ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ދޭން ޖެހޭ ހިދުމަތްތަކުގެ ލިސްޓަށް، ކުނި މެނޭޖު ކުރުމުގެ ހިދުމަތް ހިމަނަން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުުމުގެ ގާނޫނަށް ދެ ބަދަލެއް ގެންނަން ހުށަހެޅި އެ ބިލްގައި އޮތީ އެ ގާނޫނުގެ 69-1 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، ކުނި މެނޭޖުކުރުން ހިމެނުމަށެވެ.
އެ މާއްދާ މިހާރު އޮތް ގޮތުން ކައުންސިލްތަކުން ދޭން ޖެހެނީ ކަރަންޓާއި ފެނުގެ ހިދުމަތާއި ފާހާނާ އާއި ނަރުދަމާގެ ހިދުމަތެވެ.
ލާމަޒުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގައިވާ ދެވަނަ ބަދަަލަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިދާރީ މުވައްޒަފުންނަކީ ސިވިލްސާވަންޓުންނަށް ހެދުމެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެލްޖީއޭގެ ސީއީއޯގެ ލަފަޔާ އެކު އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންނެވެ.
ބިލްގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމަށް ފަހު، އެލްޖީއޭގެ އިދާރީ މުވައްޒަފުން އެ އޮތޯރިޓީގެ ސީއީއޯގެ ލަފަޔާ އެކު އައްޔަންކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ނަމަވެސް އެ އޮތޯރިޓީގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު އަދާކުރާނީ ސީއީއޯ އެވެ.
ލާމަޒުކަޒީ ގާނޫނަށް މި ދެ ބަދަލު ގެންނަން ހުށަހެޅިއިރު، ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ތިބި ތަންތަން ކަމަށްވާ އަތޮޅު ކައުންސިލްތައް އެ އޮތޯރިޓީއާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި ބަދަލެއްގައި އަތޮޅު ކައުންސިލްތައް އުވާލާފައި ވާތީ އެވެ.