މި އަހަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާ ކުރާ އެއް ފިލްމަކީ ޔަގީނުން ވެސް އެމްއެންޑީއެފްގެ ފިލްމް "ހާދަރު" އެވެ. އެއީ ސަބަބުތަކެއް ވެސް ހުރެގެންނެވެ.
ފުރަތަމަ ކަމަކަށް، ސިފައިން ގެނެސްދޭ ފިލްމަކަށްވުމަކީ ވެސް ފިލްމު ހާއްސަވާ އެއް ސަބަބެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުގައި ސިފައިން ވަނީ ހިތްތަކާ ކުޅެލާ ފަދަ އެތައް ޑްރާމާއެއް ގެނެސް ދީފަ އެވެ. އެހެންވެ އެމްއެންޑީއެފުން ފީޗާ ފިލްމެއް ބޮޑު ސްކްރީނަށް ގެނައުމަކީ އާދައިގެ ކަމެއް ނޫނެވެ. ފިލްމަކީ ދިވެހި ވަންތަކަން ދައްކުވައި ދޭނެ ފިލްމެއް ކަމަށް ގަބޫލު ކުރެވެ އެވެ.
ފިލްމުގެ ޑައިރެކްޓަރަކީ އޮފީސް ޑްރާމާ މުބާރާތުގައި އެމްއެންޑީއެފަށް މޮޅު ޑްރާމާތަކެއް ޑައިރެކްޓްކޮށްފައިވާ އަޝްހަރު ވަހީދެވެ. "ހާދަރު"އަކީ ގައުމީ ލޯތްބާއި މިނިވަންކަމާއި އަދި އެ ނޫން ވެސް އެތައް އިހުސާސްތަކެއް އެކުލެވިގެންވާ ގައުމީ ފިލްމެކެވެ. ފިލްމުގެ ޓެގް ލައިނުން ވެސް އެކަން ހާމަވަ އެވެ.
މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހަދާފައިވާ "ހާދަރު" އަކީ "މަގޭ ދީނާއި، މަގޭ ގައުމު އަދި މަގޭ ވާޖިބު" އިން ފެންކަޅިވެގެންދާ ފަދަ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ އިން ވެސް ވަނީ އެކަން ސާބިތުކޮށް ދީފަ އެވެ. މުޅިން ވެސް ސިފައިންގެ އޮފިސަރުން ފެނިގެންދާ "ހާދަރު" މި މަހުގެ ތެރޭގައި ސްކްރީނަށް ގެންނަން ކުރިން ނިންމި ނަމަވެސް މިހާރު ވަނީ ފިލްމް އެޅުވުން ލަސްކޮށްފަ އެވެ.
ފިލްމުގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ "ހާދަރު" ރިލީޒް ކުރުން ފަސް ކުރީ ސްރީ ލަންކާގައި ނަގަން ޖެހޭ މަންޒަރުތަކެއް އަދި ހުރުމާ އެކު ކަމަށެވެ. އޭނާ ވިދާޅުވީ ފިލްމުގެ ފަސް ވަރަކަށް ޕަސަންޓަކީ ލަންކާގައި ނަގަން ޖެހޭ މަންޒަތަކެއް ކަމަށެވެ.
"ލަންކާގައި ނަގަން ޖެހޭ މަންޒަރުތަކަށް ނެގުމަށްޓަކައި އެ ކޮޅަށް ގޮސް ޝޫޓިން ކުރިއަށް ގެންދިއުމަށް އެކޮޅުގެ ކަމާބެހޭ ފަރާތްތަކާ އެކު އަޅުގަނޑުމެން މިހާރު މި އަންނަނީ ނެގޯޝިއޭޓް ކުރަމުން،" އޭނާ ވިދާޅުވި އެވެ. "އެކަން ހަމަޖެހުނުހާ އަވަހަކަށް ކްރޫ ލަންކާ އަށް ފުރާނެ."
ބޭނުން ވަނީ ވީހާ ވެސް ފުރިހަމަކޮށް ފިލްމް ނިންމާފައި ބެލުންތެރިންނާ ހަމައަށް ފިލްމް ގެންނަން." އެމްއެެންޑީއެފް
އޭނާ އަދި ވިދާޅުވީ ލަންކާގައި ނަގަން ޖެހޭ މަންޒަރުތައް ނޫން ހުރިހާ ޝޫޓިންއެއް މިހާރު ނިމިފައިވާ ކަމަށެވެ.
"ބޭނުން ވަނީ ވީހާ ވެސް ފުރިހަމަކޮށް ފިލްމް ނިންމާފައި ބެލުންތެރިންނާ ހަމައަށް ފިލްމް ގެންނަން. ކޮލިޓީ ރަނގަޅު މޮޅު ފިލްމެއް ގެނެސް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން. ފިލްމް ރިލީޒް ކުރާނެ ތާރީހެއް ފަހުން އަޅުގަނޑުމެން އިއުލާން ކުރާނަން. މި އަހަރުތެރޭ ޔަގީނުން ވެސް ފިލްމް ފެންނާނެ."
"ހާދަރު" ލޯންޗްކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އަދި ފިލްމުގެ އޯޑިއޯ އަލްބަމް ވެސް އެ އަހަރު ވަނީ ނެރެފަ އެވެ. ފިލްމުގެ ތީލް ލަވަ، ދާދި ފަހުން ޓީވީއެމުން ނިންމާލި "މޯލްޑިވިއަން އައިޑޮލް" ގައި ވަނީ އިއްވާލައިފަ އެވެ.