މާލެގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި ހަރަކާތް ކުރިއަށް ގެންދަން ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ އާއްމު ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ އެވެ.
ޝިފާނާ ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ބިދޭސީންނަށް ކާންދޭ ތަންތަނާއި ހޮޓާތައް ވަރަށް ގިނަ ކަމަށާއި މިކަމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެހެންވެ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަން އިންސްޕެކްޓް ކުރުމުގެ ބިޔަ ހަރަކާތެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ފުލުހުން އަދި އިމިގްރޭޝަނާ ގުޅިގެން ހިންގަން އޭނާ ހުށަހެޅުއްވި އެވެ.
މި ހަރަކާތުގައި އެޗްޕީއޭގެ ދައުރަކީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ބެލުމެވެ. ފުލުހުންގެ ދައުރަކީ ހަރަކާތުގެ ސަލާމަތީ ކަންކަން ބެލުމެވެ. އަދި އިމިގްރޭޝަންގެ ދައުރަކީ އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނުގެ ތެރެއިން މަސައްކަތްކުރާ މީހުންތޯ ބެލުމެވެ.
އަދި މި ހަރަކާތް އިދާރާތަކުން ހިންގާތޯ ބަލައި، އެކަން މޮނީޓާކުރުމަކީ ކައުންސިލްގެ ޒިންމާއެއް ގޮތަށް ޝިފާނާ ހުށަހެޅުއްވި އެވެ.
މިއީ ނަމަކަށް ހިންގާ ކަމެއްގެ ބަދަލުގައި ނަތީޖާ ނެރެވޭނެ ހަރަކާތަކަށް ހަދަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާނާގެ މި ހުށަހެޅުން މިއަދު ފާސްކޮށްފައިވަނީ ހުރިހާ ކައުންސިލަރުންގެ ވޯޓާ އެކު އެވެ.