ތެލް އަވީވް (ފެބްރުއަރީ 21) - ކޮވިޑް-19 ޖެހިގެން އެޑްމިޓްކުރަން ޖެހޭ މީހުންނާއި މަރުވާ ރޭޓް، ފައިޒާ ވެކްސިންގެ ސަބަބުން، 95.8 ޕަސެންޓް ދަށްކުރެވިފައިވާ ކަމަށް ދިރާސާތަކުން ދެއްކުމާ އެކު، އިޒްރޭލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށައިފި އެވެ.
ދުނިޔޭގައި އެންމެ ކާމިޔާބުކަމާ އެކު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާ އިޒްރޭލުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް މިހާރު ވަނީ ކޮރޯނާވައިރަހުގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.
ވައިރަސްގެ ކޭސްތައް އިތުރުވާން ފެށުމުން އިޒްރޭލުން ތިން ވަނަ ލޮކްޑައުނަކަށް ދިޔައީ ޑިސެމްބަރު 27 ގަ އެވެ. ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ފިހާރަތަކާއި ލައިބްރަރީތައް އަދި މިއުޒިއަމްތައް، ގައިދުރުކަމާ އެކު، ހުޅުވާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެކަމަކު މާސްކް އަޅަން އަދިވެސް ޖެހެ އެވެ. ހެލްތު މިނިސްޓްރީން ބުނީ މިއީ އާދައިގެ ދިރިއުޅުމަކަށް އައުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އޭގެ އިތުރުން ޖިމްތަކާއި ހޮޓާތައް ވެސް ހުޅުވާން ވަނީ ނިންމައިފަ އެވެ. ކޮންސެޓްތަކާއި ކުޅިވަރު އިވެންޓްތައް ވެސް 75 ޕަސެންޓް ކެޕޭސިޓީގައި ބޭއްވުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް އެ ތަންތަނަށް ވަނުމުގެ ކުރިން "ފެހި ޕާސްޕޯޓް" ބޭނުންވާނެ އެވެ. ފެހި ޕާސްޕޯޓަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދޫކުރާ ސެޓިފިކެޓެކެވެ. ހެލްތު މިނިސްޓްރީން އެ ސެޓިފިކެޓް ދޫކުރަނީ ދެ ވަނަ ޑޯޒަށް ފަހު އެއް ހަފުތާ ފަހުންނެވެ. އޭގެ މުއްދަތަކީ ހަ މަސް ދުވަހެވެ.
ލުއިތައް ދިން ނަމަވެސް އިޒްރޭލުގެ އެއާޕޯޓްތައް ހުޅުވުން ވަނީ ދެ ހަފުތާ އަށް ފަސްކޮށްފަ އެވެ.
އިޒްރޭލުގެ ހެލްތު މިނިސްޓްރީން ބުނީ ފައިޒާ ވެކްސިންގެ ދެ ޑޯޒް ދީފައިވާ މީހުންނަށް ބަލިޖެހުމުގެ 95.8 ޕަސެންޓް ރިސްކް ކުޑަ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ. އަދި ހުން އައުމާއި ނޭވާލުމުގައި ދިމާވާ މައްސަލަތަކަށް އެ ވެކްސިން 98 ޕަސެންޓް އިފެކްޓިވް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ އާބާދީގެ 50 އަހަރުން މަތީ މީހުންގެ 95 ޕަސެންޓަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ވެކްސިން ދޭ ނިމޭނެ ކަމަށެވެ.
ފަލަސްތީނަށް ވެކްސިން ގެންދިއުމަށް ބޯޑަރު ހުޅުވާލުމުގެ ހުއްދަ އިޒްރޭލުން ދިނުމާ އެކު ގާޒާ ސްޓްރިޕްގައި ވެސް ވަނީ ވެކްސިން ދޭން މިހާރު ފަށައިފަ އެވެ. ފުރަތަމަ ގެންދިޔައީ ރަޝިޔާގައި އުފައްދާފައިވާ 2،000 ޑޯޒުގެ ވެކްސިނެވެ.