ތެލް އަވީވް (ނޮވެމްބަރު 25) - އުމުރުން ފަސް އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިން ދޭން އިޒްރޭލުން ފަށައިފި އެވެ.

ކޮވިޑުގެ އިތުރު ރާޅަކުން ސަލާމަތްވުމަށްޓަކައި އުމުރުން ހަގު ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށާފައި ވަނީ މަދު ގައުމެއްގަ އެވެ.

ކޮވިޑް ވެކްސިން ޖަހައިގެން އެންމެ ފުރަތަމަ ބަލި ކޮންޓްރޯލް ކުރި ގައުމުތަކުގެ ތެރޭގައި އިޒްރޭލް ހިމެނެ އެވެ. އެ ގައުމުގެ އާބާދީގެ ނުވަ މިލިއަން މީހުންގެ ތެރޭން 5.7 މިލިއަން މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. ނަމަވެސް ހޫނު މޫސުގައި އިޒްރޭލުގައި ވަނީ ޑެލްޓާ ވޭރިއަންޓް ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ބޫސްޓާ ޑޯޒް ޖަހަން ފަށައިފަ އެވެ.

އިޒްރޭލުގައި ހަ އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ޖަހަނީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުގައި ހަ އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ޖަހަނީ. --ފޮޓޯ:އޭއެފްޕީ

އިޒްރޭލުގެ ފެތުރުނު ކޮވިޑުގެ އާ ރާޅު ބޮޑުވަޒީރު ނަފްތަލީ ބެނެޓް ސިފަކުރައްވާފައި ވަނީ "ކުޑަކުދިންގެ ރާޅު"ގެ ގޮތުގަ އެވެ. ދާދި ފަހުން އިޒްރޭލުގައި ކޮވިޑް ޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަކީ 11 އަހަރުން ދަށުގެ ކުޑަ ކުދިން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިޒްރޭލުގައި މިހާރު ވެސް ވަނީ 12-17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑުގެ ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ. ނަމަވެސް އެ އުމުރު ފަސް އަހަރަށް ދަށްކުރީ އިޒްރޭލުގެ ސައެންޓިސްޓުންގެ ޕެނަލެއްގެ ލަފާގެ މަތިންނެވެ.

އިޒްރޭލުގައި ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ކެމްޕޭން ފެށުމާ އެކު ބޮޑުވަޒީރު ވަނީ އޭނާގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ވެކްސިން ޖަހަން ވަޑައިގެންފަ އެވެ.

އިޒްރޭލުގައި ފަސް އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ޖަހަނީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުގައި ފަސް އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ޖަހަނީ. --ފޮޓޯ:އޭއެފްޕީ

"އިޒްރޭލުގެ ހުރިހާ ބެލެނިވެރިންނަށް ވެސް އަޅުގަނޑު ގޮވާލަނީ ކުޑަ ކުދިންނަށް ވެކްސިން ޖަހާށޭ. އެއީ ރައްކާތެރި ކަމެއް އަދި އެއީ ކުޑަކުދިން ރައްކާތެރި ކޮށްދޭނެ ކަމެއް،" ނަފްތަލީ ވިދާޅުވި އެވެ.

އެމެރިކާގައި ވެސް ވަނީ 5-11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން މި މަހު ކުރީކޮޅު ފަށައިފަ އެވެ. އިޒްރޭލުގައި ވެސް ކުޑަކުދިންނަށް ވެކްސިން ދޭން ފަށާފައި ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ލިބުނު ފެހި ސިގްނަލްއާ އެކު އެވެ.

ކެނެޑާގައި ވެސް މިހާރު ވަނީ 5-11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފަ އެވެ.