ތެލް އަވީވް (ފެބްރުއަރީ 25) - ވެކްސިން ނުޖަހާ މީހުންގެ ނަންތައް ސަރުކާރުގެ ކަމާބެހޭ އެކި މުވައްސަސާތަކަށް ހިއްސާކުރުމުގެ ގާނޫނެއް އިޒްރޭލުގެ ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.

ޕާލަމެންޓުގެ 30-13 ވޯޓުން ފާސްކުރި މި ގާނޫނުގެ ސަބަބުން ލޯކަލް ގަވަރްމަންޓްތަކަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަދި ވެލްފެއާ މިނިސްޓްރީގެ ބައެއް މީހުންނަށް، ވެކްސިން ނުޖަހާ މީހުންގެ ނަމާއި އެޑްރެސް އަދި ފޯން ނަމްބަރު ހޯދުމުގެ ހައްގު ވަނީ ލިބިފަ އެވެ. ބޭނުމަކީ ވެކްސިން ނުޖަހާ މީހުންނަށް ގުޅައި، ވެކްސިން ޖަހަން ދާން ހިތްވަރު ދިނުން ކަމަށް ޕާލަމެންޓުން ބުނެފައިވެ އެވެ. ގާނޫނު ފާސްކޮށްފައި ވަނީ ތިން މަސް ދުވަހަށް ނުވަތަ އިޒްރޭލުން ކޮވިޑުގެ ބަލިމަޑުކަން ފިލައިދަންދެނެވެ.

އިޒްރޭލުގެ ޕާލަމެންޓުން ބުނެފައި ވަނީ ވެކްސިން ނުޖަހާ މީހުންގެ މައުލޫމާތު، އެ މީހުންނަށް ވެކްސިން ޖެހުމަށް ހިތްވަރު ދިނުން ފިޔަވައި އިތުރު ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. ޕާލަމެންޓުގެ ބަހުސްގައި ބައެއް ފަރާތްތަކުން ވަނީ އެ ބިލުގެ ސަބަބުން މީހުންގެ ޕްރައިވަސީ ގެއްލޭނެ ކަމަށް ބުނެފަ އެވެ.

ނުވަ މިލިއަން މީހުން ދިރިއުޅޭ އިޒްރޭލުން މިހާރު ވަނީ ފައިޒާ ވެކްސިންގެ ދެ ޑޯޒް، އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ދީފަ އެވެ.

އިޒްރޭލުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގައި ވެސް ވެކްސިން ޖަހާފައިވާ މީހުންނަށް ވަނީ ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި ޖިމްތަކަށް ދިއުމުގެ ހުއްދަ އާއި ރެސްޓޯރަންޓްތަކަށް ގޮސް ކެއުމުގެ ހުއްދަދީފައިވެ އެވެ.

އިޒްރޭލުން އުއްމީދުކުރަނީ އެޕްރީލް މަސް ފެށެންވާއިރަށް 6.2 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

"ބޮޑެތި މީހުންގެ ތެރޭން މިލިއަނަކަށް ވުރެ ގިނަ މީހުން އަދިވެސް ވެކްސިން ނުޖަހާ،" ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ. "ދުނިޔޭގެ އެހެން ހިސާބުތަކުގައި މީހުން އެ އުޅެނީ ވެކްސިން ނުލިބިގެން، ވެކްސިންގެ އިންތިޒާރުގައި. އެކަމަކު މިތާނގައި ވެކްސިން ވަނީ މީހުންގެ އިންތިޒާރުގައި."

އިޒްރޭލުން ވަނީ ކޮރޯނާވައިރަހަށް 762,508 މީހުން ޕޮޒިޓިވްވެ 5،649 މީހުން މަރުވެފަ އެވެ.