ވެސްޓްޕާކް ހުރި ބިމުގައި ޕީޕީއެމުން ޖަގަހައެއް ހަދަމުން ދަނީ އެ ބިމުގެ މައްސަލަ ކޯޓުގައި އޮއްވާ ކަމަށާއި އެއީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވެސްޓްޕާކް ކުރިން ހިންގި ޔޮޓް ޓުއާސް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުނިން އެގޮތަށް ބުނީ އެ ކުންފުނިން ކުރިން ވެސްޓްޕާކް ހިންގި ބިމުގައި ޕީޕީއެމުން ހަތަރު ބުރީގެ ޖަގަހައެއް ހަދަމުންދާތީ އެކަމާ ގުޅިގެންނެވެ. އެކަމަކު އެ ބިން މިހާރު އޮތީ އެ ކުންފުނި އަތުން އަތުލައިފަ އެވެ.

ޔޮޓް ޓުއާސް އިން ނެރުނު ބަޔާނެއްގައިވަނީ ވެސްޓްޕާކް ހިންގުމުގެ އެއްބަސްވުމުގެ މައްސަލަ ޝަރުއީ އެންމެ ފަހު މަރުހަލާއިން ނުނިމެނީސް އެތަނުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަމުން ދިއުމަކީ އެ ކުންފުނީގެ ހައްގުތައް ހޯދުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ހައްގު ހޯދުމަށްޓަކައި ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަ ޝަރުއީ އެންމެ ފަހު މަރުހަލާއިން ނުނިމެނީސް މި ކުންފުނީގެ ހައްގު ގެއްލޭ ގޮތަށް ސަރުކާރުން އަމަލު ކުރުމަކީ ގާނޫނާ ޚިލާފަށް ސަރުކާރުން ކުރައްވާ ކަމެއް،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވެސްޓްޕާކް ހިންގުމުގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން އެ ކުންފުންޏާ އެކު އެއްބަސްވުމަށް ފަހު އެހެން މީހަކަށް އެތަން ދިނުމުންނާއި އެތަނުގައި ހުރި މުދާ ސަރުކާރުން ހަލާކު ކުރުމުން އެ ކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވެސްޓްޕާކް ހިންގުމުގެ މުއްދަތު އިތުރުކޮށް ނުދިން މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށެވެ. އެކަމަކު މައްސަލަ ޔޮޓް ޓުއާސް އިން ސުޕްރީމް ކޯޓަށް ހުށަހެޅި ކަމެއް ސާފެއް ނުވެ އެވެ.