ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑު ހިފައިގެން ގޮސް، ބޭރުގައި ކާޑުގެ މުއާމަލާތްތައް ހިންގާ މައްސަލަ ހައްލުކުރަން މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިޔަވަޅުތަކެއް އަޅައިފި އެވެ.

އެ ބޭންކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އާއި އިމިގްރޭޝަނާ ދެމެދު ގާއިމްކުރި ޑިޖިޓަލް އިންޓަގްރޭޝަނާ އެކު، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރާ
"ފޮރިން ސްޕެންޑް ލިމިޓް" ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު  ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި އަމިއްލަ ކާޑެއް ނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާ ނަމަ، އެ ކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާކުދިންނަށް ދީފައިވާ ހާއްސަ ލިމިޓާ އެކު ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓޫޑެންޓު ކާޑު ދޫކުރެވެންދެން، ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ ކަމަށާއި ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދޭނެ ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާ ގަންނަން ބޭނުންކުރާއިރު، މިކަމުގެ ސަބަބުން ވަރަށް ގިނަ ޢަދަދަކަށް ބޭރު ފައިސާ ވިއްކެނީ ނިސްބަތުން މަދު ބަޔަކަށެވެ.

އެހެންކަމުން، ބޭރު ފައިސާ ގިނަ މީހުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، ދިވެހިން އާންމުކޮށް ވިޔަފާރިކުރާ މަދު އީކޮމާސް ސައިޓުތަކުން ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓޭނެކަން އެމްޑީ ފާހަގަކުރެއްވި އެވެ.

"އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާ ވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން، އެއް ކްރެޑިޓު ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް، ހަމަ އެކަނި އެއްކާޑަށް އަހަރީ ފީ ނަގާ ގޮތަށް ވެސް ބޭންކުން މިއަދު ވަނީ ހަމަޖައްސައިފަ އެވެ.