ތެލް އަވީވް (މާޗް 9) - އިޒްރޭލުގައި ކޮރޯނާވައިރަހުގެ ވެކްސިންގެ ދެ ޑޯޒް އާބާދީގެ 40 ޕަސެންޓް މީހުންނަށް ޖަހައިފި އެވެ.
ވެކްސިންގެ ކާމިޔާބުކަމާ އެކު، ދިރިއުޅުން އާއްމު ހާލަތަކަށް ގެނައުމުގެ ގޮތުން އިޒްރޭލުން ވަނީ އާދިއްތަ ދުވަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓް އަދި ބާތައް، ދެ ޑޯޒް ފުރިހަމަކޮށްފައިވާ، "ފެހި ފާސް" ލިބިފައިވާ މީހުންނަށް ހުޅުވާލައިފަ އެވެ.
ޑިސެމްބަރު މަހު ވެކްސިން ދޭން ފެށި އިޒްރޭލުން މިހާތަނަށް ވަނީ އާބާދީގެ ނުވަ މިލިއަން މީހުންގެ ތެރޭން 3.7 މިލިއަން މީހުންނަށް ފައިޒާ ވެކްސިންގެ ދެ ޑޯޒް ދީފަ އެވެ. ފުރަތަމަ ޑޯޒް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ މީހުން ޖަހައިފަ އެވެ.
އިޒްރޭލުން ފެހި ފާސް ތައާރަފް ކުރީ މިދިޔަ މަހު އެވެ. ވެކްސިން ފުރިހަމަކޮށްފައިވާކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ އެ ފާސް ލިބިފައިވާ ފަރާތްތަކަށް ޖިމްތަކަށް ދިއުމައި ޕޫލަށް އެރުން ވަނީ ހުއްދަކޮށްފަ އެވެ.
ސްކޫލަށް ނުގޮސް އޮންލައިންކޮށް ކިޔަވަމުން ދިޔަ އިޒްރޭލުގެ ދަރިވަރުންގެ ތެރޭން ގިނަ ކުދިން މި ހަފުތާގައި ސްކޫލަށް ދާން ފަށާނެ އެވެ. އަދި ހޮޓާތަކުގެ ހޯލްގައި އިވެންޓްތައް ބޭއްވުމާއި ކުޅިވަރު ކުޅޭ ތަންތަނާއި އަޅުކަންކުރާ ތަންތަން ވެސް ފެހި ފާސް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
އިޒްރޭލުން މިހާތަނަށް ވަނީ 804,591 މީހުން ޕޮޒިޓިވްވެ 5،915 މީހުން މަރުވެފަ އެވެ.