ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އެ ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފި އެވެ.
ސ. މީދޫގައި ގާއިމްކޮށްފައިވާ ދެކުނު ގޮތްޕަށް ފަނޑިޔާރު ޝުޖާއު ބަދަލުކުރީ ތިން ފަނޑިޔާރުން ތިބި އެ ގޮފީގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން މިމަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ.
ހައި ކޯޓު މާލޭ ބްރާންޗްގައި މަސައްކަތް ކުރަމުން ގެންދެވި ޝުޖާއު ދެކުނު ގޮތްޕަށް ބަދަލުކުރަން ނިންމައި ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަރާރުގައިވަނީ ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ޝުޖާއު އެ ގޮތްޕަށް ބަދަލުކުރަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ.
ޝުޖާއު އަކީ މިދިޔަ އަހަރުގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ބޭފުޅެކެވެ. އޭގެކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގަ އެވެ. ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެއްލެވި ބެންޗުގައި ވެސް ޝުޖާއު އިންނެވި އެވެ.
ފަނޑިޔާރުކަމުން އަޒްމިރަލްދާ އިސްތިއުފާ ދެއްވީ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރި ކަމަށް ވިދާޅުވެ އެވެ.