އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަރަންސޭސި ވިލާތުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، އެ ގައުމުގެ މުސްލިމުންގެ ޕާޓީ، ޔޫނިއަން އޮފް ފްރެންޗް މުސްލިމް ޑިމޮކްރޭޓްސްގެ ރައީސް ނަޖީބް އަޒްރުގީ ކުރިމަތިލައްވައިފި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ލިޔުންތައް، އިންތިހާބާ ބެހޭ އިދާރާ އަށް ހުށަހެޅުއްވުމަށް ފަހު އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ، ފަރަންސޭސި ވިލާތުގެ މުސްލިމުންނަށް ކުރިމަތިވާ ނަފްރަތާއި ދެކޮޅުވެރިކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. އޭނާ ރައީސް ކަމަށް ކުރިމަތިލެއްވި އިރު، އެ ގައުމުގެ މިހާރުގެ ރައީސް އިމަނުއްލެ މެކްރޯން ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަރަންސޭސި ވިލާތުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މުސްލިމުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ހިންގާ ހަރަކާތްތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. އެކަން ހައްލުކުރެވޭނީ، މުސްލިމުންގެ އަޑު މިހާރަށް ވުރެ ފާޅުކަން ބޮޑު ގޮތެއްގައި އިއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޖީބްގެ ޕާޓީން ދެކޭ ގޮތުގައި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ، އަނިޔާ ލިބޭ މީހުންނާއި މުސްލިމުންގެ އިތުރުން، ނިކަމެތި ހާލަތުގައި ތިބި ފަރަންސޭސި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި، ނަޖީބު އިންތިހާބުގައި ވާދަކުރެއްވުމެވެ.

އިންތިހާބަށް ކުރިމަތިލެއްވުމަށް ފަހު ނަޖީބު ވިދާޅުވީ ފަރަންސޭސި މުޖްތަމައުން އަނިޔާވެރިކަން ނައްތައިލުމަށް ވުރެ މުހިންމު ކަމެއް މިހާރު އެ ގައުމަށް ނެތް ކަމަށެވެ.

"މުސްލިމުންނަކީ ފަރަންސޭސި ވިލާތުގައި އުޅޭ އަދުއްވުންތަކެއް ކަމަށް ގިންތިކޮށް، ދީނީ އާ ހަނގުރާމައެއްގެ ހުޅުގަނޑު ބަޔަކު ރޯކުރަމުން ދާ ވަގުތެއްގައި، މުސްލިމުން ކުރިމަތިލާން ޖެހިފައިވާ އަނިޔާތައް ނިމުމަކަށް ގެނައުމަށް އޮތް ހައްލަކީ އަޅުގަނޑު،" ނަޖީބު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމަށް މި ކުރިމަތިލީ، އިސްލާމް ދީނުގެ ހަގީގަތް އޮޅުވައިލުމަށް ކުރާ މަސައްކަތާ ދެކޮޅަށް. އަދި މި ގައުމުގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް."

ފަރަންސޭސި ރައީސްގެ މަގާމަށް ކުރިމަތިލެއްވިޔަސް، އެލީޒޭ ގަނޑުވަރަށް ވަދެވަޑައިގަތުމަށްޓަކައި ނަޖީބު ކަޑައްތު ކުރައްވަން އޮތީ ވަރަށް އުނދަގޫ ރާސްތާއެކެވެ. ފަރަންސޭސި ގާނޫނު ބުނާ ގޮތުން، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ކެންޑިޑޭޓުންގެ ގޮތުގައި ގަބޫލުކުރެވޭނީ، އެ ގައުމުގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން 30 ދާއިރާއެއްގެ، ކައުންސިލްތަކުގެ މަދުވެގެން 500 މެންބަރުންގެ ތާއީދާ އެކުގައި ހުށަހެޅުމުންނެވެ.

އުމުރުން 42 އަހަރުގެ ނަޖީބަކީ މޮރޮކޯ ދަރިކޮޅުގެ ބޭފުޅެކެވެ. ކޮމިޔުނިކޭޝަން އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނަޖީބު ފަރަންސޭސި ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އިރު، އޭނާގެ ޕާޓީ އުފެއްދީވެސް، މުސްލިމުންނާ މެދު ހިންގާ ނަފްރަތުގެ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެގޮތުން އޭނާ ޕާޓީން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ، ފަރަންސޭސި ވިލާތުގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުމާ ދެކޮޅަށެވެ. އޭގެ އިތުރުން އެ ގައުމުގައި ވަޒަންވެރިވެގެން އުޅޭ ބިދޭސީންނަށް، ލޯކަލް އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް ވެސް އެ ޕާޓީން ވަކާލާތު ކުރެ އެވެ.