ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުންނާއި އިންޓަނެޓް ބޭންކިން އަދި ބޭންކުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދެމުން އައި، ފޯނަށް ފައިސާ ރިޗާޖު ކުރުމުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ބޭންކުން އެގޮތަށް ނިންމީ އާންމު ރައްޔިތުންނަށް އޮޅުވާލައިގެން ބަޔަކު ރިޗާޖު ވައުޗަރު ހޯދަމުން ދާތީ އެކަން ހުއްޓުވުމަށް ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އެ ބޭންކުން ބުނި ގޮތުގައި އޭޓީއެމް މެދުވެރިކޮށް ފޯނަށް ފައިސާ ރިޗާޖު ކުރެވޭ އަދަދު ލިމިޓް ކުރަން މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކަށް ހޯމް މިނިސްޓްރީން ފޮނުވި ސިޓީގެ ކޮޕީއެއް އެ ބޭންކަށް ވެސް ވަނީ ފޮނުވާފަ އެވެ.
ބޭންކުގެ ބަޔާނުގައި ބުނެފައި ވަނީ އެ ބޭންކުގެ އޭޓީއެމްތަކުން ދެމުން ދިޔަ ހިދުމަތަކީ ރިޗާޖު ކުރުމުގެ ހިދުމަތް ނޫން ކަމަށެވެ. އަދި ބޭންކުގެ އޭޓީއެމްތަކުން ދެމުން ގޮސްފައި ވަނީ އާންމު ފިހާރަތައް ފަދައިން މުވާސަލާތީ ކުންފުނިތަކުގެ ރިޗާޖު ވައުޗަރުތައް ވިއްކުން ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި އެކި ފަރާތްތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުން ލައްވައި ރިޗާޖު ވައުޗަރު ގަނެ، ކޯލްކުރާ ފަރާތްތަކުން ބޭނުންވާ ނަންބަރުތަކަށް ވައުޗަރު ފޮނުވަމުން ދާތީ އެކަން ހުއްޓުވުމަށް ބޭންކް މެދުވެރިކޮށް ޗިރާޖު ކުރުން ވަގުތީ ގޮތުން ހުއްޓާލީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، މުހިންމުު އެއްވެސް މައުލޫމާތެއް ފޯނުކުރާ ފަރާތްތަކަށް ހިއްސާ ނުކުރުން. އަދި ބީއެމްއެލް އިން އީމެއިލް، އެސްއެމްއެސް އަދި ފޯނު މެދުވެރިކޮށް ވެސް އެފަދަ މައުލޫމާތެއް އޮޅުން ފިލުވަން ނުގުޅާނެ ވާހަކަ ވެސް ދަންނަވަން" ބަޔާނުގައިވެ އެވެ.