުރީމެވެ. ވަށައިގެން ހުރީ ޖަޒުބާތަކީ ކޯޗެއްކަން ނުދަންނަ، އިހުސާސުން މަހުރޫމުވެފައިވާ ހަތަރު ފާރެވެ. ގާތުގައި ފިރިމީހާ ހުރިނަމައޭ ހިތަށްއެރިއެވެ. އޭނަގެ އޯގާތެރި ކޮނޑުގައި ބޯއަޅައިލަން ހާދަހާ ބޭނުންވި ވަގުތެކެވެ.
އެތައް އިރަކު ރުއިމަށް ފަހު މަޑުމަޑުން ނުކުތީމެވެ. ބޮޑުދައިތަ އޮތީ ނިދައިފައެވެ. އަހަރެން ގޮސް އެނދުގައި އޮށޯވެލައިގެން އޮވެ ވިސްނީމެވެ. އެއްވެސް ކަމަކާ ނުލައި އަހަރެން ދެކެ އެހާ ރުޅިއަންނަ ކުއްޖަކު އުޅޭ ތާކު އަހަންނަކަށް ނޫޅެވޭނެއެވެ. އަހަރެން މާލެއައީ ކިޔަވާށެވެ. މާ ބޮޑު އުފާތަކެއް ނުލިބުނަސް އަހަންނަށް އުޅެވޭނެއެވެ. އުޅޭ ތަނުގައި މަސައްކަތްކުރަން ޖެހުމަކީ ވެސް މައްސަލައެއް ނޫނެވެ. ގޭތެރޭގައި އާންމުކޮށް ކުރާ ހުރިހައި ކަމެއް އަހަންނަށް އެނގެއެވެ. އަމުދުން އަހަރެން ހިލޭ ހުންނަންޏާ އަހަރެން އެ ގޭގައި މަސައްކަތްކުރަން ޖެހޭނެއެވެ. އެކަމަކު ހިތްދަތިކަމުގައެއް އަހަންނަކަށް ނޫޅެވޭނެއެވެ. އެ ދަނޑިވަޅު އަމްޖަދު ގުޅިއެވެ. އޭރު ގަޑިން ރޭގަނޑު އެގާރަގަޑި ބައިވަނީއެވެ. އަހަންނަށް ފުރަތަމަ މަސައްކަތްކުރެވުނީ ފިރިމީހާއަށް ހަގީގަތް ސިއްރުކުރާށެވެ. އެ ކަމެއް ނުވިއެވެ. އަހަރެންގެ އަޑު ޖެހޭއިރަށް އަމްޖަދަށް އެނގިއްޖެއެވެ.
"ރޮނީ ދޯ؟" އަމްޖަދު ސުވާލުކުރިއެވެ. "ކިހިނެއްވީ؟"
އަހަރެން ވާހަކަދެއްކީ ބޮޑުދައިތަ ހޭލާއޮތަސް ނީވޭނެހާ މަޑުންނެވެ. މޫނުމަތީގައި ބާލީސްއަޅައިގެންނެވެ.
"އަހަރެންނަކަށް މިގެއަކު ނޫޅެވޭނެ،" އަހަރެން މަޑުމަޑުން ބުނީމެވެ. "އެ ވަރު ކޮށްނުލިޔަސް ވެދާނެ ކަންނޭނގެ."
ސަބަބު އޮޅުންފިލުވަން އަމްޖަދު ބޭނުންވިއެވެ. ޝަކުވާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ފިރިމީހާއަށް ކަންކަން ސިއްރުކޮށްގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރިހައި ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ މިޒާޖު އަމްޖަދަށް އެނގޭތީ އަމްޖަދަށް ވަރަށް ފަސޭހައިން ގަބޫލުކުރެވުނެވެ.
"ދެން ކިހިނެއްހަދާނީ؟" އަމްޖަދު ބުންޏެވެ. "ތަނެއް ލިބޭނެތަ؟"
"ބަލަންޖެހޭނީ،" އަހަރެން ބުނީމެވެ. "ތަނެއް ހޯދުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު މި ގެއަކު ނޫޅެވޭނެ. އަހަންނަކަށް ނުވިސްނޭ އަހަރެންދެކެ އޭނަ އެހާ ރުޅިއަންނަންޖެހޭ ސަބަބެއް."
"އަހަރުމެން ނޫނީ ނުތިބޭނެ ކުށެއް ނެތި ކުށްވެރިވެފަތިބޭ ބައެއް،" އަމްޖަދު ބުންޏެވެ. "ކީއްކުރާނީ؟"
ނުނިމޭ