ރަމަޟާން މަހަށް ހާއްސަކޮށް 10 ކަމެއް ކުރަން މިފަހަރު ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރޯދަ އަށް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ ކަންތައްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މި އަހަރު ވެސް ރަމަޟާން މަހާ ދިމާކޮށް ދީނީ ތަފާތު ޕްރޮގްރާމްތަކެއް ކުރި އަށް ގެންދާނެ ކަމަށެވެ. އަދި މި ފަހަރުގެ ޕްރޮގްރާމްތަކަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
މި އަހަރު ވެސް ރޯދަ އަށް ހާއްސަކޮށް މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މީގެ ދެތިން ހަފުތާ ކުރިން ފަށާފައިވާ ކަމަށާއި ކުރި އަށް އޮތް ހަފުތާގެ ތެރޭގައި ރަށްރަށުގައި ހުރި މިސްކިތްތަކުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. މިސްކިތްތައް މަރާމާތުކުރަން ވެސް ސަރުކާރުން 20 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަމަޟާން މަހަށް ތައްޔާރުވާން މި މަހުގެ 28 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ވޯކުޝޮޕެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. އަންނަ ބުދަ ދުވަހާ ހަމަ އަށް ވޯކުޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެއް ދުވަހުގެ މުއްދަތަކަށް ބާއްވާ ވޯކްޝޮޕުގައި ރާއްޖޭގެ ދީނީ ހަތަރު އިލްމުވެރިއަކު ބައިވެރިވަޑައިގަންނަވާ އިރު ދީނާ ގުޅޭ ތަފާތު މައުލޫމާތު ފޯރު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވާން މި ފަހަރު ތަފާތު ގޮތަކަށް މާހެފުމުގެ ކަންތައްތައް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން "އޮފީސްތަކުގެ މާހެފުން"ގެ ނަމުގައި އޮފީސްތަކަށް ހާއްސަކޮށް މާހެފުމުގެ ކަންތައްތަކެއް ހަމަޖައްސާފައިވާ އިރު އެ މާހެފުމުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދީނީ އިލްމުވެރިއަކު ބައިވެރިވަޑައިގަތް މައުލޫމާތު ފޯރުކޮށްދިނުން އޮންނާނެ ކަމަށް ވިދާޅުވި އެވެ. އޮފީސްތަކުގެ މާހެފުން އޮންނާނީ މި މަހުގެ 31 އަދި އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ. މީގެ އިތުރުން އާއިލީ މާހެފުމެއް ވެސް އޮންނާނެ ކަން މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.
"މިހާތަނަށް އޮފީސް މާހެފުމުގައި 20 އޮފީހަކުން ވަނީ ބައިވެރިވެފައި. އެ އޮފީހަކުން އެކަން އިންތިޒާމުކޮށްފައި އަޅުގަނޑުމެންނަށް އަންގާލަންވީ. އޭރުން އަޅުގަނޑުމެންގެ ތެރެއިން ދީނީ އިލްމުވެރިއަކު އެ މާހެފުމަށް ގޮސް ދީނީ މައުލޫމާތު ފޯރުކޮށްދެމުން ދާނެ،" ޒިޔާދު ވިދާޅުވި އެވެ.
އާއިލީ މާހެފުން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގެ ބޮޑު ސަރަހައްދެއްގައި ހަވީރު 4-6 އަށެވެ. ޒިޔާދު ވިދާޅުވީ އާއިލީ މާހެފުމަށް މިނިސްޓްރީން ކަދުރާއި ފެނާއި ކާށި އަދި މަސް ފޯރުކޮށްދޭނެ ކަމަށެވެ.
ރަމަޟާން މަހަށް މިނިސްޓްރީން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރެ އިން އަލަށް މި ފަހަރު ހަނދު ބެލުމަށް ހާއްސަ ކަންތައްތަކެއް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މި ފަހަރުގެ ހަނދުބެލުން ތަފާތު ވަނީ ޒިޔާދު ވިދާޅުވި ގޮތުގައި، ހަނދު ބެލުމާ ގުޅޭ މައުލޫމާތު އެކަމުގެ އިލްމުވެރި ބޭފުޅުންނާއެކު ފޯރުކޮށްދިނުން އޮންނާތީ އެވެ.
"ހަނދު ދައުރުކުރުމާއި ހަނދު ފެނުމާއި އެކަމާ ގުޅޭ މައުލޫމާތު އެކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅުން އާއްމުންނާ ހިއްސާކުރާނެ. ހަނދުބަލަން މި ގެންގުޅޭ މިންގަނޑަކީ ކޮބައިތޯ. ހަނދުގެ އިލްމަށް ހާއްސަ ބޭފުޅުން އޭގެ މައުލޫމާތު ހިއްސާކުރާނެ. މީގެ އިތުރުން ހަނދު ފެނިއްޖެނަމަ ކަންތައް ކުރާނެ ގޮތް ވެސް ހިއްސާކުރާނެ،" ޒިޔާދު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަ މަހުގެ ތެރޭގައި ކުރާ ކަންތައްތަކުގެ ތެރޭގައި މި ފަހަރު ވެސް އިހްޔާ ފޯރަމާއި ތަރާވީހް ނަމާދާއި ގުރުއާން ކިޔެވުމުގެ ޕްރޮގްރާމްތައް ބާއްވާނެ ކަމަށެވެ. އަދި ތަރާވީހް ނަމާދަށް ސަރުކާރުން އިސްނަގައިގެން ބޭރުން ހާފިޒުން ގެންނާނެކަން ޒިޔާދު ފާހަގަކުރެއްވި އެވެ.
"ސައޫދީ ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މި ފަހަރު ރާއްޖެ އަށް ހާފިޒުން ފޮނުވައިދޭނެ ކަމުގައި ބުނޭ. އަދި ސައޫދީގައި ގުރުއާނަށް ހިދުމަތް ކުރާ ބޭފުޅަކު ވެސް މިހާރު ވަނީ ހަތް ހާފިޒެއްގެ ނަން ފޮނުވާފައި. އެ ބޭފުޅުން ގެނައުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން. ލަންކާ އަދި އިންޑިޔާ އިން އެ ބޭފުޅުން ރާއްޖެ އައުމުގެ ހުރިހާ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސާފައި،" ޒިޔާދު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ އަތޮޅުތަކުގައި ނަމާދުކޮށްދޭނެ ހާފިޒުން ސަރުކާރުން ގެނައި ފުރަތަމަ ފަހަރު. އެހެންކަމުން ގިނަ އަދަދަކަށް ރާއްޖެ އިން ބޭރުން ހާފިޒުން ގެނެވޭނެ ކަމަށް މިބަލަނީ،"
ރަމަޟާން މަހަށް ކުރާ ތަފާތު އެކި މަސައްކަތްތަކާއި ޒީނަތްތެރިކަން ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ލާއިރު "#ރޯދަ37" ހޭޝްޓެގް ބޭނުންކުރަން ވެސް މިނިސްޓްރީން އެދެ އެވެ. މީގެ އިތުރުން މަގުތަކުގައި ޒިކުރު ބޯޑުތައް ބެހެއްޓުމާއި އާންމުން ގިނަ ތަންތަނުގައި ގުރުއާން އަޑުއިވޭނެ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"މަގުތަކުގައި ޕްލާސްޓިކް ބޯޑުން ޒިކުރު ބޯޑުތަކެއް ބަހައްޓަން ވަނީ ނިންމާފައި. ބޭނުމަކީ ކޮންމެ ދިމާލަކަށް ބަލާލިކަމުގައި ވިއަސް މާތްﷲ ހަނދުމަކުރުން،" ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރަމަޟާން މަހަށް އެންމެ ރަނގަޅަށް ތައްޔާވެފައި ހުރި ރަށަކަށް 20،000ރ. ގެ ފައިސާގެ އިނާމު ދޭނެ ކަމަށެވެ. ނަމަވެސް އިނާމު ދޭނީ ކޮންމެ އަތޮޅަކުން އެންމެ ރަނގަޅަށް ޒީނަތްތެރިކޮށްފައި ހުރި އެންމެ ރަށަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.