ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "އުރީދޫ ނޭޝަން" އިން ބާއްވާ ފީފާ މުބާރާތުގައި އޮންލައިންކޮށް ހިލޭ ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހަމަވާނެ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫން ބުނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނަމަ އެ ކުންފުނީގެ ވެބްސައިޓްގައި ހާއްސަ ކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެ ކަމަށެވެ. އަދި ރަޖިސްޓަރީވާން މިހާރު އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި މާދަމާ އަކީ އެ ފުރުސަތު ލިބޭނެ އެންމެ ފަހު ދުވަސް ކަމަށް ވެސް ބުންޏެވެ.
އީޓޫއެސް ގޭމިން އާއި ފުވައްމުލައް ސިޓީ ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސްއާ ގުޅިގެން ބާއްވާ މުބާރާތް ފަށާނީ މާދަމާ އެވެ. މުބާރާތް ބާއްވަނީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި އައްޑޫގަ އެވެ.
އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ގަވައިދުތައް ހިންގާ އެ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖަކާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭހެން ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ.
މުބާރާތް އޮންނަ ސަރަހައްދުތައް
- މާލެ: ސަން ލީޓް، ފުރަތަމަ ފްލޯ
- ކުޅުދުއްފުށި: މަންނަމް ކެފޭ
- ފުވައްމުލައް: ޔޫތު ސެންޓަރު
- އައްޑޫ: ޔޫތު ސެންޓަރު
މުބާރާތުގެ ވަނަވަނަ އަށް ހޮވޭ މީހުންނަށް ރެޑްވޭވުން އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއް ވަނަ އަށް ހޮވޭ މީހަކަށް ދެނީ ނިކާއީ 65 އިންޗި ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ އެކެވެ. އަދި ދެވަނަ އަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އެއް ދޭނެ އެވެ. މުބާރާތުގެ ތިން ވަނަ އަށް ދާ މީހަކަށް ލިބޭނީ ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާއެކެވެ.
އުރީދޫ ފުޓްބޯޅަ ފޯރި ކެމްޕެއިނުގެ ދަށުން ކުރިއަށް ގެންދާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ މީހުންނަށް މި އަހަރުގެ ވޯލްޑް ކަޕްގެ ތަޖުރިބާ އިތުރު ކޮށްދިނުމުގެ ގޮތުން މި މަހުގެ ކުރީކޮޅު އިއުލާން ކުރި މުބާރާތެކެވެ.