ހުޅުމާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދަން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ހުޅުމާލޭގެ ސްޕާތަކާއި ސެލޫންތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އަތުލައިގަތް އެ ހަތް މީހުން ވެސް މަސައްކަތް ކުރަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ އަށް ތަނެއް ބަލައި ފާސްކޮށް 26 ބިދޭސީންގެ ލިޔެކިޔުން ޗެކުކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގި މި ފަދަ ހާއްސަ އޮޕަރޭޝަންތަކަކީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތެކެވެ.
މީގެ ކުރިން އިމިގްރޭޝަނުން ވަނީ ހުޅުމާލޭ ލޯކަލް މާރުކޭޓުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ވެސް ހާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި ބިދޭސީންނަށް ހުއްދަ ނެތް ވިޔަފާރިތައް ރާއްޖޭގައި ކުރާ މައްސަލަ ހައްލުކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައި އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ ބަޔަކު ޑީޕޯޓު ވެސް ކޮށްފައި ވެ އެވެ.