ތެލް އަވީވް (ފެބްރުއަރީ 2) - އިޒްރޭލުގައި ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ނަތީޖާ ފެނި، ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެ، 60 އަހަރުން މަތީގެ މީހުން ބަލިވާ ރޭޓް ވެސް ދަށްވެއްޖެ އެވެ.
ދުނިޔޭގައި އެންމެ ކާމިޔާބުކަމާ އެކު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާ އިޒްރޭލުން ބުނެފައި ވަނީ ކޭސްތައް ދަށަށް ދިއުމުގެ ނަތީޖާ އަކީ ލޮކްޑައުން ނޫން ކަމަށާއި ދާދި ފަހުން ގިނަ ބަޔަކަށް ވެކްސިން ޖަހާފައިވުން ކަމަށެވެ. އާބާދީގެ ނިސްބަތުން މުޅި ދުނިޔޭގައި މިހާރު އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ގައުމަކީ އިޒްރޭލެވެ.
އިޒްރޭލުގެ ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ވެކްސިންގެ ދެ ޑޯޒް ދީފައިވާ 60 އަހަރުން މަތީގެ 750،000 މީހުންގެ ތެރޭން ޕޮޒިޓިވްވެފައި ވަނީ 531 މީހުން ނުވަތަ 0.07 ޕަސެންޓެވެ. އޭގެ ތެރޭން ބަލިވެގެން އެޑްމިޓް ކުރަން ޖެހިފައި ވަނީ އެންމެ 38 މީހުންނެވެ.
އިޒްރޭލުން ވަނީ ވެކްސިން ދިން މީހުންގެ ތެރޭން މިލިއަނެއްހާ މީހުންގެ މެޑިކަލް ރެކޯޑް ދިރާސާކޮށްފަ އެވެ. އޭގެ ތެރޭގައި 60 އަހަރުން މަތީގެ 743,845 މީހުން ހިމެނެ އެވެ. ދެ ވަނަ ޑޯޒަށް ފަހު ހަފުތާއެއް ވަންދެއް ކޮންމެ މީހަކު ވެސް މޮނިޓާކޮށްފައިވެ އެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރޭން މަރުވެފައި ވަނީ ތިން މީހުންނެވެ. އިޒްރޭލުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި މަރުވި މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އިމިއުނިޓީ އުފެދުމުގެ ކުރިން އެ މީހުންނަށް ކޮވިޑް ޖެހިފައިވުން އެކަށީގެންވާ ކަމަށެވެ. ވެކްސިނުން ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެ ވަނަ ޑޯޒަށް ފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އިޒްރޭލުގެ ނުވަ މިލިއަން މީހުންގެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ. ދެ ވަނަ ޑޯޒް ވަނީ 1.8 މިލިއަން މީހުންނަށް ދީފަ އެވެ. އިޒްރޭލުގައި ދެނީ ފައިޒާ ވެކްސިނެވެ.
ލޮކްޑައުން ނުވަތަ ވެކްސިން؟
އިޒްރޭލުގެ ހެލްތު މިނިސްޓްރީގެ ޑޭޓާގައި ބަލިޖެހުނު މީހުންނާއި ބަލިވި މީހުން ބަލާފައި ވަނީ ހަމައެކަނި ވެކްސިން ދިން މީހުންގެ ތެރޭންނެވެ. ނަމަވެސް ވެއިޒްމަން އިންސްޓިޓިއުޓް އޮފް ސައެންސް، ތެލް އަވީވް ޔުނިވާސިޓީ އަދި އިޒްރޭލުގެ ޓެކްނޮލޮޖީ އިންސްޓިޓިއުޓުގެ ރިސާޗަރުންގެ ދިރާސާގައި ވަނީ ބަލި ޖެހުނު މީހުންގެ އަދަދު ދަށްވެފައި ވަނީ ލޮކްޑައުންގެ ސަބަބުން ނޫން ކަމަށާއި ވެކްސިން ދީގެންކަން ހާމަކޮށްދީފަ އެވެ. ނޭޝަނަލް ޑޭޓާތައް ޕްރޮފެސަރުން އެނަލައިޒްކޮށްފައި ވަނީ މީހުންގެ އުމުރާއި ސިޓީތަކަށް ބަލައިގެންނެވެ. އެ ގޮތުން ވެކްސިން ދިން، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބަލިޖެހޭ މިންވަރާއި ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ ވަރު ދަށްވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. ހަމައެގޮތަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިން ސިޓީތަކުގައި ވެސް ބަލިޖެހޭ މީހުން ވަނީ ދަށްވެފަ އެވެ. އެކަމަކު ލޮކްޑައުންގެ ކުރީކޮޅު މި ބަދަލު މިގޮތަށް ފެނިފައި ނުވާ ކަމަށް ރިސާޗަރުން ބުނެފައިވެ އެވެ.
އަނެއްކޮޅުން އިޒްރޭލުގައި ދެ ވަނަ އަށް އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ޚިދުމަތް ދޭ މައްކަބީ ސާވިސްގެ ޑޭޓާ ދައްކާ ގޮތުން ވެކްސިންގެ ދެ ވަނަ ޑޯޒް ދިން 248،000 މީހުންގެ ތެރޭން ހަފުތާއެއް ފަހުން ކޮވިޑް ޖެހިފައި ވަނީ އެންމެ 66 މީހުން (0.03 ޕަސެންޓް) އަށެވެ. އެ 66 މީހުންގެ ފަރާތުން ފެނިފައި ވަނީ ބަލީގެ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށާއި އެއްވެސް މީހަކު އެޑްމިޓް ކުރަން ނުޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ވެކްސިން ނުދޭ 900،000 މީހުން އެނަލައިޒް ކުރި އިރު، އެ ކެޓަގަރީން 8،250 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެހެންވެ ތަޖްރިބާރުން ބުނަނީ އޭގެ މާނައަކީ އާބާދީ އަށް ވެކްސިން ދީފި ނަމަ 92 ޕަސެންޓް ކާމިޔާބު ކަމަށެވެ. އެއީ ކްލިނިކަލް ޓްރަޔަލްތަކުގައި ފައިޒާގެ ވެކްސިންގެ ކާމިޔާބު ކަމަށް ދެއްކި 95 ޕަސެންޓްއާ ދާދި އެއްވަރުގެ އަދަދެކެވެ.