ނަފްސާނީ މައްސަލަތައް ބައްޔެއްގެ ގޮތުގައި ނުބަލާތީ ހައްގުތައް ގެއްލޭ: ފަސްޓް ލޭޑީ ފަޒްނާ

ނަފްސާނީ މައްސަލަތަކަކީ ބައްޔެއްގެ ގޮތުގައި ގަބޫލު ނުކުރާތީ، އެ މައްސަލަތައް ތަހައްމަލުކުރާ މީހުންގެ އިންސާނީ ހައްގުތައް ގެއްލޭ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކުރަން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހު ކުރެއްވުމަށް ފަހު ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ އެ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ސިއްހީ ފަރުވާ ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަތަކަކީ ސިއްހީ މައްސަލައެއް ކަމަށް ބަލައނުގަންނާތީ، އެ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ނުލިބޭތަން އަންނަ ކަމަށާއި ސިއްހީ ފަރުވާ ހޯދުމަކީ ކޮންމެ މީހަކަށް ވެސް އޮންނަ އިންސާނީ ހައްގެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި ދެ ޒުވާނަކު ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"[ނަފްސާނީ ބަލިތަކަކީ] މިއީ ބައްޔެއް ކަމަށް ބައެއް މީހުންނަށް ގަބޫލެއް ނުކުރެވޭ. އެހެން ދެކުމުގެ ސަބަބުން، ނުވަތަ ސްޓިގްމަޓައިޒޭޝަންގެ ސަބަބުން މެދުވެރިވާ އެންމެ ބޮޑު ކަމަކީ އެމީހުންގެ އިންސާނީ ހައްގުތަށް ކަށަވަރުކޮށްނުދިނުން. ހާއްސަކޮށް ބޭސްފަރުވާ ދިނުމުގައި [ކަށަވަރުކޮށްނުދެވުން]،" ފަޒްނާ ވިދާޅުވި އެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މި ގައުމީ ކެމްޕޭން އެއް އަހަރު ދުވަހަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދާނެ އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ކ) އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެމްޕެއިން އިފްތިތާހުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފަޒްނާ ވިދާޅުވީ ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކަށް ވެސް ބޭސްފަރުވާ ބޭނުންވާ ކަމަށެވެ. އަދި ހަކުރުބަލި ފަދަ ބަލިތަކަށް ދާއިމީ ފަރުވާ ބޭނުންވާހެން، ނަފްސާނީ ބަލިތަކަށް ވެސް ދާއިމީކޮށް ފަރުވާ ދޭންޖެހޭ ހާލަތު އަންނަ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ހަކުރު ބަލި ގޮތަށް ބައެއް ނަފްސާނީ ބަލިތަކަކީ ބޭހާއި ތެރަޕީގެ އެހީގައި މެނޭޖް ކުރަން ޖެހޭ ބަލިތަކެއް. އަދި ހަމަ ހަކުރުބަލި ހުންނަ މީހުން ފަދައިން ނަފްސާނީ ބަލި ރަނގަޅަށް މެނޭޖްކުރެވިއްޖެ ނަމަ އޭނާއަށް ވެސް ރަނގަޅު ދިރިއުޅުމެއް ލިބޭނެ،" ފަޒްނާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭން ތިބޭ މީހުންނަކީ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ބަޔަކަށް ހަދައި ޖިސްމާނީ މައްސަލަތަކާއި ނަފްސާނީ މައްސަލަތަކަށް، ތަފާތުކުރުމެއް ނެތި ފަރުވާ ދޭން ޖެހޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ކެމްޕެއިނުގެ ތެރެއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފްސާނީ މައްސަލަތަކާ ގުޅޭ ތަމްރީން ދިނުން ހިމެނޭ ކަމަށް އެޗްޕީއޭގެ މެންޓަލް ހެލްތު ޔުނިޓްގެ އެސިސްޓަންޓް ޕަބްލިކް ހެލްތު އޮފިސަރު ސަނީފާ ހަސަން ވިދާޅުވި އެވެ. އަދި އެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށާއި އެ މައްސަލަތައް ދެނެގަނެ އަވަހަށް ފަރުވާ ދިނުމުގެ މުހިއްމުކަން އަންގައިދޭން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ޕްރޮގްރާމްތަކެއް ހިންގަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން މިއަހަރު ފަހުކޮޅު "ޖަޒީރާ މެންޓަލް ހެލްތު ސާވިސަސް"ގެ ހިދުމަތްތަކެއް ގދ. އަތޮޅުގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޕްރޮގްރާމުގައި ގއ. އަދި ގދ. އަތޮޅުގެ ސިއްހީ މަސައްކަތްކުރާ މީހުންނަށް ތަމްރީން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭން އެކަމަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ މަހުގެ 25 ގައި އެ ވައުދު ފުރިހަމަކުރުމަށްޓަކައި އައިޖީއެމްއެޗުގައި އެކަމަށް ހާއްސަ ސެންޓަރެއް ރައީސް ހުޅުއްވައިދެއްވި އެވެ.