ކޮވިޑް-19 ރޯގާއާ މެދު ހޭލުންތެރިކަން އިތުރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހިތްވަރުދޭ މެސެޖުތަކާ އެކު ވައިބާ އަށް ދިވެހި ސްޓިކާ ޕެކެއް ހަދައިފި އެވެ.
އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ "ރައްކާވެ ތިބިއްޔާ ދަތުރު" ސްޓިކާ ޕެކްގައި 18 ސްޓިކާއެއް ހިމެނެ އެވެ. ރާއްޖޭން ވެސް ފެނިފައިވާ ކޮވިޑް-19 އަށް ރައްކާތެރިވާން ކުރަންޖެހޭ ކަންތައްތަކާއި ހޭލުންތެރިކަމުގެ މެސެޖްތައް މި ސްޓިކާ ޕެކްގައި ހިމެނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ކޮންމެ މީހަކު ވެސް، އެ މީހެއްގެ އަމިއްލަ ސާފުތާހިރުކަމާއި މުޖްތަމައުގެ ސާފުތާހިރުކަމަށް ސަމާލުކަން ދޭން ޑޮކްޓަރުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އޭގެ ތެރޭގައި، ގިނަގައިން އަތް ދޮވުން ހިމެނެ އެވެ. "ރައްކާވެ ތިބިއްޔާ ދަތުރު" ސްޓިކާ ޕެކްގައި، ރަނގަޅަށް އަތް ދޮންނަންވާ ގޮތް ކިޔައިދޭ ސްޓިކާއެއް ވެސް ހިމެނެ އެވެ.
ބޭނުންކޮށްފައިވާ މާސްކުތައް ޑަސްބިނަށް ލާން ހަނދާން ކޮށްދިނުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މި ދުވަސްވަރު ނުކުރަން ބާރު އަޅާ ސްޓިކާއެއް ވެސް ހިމެނެ އެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ކަންތައް ކުރާނެ ގޮތްތައް މި ޕެކްގައި ހިމެނޭ ސްޓިކާތަކުން ދައްކަ އެވެ. ލަސްނުކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހޮޓްލައިން 1676 އަށް ގުޅަން ބުނާ ސްޓިކާއަކާއި ބަލީގެ އަލާމާތްތައް ފެނިއްޖަ ނަމަ، މީހުން ގިނަ ތަންތަނަށް ނުގޮސް، ގޭގައި މަޑުކުރަން ބުނާ ސްޓިކާތަކެއް ވެސް އޭގައިވެ އެވެ.
ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ރާއްޖޭގައި އުޅޭ މީހުންނަށް ދިނުމަށްޓަކައި އެޗްޕީއޭ އިން ވެސް އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި ބައްޔާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ބޭއްވުމުގެ އިތުރުން ދިވެހި، އިނގިރޭސި އަދި ބަންގްލާ ބަހުން ރައްކާތެރިކަމުގެ މެސެޖްތައް މީހުންގެ ފޯނަށް ފޮނުވަން ވެސް އެޗްޕީއޭ އިން ވަނީ ފަށައިފަ އެވެ.
މުޅި ދުނިޔެ އިން މިހާތަނަށް 119،000 އަށް ވުރެ ގިނަ މީހުން ޖެހިފައިވާ ކޮވިޑް-19 އަށް ޕޮޒިޓިވް އަށް މީހަކު ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.