ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް އަނެއްކާވެސް މިއޮތީ ހާއްސަ ފިލްމެކެވެ. ވަކިން ހާއްސަކޮށް، ދަ ރޮކްގެ ނަމުން މަޝްހޫރު ޑްވޭން ޖޯންސަންގެ ފޭނުންގެ މޫނުމައްޗަށް މިއީ ހިނިތުންވުން ގެނުވާނެ ފިލްމެކެވެ.

ރޮކް މި ފަހަރު އަންނަނީ އެކްޝަން ކޮމެޑީއަކުންނެވެ. އެއީ "ސެންޓްރަލް އިންޓެލިޖަންސް" އެވެ. ރޯސަން މާޝަލް ތާބާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް އަންނަ މަހުގެ 17 ވަނަ ދުވަހު ސިނަމާތަކަށް އަންނާނެ އެވެ.

"ސެންޓަރަލް އިންޓެލިޖަންސް" އަކީ ވާނާ ބްރާދާސްގެ ތައްގަނޑު ޖެހިގެން އަންނަ ފިލްމެކެވެ. އެހެންވެ މި ފިލްމަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމަކަށް ނުވާނެ އެވެ. އަނެއްކޮޅުން ފިލްމުގެ ޑައިރެކްޓަރަކީ "ވީ އާ ދަ މިލާސް" ފަދަ މަޖާ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރަށް ވުމަކީ ވެސް ފިލްމު ހާއްސަވާ އެއް ސަބަބެވެ.

"ސެންޓްރަލް އިންޓެލިޖަންސް" ގައި ފެނިގެން ދާނީ އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ އެޖެންޓަކާއި އޭނާގެ ކްލާސްމޭޓަކާ ދިމާވުމުން ދިމާވާ މަޖާ ހާދިސާތަކެކެވެ. ރޮކާ އެކު ފިލްމުގައި ދެން އެންމެ މުހިއްމު ރޯލަކުން ފެނިގެން ދާނީ ކެވިން ހާޓެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އެމީ ރިއަން، އާރޮން ޕޯލް އަދި ބޮބީ ބްރައުން ހިމެނެ އެވެ. ފިލްމް އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމުގެ ޓްރެއިލާ ވެސް ބަލާލުން ކިހިނެއ ވާނެ ބާވަ އެވެ؟