އޮފީހެއް ނުވަތަ އިދާރާއެއްގެ އުފެއްދުންތެރިކަން ރަނގަޅު ކުރެވޭނީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ހުއްޓާލައި، ހަމަހަމަ އުސޫލަކުން މަސައްކަތްތައް ބައްޓަންކޮށްގެންކަން ދިރާސާތަކުން ކަށަވަރުވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ހ. މީރުމާ ހޯލުގައި މިއަދު ފެށި "ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" ހުޅުވުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ކޮންމެ މީހަކު ވެސް، ކޮންމެ ދުވަހަކު އޮފީހަށް ދަނީ ދިރިއުޅުމުގެ އެތައް ވިސްނުންތަކާ އެކީގައި ކަމަށެވެ. އޭގެ ތެރޭގައި އާއިލީ އެކި ކަންކަމާއި ދަރިންގެ ކިޔެވުމާއި ބެހޭ އެކި ކަންކަމާއި ސިއްހީ އެކި ކަންކަން ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

"ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެންއެމްއެޗްޑީ
"ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެންއެމްއެޗްޑީ

ފަސްޓް ލޭޑީ ވިދާޅުވީ މުވައްޒަފުންގެ އޮފީހަށް ދަނީ ދިރިއުޅުމުގެ މި ކަހަލަ އެތައް ކަމަކާއި ހިޔާލުތައް ހިތުގައި ރައްކާކޮށްގެން ކަމަށާއި، އެ ހުރިހާ ކަމަކާ އެކު އޮފީހުގެ ވާޖިބުތައް ވެސް ދުވާލުގެ ތާވަލުގެ އެންމެ ކުރީގައި ހިމަނައިގެން ކަމަށެވެ. 

"ސުވާލަކީ މިފަދަ ހާލަތެއްގައި އޮފީހުގެ މާހައުލު ވާންވީ ކޮން ކަހަލަ މާހައުލަކަށްތޯ؟ އޮފީހުގައި ޓީމެއްގެ ގޮތުގައި ހުރިހާ މުވައްޒަފުން އެކުވެރިކޮށް ގުޅިގެން އުޅުމަކީ ކިހާ މުހިންމު ކަމެއްތޯ؟ އޮފީހުގެ އެކި ފެންވަރުގެ ވެރިންނާއި އެހެނިހެން މުވައްޒަފުން އޮފީހުގެ ޒިންމާތަކުގައި އިސްނަގައި، ހިޔާލައި ޝުއޫރުގެ ގޮތުން ވެސް ބައިވެރިވުމަކީ ނުވަތަ ބައިވެރިކުރުވުމަކީ ކިހާ މުހިންމު ކަމެއްތޯ؟،" އެކަމަނާ ވިދާޅުވި އެވެ. 

އެ ސުވާލުތަކަށް ޖަވާބު ލިބޭނީ މަސައްކަތުގެ މާހައުލުގައި ނަފުސާނީ ދުޅެހެޔޮކަން ކަށަވަރުކުރެވިގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

ފަސްޓް ލޭޑީ ވިދާޅުވީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަދި މީހެއްގެ ނަފުސާނީ ސިއްހަތަށް މަސައްކަތުގެ މާހައުލުގައި ހިނގާ ހުރިހާ ކަމަކުން އަސަރު ފޯރާ ކަމަށެވެ. 

"އެ ސަބަބަށްޓަކާ އަޅުގަނޑު ގަބޫލުކުރަނީ މި މަހާސިންތާއަކީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަހާސިންތާއެއް ކަމަށް،" އެކަމަނާ ވިދާޅުވި އެވެ. 

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރު ކުރި "ސްޓެޕް" ސާވޭއިން ވެސް ހާމަވާ ގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކު އެކަކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހުންކަން އެނގޭތީ، ކޮންމެ މީހެއްގެ ނަފުސާނީ ހާލަތަށް ވެސް މުޖުތަމައު އިން މިއަދު ފަރުވާތެރިވާން ޖެހެ އެވެ.  

"މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަމާއި ރައްކާތެރިކަން ނެތުން ފަދަ ކަންކަމީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރު ކުރުވާ ކަންކަން،" ސާޖިދާ ވިދާޅުވި އެވެ. 

"ދިރާސާތަކުން އެނގޭ ގޮތުގައި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފުސާނީ ހިތްހަމަޖެހުން ރަނގަޅު ނަމަ، އެ އޮފީހެއް އުފެއްދުންތެރިކަން އިތުރުވޭ. ހިދުމަތް ފޯރުވައިދިނުން ރަނގަޅުވޭ. މުވައްޒަފުން ތަނާ މެދު ހިތްހަމަޖެހިގެން އުޅޭ އިދާރާތަކުގެ ޖުމްލަ އުފެއްދުންތެރިކަން މަތި. އަދި އެފަދަ އިދާރާތަކުގައި ސަލާން ބުނުމާއި ގަޑިޖެހުން ފަދަ ކަންކަން ވެސް މަދުކަން ފާހަގަކުރެވޭ. އޭގެ އިތުރަށް އިދާރީ އުސޫލުތަކާ ހިލާފުވުން ފަދަ ކަންކަން ވެސް މަދުކަމަށް ދައްކާފައިވޭ. މަސައްކަތުގެ ރޫހު އިތުރުވުމާއި ހިދުމަތް ހޯދަން ދާ މީހުންނަށް އިހުތިރާމް މަތިވުމާއި އިދާރާތަކާ މެދު އެމީހުންގެ ހިތްހަމަޖެހުން އިތުރުވޭ."

"ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެންއެމްއެޗްޑީ
"ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެންއެމްއެޗްޑީ

ފަސްޓް ލޭޑީ ވިދާޅުވީ އޮފީހަކީ އެތައް ބަޔަކު އެކުލެވިގެންވާ ޓީމެއް ކަމަށާއި އޮފީހެއް ރަނގަޅަށް ހިންގުމަށް ޓީމެއް ބިނާކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ޓީމެއް ބިނާކުރެވޭނީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިގެންކަން ދިރާސާތަކުން ޔަގީންވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.  

ފަސްޓް ލޭޑީ ވިދާޅުވީ އޮފީސްތައް ހިންގުމުގައި ފަރުވާތެރިވާން ޖެހޭ އަސާސީ ކަންކަން ދިރާސާތަކުގައި ފާހަގަކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހުރިހާ މުވައްޒަފުންނަށް އިހުތިރާމްކުރުމާއި ހުރިހާ މުވައްޒަފުންނަށް އެއް އުސޫލަކުން އަމަލުކުރުމާއި ހުރިހާ މުވައްޒަފުންގެ ހިޔާލައި ވިސްނުން ކަންކަމުގައި ބޭނުންކުރުމުގެ އިތުރުން ކޮންމެ މުވައްޒަފަކީ ވެސް އޮފީހުގެ އާއިލާގެ މެމްބަރެއް ކަމުގައި ބަލައިގެން އެއް ރޫހެއްގައި އެކުވެރިކަމާ އެކު ކުރިއަށް ދިއުން މުހިންމު ކަމަށް ބުނެފައިވާ ކަމަށެވެ. 

ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް އަދި ޑަބްލިއުއެޗްއޯ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ދެ ދުވަހުގެ މި ސެމިނާ ބާއްވަނީ ސަރުކާރުގެ އިދާރާތަކުގެ އެޗްއާރުގެ އިސްވެރިންނަށް އަމާޒުކޮށް، މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.