ރާއްޖޭގެ މީޑިއާތަކުން ކޮވިޑް-19އާ ގުޅޭ ހާއްސަ ކެމްޕޭނެއް ފަށަނީ

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ އާންމުންގެ ހޭލުންތެރިކަމަށް އަމާޒުކޮށް މީޑިއާތަކުން ހާއްސަ ކެމްޕެއިންއަށް ފަށަން އިއްޔެ ނިންމައިފި އެވެ.


ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ އާއި ރޭޑިއޯ އާއި ނިއު މީޑިއާ ވެސް ބައިވެރިވެގެން ކުރިއަށް ގެންދާ މި ކެމްޕޭނާ ބެހޭ ގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް ވެރިންނާ އެކު އިއްޔެ ވަނީ ބައެއް މީޑިއާތަކުގެ އިސް ވެރިން ބައްދަލުކޮށްފަ އެވެ.

މީޑިއާތަކުން ފާހަގަކުރި ގޮތުގައި ކޮވިޑް-19ގެ ހާލަތު ބަދަލުކުރަން މީޑިއާތަކަށް ކުރެވިދާނެ އިތުރު ކަންކަން ހުންނާނެ އެވެ. އަދި އެޗްއީއޯސީއާ ގުޅިގެން މީޑިއާގެ ކޮންޓެންޓްސް ވަރުގަދަކުރެވިދާނެ ކަމަށް ވެސް، މީޑިއާތަކުގެ އިސް ވެރިން ފާހަގަކުރެއްވި އެވެ.

އެޗްއީއޯސީގެ ވެރިން ވަނީ މީޑިއާގެ މި އިސްނެގުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އާންމުންގެ ހޭލުންތެރިކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް، އެޗްއީއޯސީގެ އޮފިޝަލުން ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމާ އެކު މި ކެމްޕެއިން ކުރިއަށްގެންދާނެ ގޮތް ރާވަން އެކި މީޑިއާތައް ހިމެނޭ ސްޓިއަރިން ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ. މި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންނެވެ.

މިދިޔަ މާޗު މަހު ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭން މީޑިއާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު މީޑިއާތަކުގެ އިސް ވެރިން ގަބޫލުކުރައްވަނީ ހުރިހާ މީޑިއާތަކަކުން، ކޮވިޑް-19އާ ގުޅޭ އެއް މެސެޖްތަކެއް ދިނުން މުހިންމު ކަމަށެވެ.