ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ހުސްވުމަށްޓަކައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ޑީއާރުޕީ ދޫކޮށްލައްވައިފި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ރިފާއު "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ޕާޓީއާ ގުޅިވަޑައިގަތީ ވަޒީފާއެއްގެ ގޮތުގައި ކަމަށެވެ. އެއާއެކު، އެ ޕާޓީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ ސީއީއޯ ކަމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއޭޓްކަން ޖާބިރު ދެއްވި އެވެ. ޑީއާރުޕީން ވަކިވެވަޑައިގަތުމުން، ރިފާއު ވަނީ އެ މަގާމުތައް ވެސް ދޫކޮށްލަވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޚާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ ކަންކަމުގައި ގާތުން މަސައްކަތް ކުރެއްވި ރިފާއު ވިދާޅުވިގޮތުގައި، ޑީއާރުޕީން ވަކިވެވަޑައިގަތީ ޖާބިރާ އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫނެވެ.
އޭނާ ބޭނުންވަނީ، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީން މިނިވަންކުރުން ކަމަށާއި ޑީއާރުޕީގައި ހުންނަވައިގެން އެ މަސައްކަތްތައް ކުރައްވަން އެހާ ފަސޭހައެއް ނޫން ކަމަށް ރިފާއު ވިދާޅުވި އެވެ.
"ޖާބިރު ބޮޑަށް ސަރުކާރުގެ ވިސްނުންފުޅު ހުންނަވާތީ، ޑީއާރުޕީގައި ހުންނަވައިގެން އިދިކޮޅު މަސައްކަތްތައް ކުރަން އުނދަގޫވާތީ އިސްތިއުފާ ދިނީ،" ރިފާއު ވިދާޅުވި އެވެ.
އޭނާ ނިންމަވާފައި ވަނީ ޔާމީން މިނިވަންކުރުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން އުޅުއްވުމަށްޓަކައި އިދިކޮޅު ޕީޕީއެމާ ވަރަށް އަވަހަށް ގުޅިވަޑައިގަތުމަށެވެ. އެއީ ރިފާއު ކުރިން ވެސް އެންމެ ހަރަކާތްތެރިކޮށް އުޅުއްވި ޕާޓީ އެވެ.
ރިފާއު ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެކަމަކު، އެ ޕާޓީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި، ޕީޕީއެމް އުފަންވުމުން ފަހުން ޔާމީނާ އެކު ޕީޕީއެމާ ގުޅިވަޑައިގަތީ އެވެ.