ވެސްޓް ޕާކު ސަރަހައްދުގައި ބަހައްޓާފައިވާ ގާޑިޔާތަކުގައި ސާފުތާހިރުކަން ކުޑަވެ، އެ ތަންތަނުން ކާބޯތަކެތީ ހިދުމަތް ދޭން އެކަށީގެން ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ރިޕޯޓެއްގައި ފާހަގަކޮށްފައި ވާތީ އެ ގާޑިޔާތައް މި މަހު 10ގެ ކުރިން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އެޗްޕީއޭ އިން ގާޑިޔާތަކުގެ ސާފުތާހިރުކަން ދެނެގަތުމަށް ސާވޭ ކުރީ މިދިޔަ އޮގަސްޓު މަހު އެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ވެސްޓް ޕާކް ސަރަހައްދުގައި ގާޑިޔާތައް ބަހައްޓައިގެން ވިޔަފާރިކުރަމުން އަންނަނީ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށާއި ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ވެސް ނޯންނާނެ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ގާޑިޔާތައް ހުރި ސަރަހައްދު ރަސްފަންނާ ގުޅުވާލަން ވަނީ ނިންމައިފަ އެވެ. އެ ބޭނުމަށް ތަން ހުސްކުރަން ޖެހޭތީ ގާޑިޔާތައް ނަގަން މީގެ ކުރިން ވެސް އަންގާފައި ވާނެކަން ފާހަގަކޮށްފައިވެ އެވެ.

ވެސްޓް ޕާކް ސަރަހައްދުގައި އޮތް ގާޑިޔަލެއްގައި މީހަކު ކުރުނބާއެއް ހަދަނީ: މި ސަރަހައްދު ހުސްކުރަން ވަނީ އަންގާފައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ވެސްޓް ޕާކް ސަރަހައްދުގައި އޮތް ގާޑިޔަލެއްގައި މީހަކު ކުރުނބާއެއް ހަދަނީ: މި ސަރަހައްދު ހުސްކުރަން ވަނީ އަންގާފައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މި މަހުގެ 10ގެ ކުރިން ގާޑިޔާތައް ނުނަގައިފި ނަމަ ކައުންސިލުން އެ ތަކެތި ނަގައި ތަން ސާފުކޮށް ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކުރިން ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ގާޑިޔާތައް ވެސްޓް ޕާކް ސަރަހައްދާއި މަސްވެރިންގެ ޕާކު އަދި އައިޖީއެމްއެޗް ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖާ އެކު ރިންގް ރޯޑް އަލުން ހަދައި ހައި ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުންނެވެ.