ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ ކަމާ ގުޅުން ހުރި ފަންނީ ފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބައްދަލުވުން ހަމަޖައްސައިދިނުމަށް މިއަދު އެދިއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބިން ބްލޮކެއްގައި 17 ބުރީގެ 300 ހައުސިން ޔުނިޓު އަަޅަން ނިންމާފައިވަނީ އެފަދަ މަޝްރޫއެއް ހިންގަން ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރާއި ޕްލޭނިންއާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށެވެ.
މާލެ ސަރަހައްދުގައި ތޮއްޖެހުމުން ދުރުވެ، ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ ވިލިމާލެ ކަމަށާއި އެއީ ތިމާވެއްޓާއި އިޖުތިމާއީ ގޮތުން މުހިއްމު ދައުރެއް އަދާކުރާ އަދި އާއްމުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ހާއްސަ މަންޒިލެއް ކަމަށް ވެސް އެ ސިޓީގައި ކުޑޫ ވިދާޅުވި އެވެ.
"ވިލިމާލޭގެ އިމާރާތްކުރުމުގެ އުސޫލަށް އައި ބަދަލުތަކާއި އާ މަޝްރޫއުތަކުގެ ސަބަބުން އެ ރަށުގެ އަސްލު ސިފަ ގެއްލި، އާބާދީ ތޮއްޖެހިފައިވާ ތަނަކަށް ބަދަލުވުމުގެ ބިރު އެބައޮތެވެ. އިމާރާތްތައް އިތުރުވުމަކީ ރަށުގެ ފެހިކަމާއި ހުސް ޖާގަތައް މަދުވެ، މާލެ ސަރަަހައްދުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް އޮތް މުހިއްމު މާހައުލެއް ގެއްލިގެންދާނެ ކަމެކެވެ،" ސިޓީގައިވެ އެވެ.
"އެހެންކަމުން، ވިލިމާލެއަކީ ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިއްމު ރައުސްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހެ އެވެ."
ކުޑޫ ވިދާޅުވި ގޮތުގައި ފުނަވާ ސަރަހައްދުގައި ހައުސިން ޔުނިޓު އިމާރާތް ކުރުމަކީ ކަމާގުޅުން ހުރި ފަންނުވެރިންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެއާ އެކު، އެކަން ކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ ކޮބައިތޯ ބަލައި އެ ފަރާތްތަކާ މަޝްވަރާކުރުމަކީ އެކަމާ ގުޅުން ހުރި ކޮމިޓީގެ ޒިންމާއެއް ކަމަށް ދެކޭތީ އެކަން ހަމަޖައްސައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މެމްބަރުގެ ސިޓީއާ އެކު، އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނާސްގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތަށް، ވިލިމާލޭގެ މުހިއްޔުއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެ ކަންބޮޑުވުންތަކާ ހެދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓް ޕްރޮޖެކްޓް ހިންގާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާ ވެސް މަދު ގަހެއް ކަނޑައިގެން ކަމަށެވެ. އަދި ކޮންމެހެން ނަގަން ޖެހިގެން ނޫނީ އެއްވެސް ގަހެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑުމެން ގެންގުޅުނު ވިސްނުން ބަދަލުކޮށް، ވީހާ ވެސް މިނިމަމްކޮށް ގަސް ކަނޑާނީ މިހާރު. ނުކަނޑާ ކޮންމެހެން ފަރުނުޖެހޭނެ ގަހެއް ކަނޑާނީ،" މުއްތަލިބު ވިދާޅުވި އެވެ.